ދުނިޔެ

އިނގިރޭސިވިލާތުގެ ވައިގެ މަރުކަޒުގެ މައްސަލައިގައި އިރާނު މީހަކު ހައްޔަރުކޮށްފި

އިނގިރޭސިވިލާތުގެ ވައިގެ މަރުކަޒުގެ މައްސަލައިގައި އިރާނު މީހަކު ހައްޔަރުކޮށްފި

އިނގިރޭސި ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 އޮކްޓޯބަރު 2026، 03:07

02 އޮކްޓޯބަރު 2026، 03:07

އިނގިރޭސިވިލާތުގެ ހުޅަނގު ދެކުނުގައި ހުންނަ އަސްކަރީ ވައިގެ މަރުކަޒެއް ކައިރީގައި ހިނގި ސަލާމަތީ ހާދިސާއަކާ ގުޅިގެން އިނގިރޭސިވިލާތާއި އިރާނުގެ ޕާސްޕޯޓު އޮންނަ އުމުރުން 27 އަހަރުގެ ފިރިހެނަކު ލަންޑަނުން ހައްޔަރުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ކައުންޓަރ ޓެރަރިޒަމް ފުލުހުން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން އުޅުމުގެ ތުހުމަތުގައެވެ. މީގެ އިތުރުން 26 އަހަރުގެ އިނގިރޭސި ރައްޔިތަކާ ވެސް މި މައްސަލައިގައި ވަނީ ސުވާލުކޮށްފައެވެ.

މިދިޔަ އާދީއްތަ ދުވަހު ރޯޔަލް އެއަރ ފޯސް (އާރްއޭއެފް) ފެއަރފޯޑް މަރުކަޒު ކައިރިން ވިއްސަކަށް އަހަރުގެ ފަސް ފިރިހެނުން ގޮވާތަކެތީގެ ކުށްތަކާއި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ނަމަވެސް ފަހުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. ފުލުހުން ހާމަކުރި ގޮތުގައި އެ މަރުކަޒު ކައިރީގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކުން ގޮވާތަކެތި ފެނިފައި ނުވި ނަމަވެސް، ޕެޓްރޯލް ފެނިފައިވެއެވެ. މި މައްސަލައިގައި ބޭރު ގައުމެއްގެ ބައިވެރިވުން އޮތްތޯ ވެސް ބަލަމުން އަންނަ ކަމަށް އިނގިރޭސި ފުލުހުން ބުނެއެވެ.

އިނގިރޭސި ބޮޑުވަޒީރު އެންޑީ ބަރންހަމް ވަނީ މި ހާދިސާގައި އިރާނުގެ ބައިވެރިވުން އޮތް ކަމުގެ ވަރުގަދަ ނިޝާންތަކެއް ހުރި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި ލަންޑަންގައި ހުންނަ އިރާނުގެ އެމްބަސީން ބުނީ މިއީ އިރާނާ ދެކޮޅަށް ހިންގާ ޕްރޮޕެގެންޑާއެއް ކަމަށެވެ.

އާރްއޭއެފް ފެއަރފޯޑް އަކީ މެދުއިރުމަތީގެ ހަނގުރާމަތަކުގައި، ހާއްސަކޮށް ފެބްރުއަރީ މަހުން ފެށިގެން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ ބޮންއަޅާ ބޯޓުތައް ބޭނުންކުރަމުން އަންނަ މުހިންމު މަރުކަޒެކެވެ. އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން މީގެ ކުރިން ވަނީ އެ ގައުމަށް ހަމަލާދޭން ބޭނުންކުރާ ބޭސްތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ ކުރެވިދާނެ ކަމެއް ކަމުގެ އިންޒާރު ދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450