ދުނިޔެ

ހިޔާވަހިކަމެއް ނެތި ފިނި މޫސުމާ ކުރިމަތިލާން ޖެހުމުން ޣައްޒާގެ ރައްޔިތުން ބިރުވެރިކަމެއްގައި

ހިޔާވަހިކަމެއް ނެތި ފިނި މޫސުމާ ކުރިމަތިލާން ޖެހުމުން ޣައްޒާގެ ރައްޔިތުން ބިރުވެރިކަމެއްގައި

ޣައްޒާގެ ފޭލިގެއެއްގައި ދިރިއުޅޭ އާއިލާއެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 އޮކްޓޯބަރު 2026، 12:40

05 އޮކްޓޯބަރު 2026، 12:40

އިސްރާއީލުން ޣައްޒާއަށް އަޅަމުންދާ ހުރަސްތަކުގެ ސަބަބުން އެކަށީގެންވާ ހިޔާވަހިކަމާއި އިންސާނީ އެހީތެރިކަމެއް ނެތި، ގެދޮރު ގެއްލިފައިވާ އެތައް ހާސް ރައްޔިތުންނެއް އިތުރު ފިނި މޫސުމަކާ ކުރިމަތިލާން ޖެހި ތިބީ ބިރުވެރިކަމެއްގައެވެ.

ދެކުނު ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުން ވަނީ ފިނި މޫސުން ފެށުމުގެ ކުރިން ޓެންޓާއި، ރަޖާއާއި އަސާސީ ސާމާނު ފޯރުކޮށްދިނުމަށް އެދި އާދޭސްކޮށްފައެވެ.

ޚާން ޔޫނިސްގެ ފަޝް ފަރްޝް ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ ގިނަ އަދަދެއްގެ މީހުން ވަނީ އިހުތިޖާޖުކޮށް، ކާބޯތަކެއްޗާއި ބޭސްފަރުވާ އަދި ހިޔާވަހިކަމުގެ ސާމާނު ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ގޮވާލާފައެވެ. އިހުތިޖާޖުގެ ބައިވެރިން ބުނަމުންދަނީ އެމީހުންގެ ޓެންޓުތައް ވީދި ހަލާކުވެފައިވާ ކަމަށާއި، ބަނޑުހައިހޫނުކަމާއެކު ގޮތް ނޭނގޭ ހާލަތަކަށް ދޫކޮށްނުލުމަށެވެ.

އާއިލާތަކުން ފާހަގަކުރާ ގޮތުގައި ވޭތުވެދިޔަ ފިނި މޫސުމުގައި ބޯ ވާރެއާއި ފެންބޮޑުވުމުގެ ސަބަބުން ޓެންޓުތައް ހަލާކުވެ، ފިނީގެ ސަބަބުންނާއި އިމާރާތްތައް ވެއްޓިގެން ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ މަރުވެފައެވެ. ފަޝް ފަރްޝް ސަރަހައްދުގައި ހުރި 35 ކޭމްޕެއްގައި 40،000 އެއްހާ މީހުން ދިރިއުޅެމުންދާއިރު، އެ އެންމެންނަށް ވެސް ކާބޯތަކެއްޗާއި ސިއްހީ އެހީތެރިކަން ވަނީ ނުހަނު ބޮޑަށް ބޭނުންވެފައެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް ޣައްޒާއިން 74،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 175،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ބިމާ ހަމަކޮށްފައެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450