ދުނިޔެ
ފްލައިޓް މަނާކުރުން އުވާލަން އީރާނުން އިރާގަށް ގޮވާލައިފި
އިރާޤުގެ އެއަރޕޯޓެއް. ފޮޓޯ: ރޮއިޓާސް
އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރު ކުރުމަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލައި، އާންމު ވައިގެ ދަތުރުފަތުރު ފުރިހަމައަށް އަލުން ފެށުމަށް އީރާނުން އިރާގަށް ގޮވާލައިފިއެވެ.
މި ގޮވާލުން އައިސްފައިވަނީ މި ހަފުތާގެ ކުރީކޮޅު އިރާގުގެ އެއް އެއާޕޯޓަށް ދަތުރުތައް ބައެއް މިންވަރަކަށް އަލުން ފަށާފައި ވަނިކޮށެވެ.
ބުރާސްފަތި ދުވަހު އީރާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި، އީރާނުގެ ވިޔަފާރިއާއި ވައިގެ ދަތުރުފަތުރަށް ހުރަސްއެޅުމަށް ވޮޝިންގޓަނުން ކުރަމުންދާ މަސައްކަތްތަކަކީ "ޣައިރު ގާނޫނީ އަދި އިންސާނިއްޔަތާ ހިލާފު" ކަމެއްގެ ގޮތުގައި ސިފަކޮށް ކުށްވެރިކޮށްފައިވެއެވެ. އަދި މިލިއަނުން ދަތުރުކުރާ ދެ ގައުމުގެ ރައްޔިތުންގެ ހައްގުގައި މި މައްސަލައަށް މިނިވަން އަދި ޒިންމާދާރު ހައްލެއް ހޯދުމަށް ބަޣުދާދަށް ވަނީ ގޮވާލާފައެވެ.
ނަޖަފާއި އީރާނާ ދެމެދު ދަތުރުތައް ހޯމަ ދުވަހުގެ ރޭ އަލުން ފަށާފައިވީ ނަމަވެސް، ބަޣުދާދު، އުރުބީލް އަދި ސުލައިމާނިއްޔާ އެއާޕޯޓުތަކަށް ދަތުރުތައް އަދިވެސް ވަނީ މެދުކެނޑިފައެވެ. އިރާގުން އީރާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔާސިރު އަބްދުއްޒަހްރާ އަލްހައްޖާޖު ވިދާޅުވީ، އިރާގު ސަރުކާރުން އީރާނުގެ ދަތުރުތައް މެދުކަނޑާލަން ނިންމާފައި ނުވާ ކަމަށާއި، ދަތުރުތައް ހުއްޓުނީ ބޭރުގެ ގްރައުންޑް ހޭންޑްލިން ކުންފުނިތަކުން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބިރުން ޚިދުމަތް ދިނުމަށް ދެކޮޅު ހެދުމުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިރާގުގެ އެކި ސަރަހައްދުތަކުގައި އާންމުން މުޒާހަރާ ކޮށްފައިވާއިރު، އިރާގު ސަރުކާރުން ވަނީ ބޭސްފަރުވާއާއި، ތައުލީމާއި އަދި ދީނީ ޒިޔާރަތްތައް ފަދަ އިންސާނީ ކަންކަމަށް ރިއާޔަތްކޮށް އެމެރިކާގެ މި ދަތިކުރުމުގެ ފިޔަވަޅުތަކުން އިސްތިސްނާއެއް ހޯދުމަށް އެދިފައެވެ.