ދުނިޔެ
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލަން އީރާނުން ގަތަރުގެ މެދުވެރިންނާ ބައްދަލުކޮށްފި
އީރާނުގެ އިސްވެރިންނާއި ޤަޠަރުގެ ވެރިންގެ ބައްދަލުވުން. ފޮޓޯ: އިންޓާނެޓް
ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ހުށަހެޅުމަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ނިއުޔޯކުގައި ގަތަރުގެ މެދުވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ނަމަވެސް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ތެހެރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ހައްލެއް ނުލިބެނީސް ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް އެއްބަސްވުމަކަށް ނާދެވޭނެ ކަމަށެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އަރަޤްޗީ ވިދާޅުވީ، މި ބައްދަލުވުމުގައި ދެކެވުނު ޚިޔާލުތައް ގަތަރުގެ މެދުވެރިން އެމެރިކާއަށް ހުށަހަޅާނެ ކަމަށާއި އަންގާރަ ދުވަހުގެ ނިޔަލަށް ވޮޝިންޓަންގެ ފަހުގެ ޖަވާބެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އީރާނުގެ ޝަރުތުތައް ފުރިހަމަކުރުމަށް ހައްލުތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށާއި، މި ބައްދަލުވުމަށްފަހު ވަގުތުން ތެހެރާނަށް އެނބުރި ވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އދ. ގެ އާންމު މަޖިލީހުގައި އީރާނުން ހުށަހެޅި ޕްލޭނުގައި އެދިފައިވަނީ ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުމަށާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި، އީރާނުގެ ބަނދަރުތައް ވަށައިގެން އަޅާފައިވާ ކަނޑުގެ ބަންދު އުވާލުމަށެވެ. އެ ފިޔަވަޅުތައް އަޅައިފިނަމަ ކަނޑުއޮޅި ހުޅުވާލައި ނިއުކްލިއާ ވާހަކަތައް ފެށިދާނެ ކަމަށް އީރާނުން ބުނި ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ.
އަލްޖަޒީރާއަށް މައުލޫމާތު ދިން އެމެރިކާގެ އޮފިޝަލަކު ބުނި ގޮތުގައި ނުސީދާ މަޝްވަރާތައް ދަނީ ހިނގަމުންނެވެ. ނިއުކްލިއާ މައްސަލައިގައި ކުރިއެރުން ލިބޭނަމަ ފިޔަވަޅުތަކަށް ލުއިދީ ފައިސާ ދޫކުރަން ޓްރަމްޕް ތައްޔާރަށް ހުންނެވި ނަމަވެސް، އެކަންކަން ކުރާނެ ތަރުތީބާ މެދު ދެފަރާތުގެ ދެމެދުގައި އަދިވެސް އިޚްތިލާފުތަކެއް އެބަހުއްޓެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ގާތްގަނޑަކަށް 20 އިންސައްތަ ދައުރުވާ ހޮރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން ތެލުގެ އަގު ވަނީ ފީފާއަކަށް 100 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ މި ކުރިމަތިލުމުން އެމެރިކާ ކާމިޔާބު ހޯދާނެ ކަމަށެވެ. ނަމަވެސް އީރާނުގެ އިސް ވެރިން ވަނީ ބޭރުގެ އެއްވެސް ބާރަކަށް ދޫނުދޭނެ ކަމަށާއި، ގައުމަށް އޮތް ކޮންމެ ނުރައްކަލަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.