ދުނިޔެ

އިންޑިއާގެ އިލެކްޝަންސް ވެރިޔާގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާތައް ވަރުގަދަކޮށްފި

އިންޑިއާގެ އިލެކްޝަންސް ވެރިޔާގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާތައް ވަރުގަދަކޮށްފި

އިންޑިއާގައި ކުރަމުންދާ މުޒާހަރާތައް. ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 އޮކްޓޯބަރު 2026، 10:27

05 އޮކްޓޯބަރު 2026، 10:27

އިންޑިއާގެ އިލެކްޝަންސް ކޮމިޝަން (އީސީއައި) ގެ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔާނޭޝް ކުމާރު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި، އެ ގައުމުގެ އިދިކޮޅު ފަރާތްތަކާއި އެތައް ހާސް ޒުވާނުންނެއް މުޒާހަރާ ކުރާތާ މިއަދަށް ތިން ދުވަސް ވެއްޖެއެވެ. މި މުޒާހަރާތައް ފެށިފައިވަނީ ވޯޓާސް ލިސްޓު އިސްލާހު ކުރުމުގެ ނަމުގައި މިލިއަނަކަށް ވުރެ ގިނަ މީހުންގެ ނަން, ވޯޓުލާ މީހުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށް ބުނެ ހުކުރު ދުވަހުއެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ވޯޓުލުމުގެ ހައްގުން މީހުން މަހުރޫމު ކުރުމުގެ މި އަމަލުގެ ފައިދާ ލިބެނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނާއި ބީޖޭޕީން ވެސް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ވޯޓާސް ލިސްޓު މުރާޖައާ ކުރުމަކީ މަރުވެފައިވާ މީހުންނާއި ޝަރުތު ހަމަނުވާ މީހުން އަދި ތަކުރާރުވާ ނަންތައް އުނިކުރުމަށް ކުރެވޭ ކަމެއް ކަމަށެވެ.

މުމްބާއީގައި އާދީއްތަ ދުވަހު ކުރިއަށްދިޔަ ބޮޑު ހިނގާލުމުގައި އިދިކޮޅު ލީޑަރުން ކަމަށްވާ ރާޖް ތާކްރޭ އަދި އުއްދަވް ތާކްރޭ ބައިވެރިވެވަޑައިގެންނެވިއެވެ. މި އެއްވުމުގައި ވާހަކަދައްކަވަމުން ރާޖް ތާކްރޭ ވިދާޅުވީ، ވެރިކަމުގައި ތިބޭނީ ކޮން ބައެއްކަމާއި އިދިކޮޅުގައި ތިބޭނީ ކޮން ބައެއްކަން ނިންމާނީ މި ގައުމުގެ ރައްޔިތުން ކަމަށާއި އެއީ އިލެކްޝަންސް ކޮމިޝަނުން ނިންމަންޖެހޭ ކަމެއް ނޫން ކަމަށެވެ.

ވެރިރަށް ނިއު ދިއްލީގައި ވެސް މުޒާހަރާގެ ބައިވެރިން އެއްވަމުން ދިޔައިރު، ފުލުހުން ވަނީ ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށް ބަސްތަކުގައި ގެންގޮސްފައެވެ. މީގެ ތެރެއިން ބައެއް މީހުން ދޫކޮށްލި ނަމަވެސް، އެއްވުން މަނާކޮށްފައިވާ ސަރަހައްދުތަކަށް އެއްވި ކަމުގެ ތުހުމަތުގައި ބައެއް މީހުންގެ މައްޗަށް މައްސަލަ ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މުޒާހަރާތަކާ ގުޅިގެން ކުމާރު އަދި އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރުމަށް އިދިކޮޅު އިއްތިހާދުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޑިމޮކްރަސީ ސަލާމަތް ކުރުމުގެ ނަމުގައި އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނުގެ އޮފީހަށް ހިނގާލުމެއް ބޭއްވުމަށާއި، އޮކްޓޯބަރު 10 ވަނަ ދުވަހު ނިއު ދިއްލީގައި ބޮޑު އެއްވުމެއް ބޭއްވުމަށް ވަނީ ރާވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450