ރިޕޯޓް
މުދައްރިސުން، ޒިންމާދާރު ލޯބި ލޯބި ބައެއް
ޣައްޒާގެ ދެމުދައްރިސެއް ހަލާކުވެފައިވާ ކްލާސް ރޫމެއްގައި ކިޔަވައިދެނީ
ހެޔޮގޮތުގައި ޤައުމެއް ބިނާ ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާ ބަޔަކީ މުދައްރިއްސުންނެވެ. ތަރުބަވީ މަސައްކަތާއި، ސިކުނޑިތަކަށް ބޭނުންވާ ތަޢުލީމުގެ އަލި ދަންމަރުން ޤައުމުގެ ޅަޖީލަށް އަލިކޮށްދޭ ބަޔަކީ ލޮބުވެތި މުދައްރިސުންނެވެ.
މުދައްރިސުންނަކީ ޒިންމާ ބޮޑު، މަސްޢޫލިައްޔަތުތައް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާ އަދި ކުރައްވަމުން ގެންދަވާ ބަޔެކެވެ. މުދައްރިސުން ކޮށްދެއްވަމުން ގެންދަވަނީ އަގު ވަޒަން ނުކުރެވޭފަދަ، އަގުމަގު ނުކިޔޭފަދަ އަގުހުރި ޚިދުަމަތްތަކެވެެ.
މުދައްރިސުގެ ދައުރު ބިނާވެފައިވަނީ މުސްތަޤުބަލުގެ ލީޑަރުން ތައްޔާރުކުރުމުގެ މައްޗަށެވެ. މިއީ ހަމައެކަނި ފޮތްތަކުން ތަޢުލީމު އުނގަންނައިދިނުމެއް ނޫނެވެ. އޭގެ އިތުރުން ކަންކަމުގައި ބައިވެރިވުމަށް ލޯބިކުރުވުުމާއި، އެހެން މީހުންނަށް އިޙްތިރާމްކުރުމާއި، ތަފާތުތައް ބަލައިގަތުމާއި، އަދި އަޚްލާޤީ ނިންމުންތައް ނިންމުމަށް ކުދިން ތަރުބިއްޔަތު ކުރުމެވެ.
ކްލާސްރޫމުގައި ރައްކާތެރި މާޙައުލެއް ޤާއިމުކުރުމަކީ، ކުރިމަގުގައި އެކުދިން ވާންވީ ލީޑަރުންގެ ސިފަތައް އެކުދިންގެ ކިބައިގައި އަށަގަންނުވާނެ ކަމެކެވެ. އަދި މި މަރުޙަލާގައި ތިމާއަކީ މުހިންމު މީހެއްކަން ދަރިވަރަށް އިޙްސާސްކޮށްދިނުމަކީ މުދައްރިސުގެ ޒިންމާއެކެވެ. ސަބަބަކީ އިންސާނިއްޔަތުގެ މުސްތަޤުބަލު ބިނާވެފައިވަނީ އަޚްލާޤާއި ޒިންމާދާރުކަން ހުރި، މައްސަލަތައް ޙައްލުކުރުމުގެ ހުނަރާއި، އެކި ފަރުދުންނާއި ސަޤާފަތްތަކާ މުވާޞަލާތުކުރުމުގެ ޤާބިލުކަން ހުރި ތަޢުލީމީ ލީޑަރުންގެ މައްޗަށް ކަމަށްވުމެވެ.
އުޅުމާއި އަޚްލާޤު ރަނގަޅު ކަމަށް ފާހަގަކޮށްލެވޭ މުދައްރިސުންނަކީ، ދަރިވަރުންގެ ޙަޔާތުގައި އެންމެ ފުރަތަމަ ނަމޫނާއެވެ. އެންމެންނަށް މިކަން ނޭނގުނު ކަމުގައިވިޔަސް، އަދި މީޑިއާގެ ވަސީލަތްތަކުން މަޝްހޫރު ޝަޚުޞިއްޔަތެއް، ކުޅިވަރު ތަރިއެއް ނުވަތަ ތަޖުރިބާކާރު ސިޔާސީ ބޭފުޅެއް ފަދަ ނަމޫނާއެއް ހޯދަން މީހުން މަސައްކަތްކުރި ނަމަވެސް، ދަރިވަރުންނަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާ މިސާލަކީ މުދައްރިސެވެ.
އެއީ ކުޑައިރުއްސުރެ ދަރިވަރުންގެ ދިރިއުޅުމަށް މުދައްރިސުގެ ފަރާތުން ކުރާ އަސަރެއްގެ ސަބަބުންނެވެ. އެއީ ހަމައެކަނި އުނގަންނައިދޭތީއެއް ނޫނެވެ. އަދި ކިއެއްތަ، އެކުދިންނަށް ލޯތްބާއި އަޅާލުން ދޭތީވެސް މެއެވެ. ދަރިވަރުން އެކުދިންގެ ގިނަ ވަގުތު ސްކޫލުގައި ހޭދަކުރަނީ މުދައްރިސުންނާ އެކުގައެވެ.
މިއީ މުދައްރިސުގެ ކޮނޑުގައި އެޅިފައިވާ ޒިންމާ އިތުރަށް ބޮޑުވެގެންދާ ކަމެކެވެ. އަދި އޭނާގެ ދަރިވަރުންނަށް ރަނގަޅު ނަމޫނާއަކަށް ވުމަށްޓަކައި ބުރަކޮށް މަސައްކަތް ކުރުމަށް ބާރުއަޅައެވެ.
ކުލާސްރޫމުގެ ތެރެއިން ހުނަރުވެރި ދަރިވަރުން ދެނެގަނެ، އެހެން ދަރިވަރުންނާ އެކުދިންގެ ތަފާތު ދެނެގަތުމުގެ ހުނަރު ފާހަގަކޮށްލެވޭ މުދައްރިސުންގެ ކިބައިގައި ހުރެއެވެ. މިއީ އާދައިގެ ކުލާސްތަކުގެ ދާއިރާއިން ބޭރުން، ދަރިވަރުގެ ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުމަށް ނުވަތަ އެކުދިންގެ ޤާބިލުކަން ދެނެގަނެ ތަރައްޤީ ކުރުމަށްޓަކައި ޚާއްޞަ ހުނަރުވެރި ދަރިވަރުންގެ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް ފުރުޞަތު ފަހިކޮށްދޭ ކަމެކެވެ.
އެހެންކަމުން، ހުނަރުވެރި ދަރިވަރުންގެ އަގުވަޒަންކުރުމުގެ ޤާބިލުކަން ހޯދައިދިނުމަށްޓަކައި ހުރިހާ މުދައްރިސުންނަށް ބޭނުންވާ ތަމްރީނާއި އުނގަންނައިދިނުމުގެ އުސޫލުތައް އުނގަންނައިދޭން ޖެހެއެވެ.
ޤާބިލް މުދައްރިސެއްގެ މުހިންމު ސިފަތަކެއް ހުރެއެވެ. އޭގެ ތެރޭގައި ދަރިވަރުންނާ ގުޅުން ޤާއިމުކުރުމުގެ ޤާބިލުކަން ހުރުން ހިމެނެެއެވެ. މުދައްރިސުގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށާއި، ދަރިވަރުންގެ ކުރިމަތީގައި އޭނާގެ ޚިޔާލުތައް ފާޅުކުރުމުގެ ޤާބިލުކަން ހޯދުމަށްޓަކައި މުވާޞަލާތުކުރުމުގެ މަތީ ހުނަރާއި އަޑުއެހުމުގެ ހުނަރު ބޭނުންވެއެވެ. މީގެއިތުރުން ލަނޑުދަނޑިތައް ޙާޞިލުކުރުމަށާއި އުފެއްދުންތެރި ޚިޔާލުތަކަށް ވާސިލުވުމަށްޓަކައި އެއްބާރުލުން ދިނުމަށާއި ގުޅިގެން މަސައްކަތްކުރުމަށް ދަރިވަރުންނަށް ހިތްވަރުދޭން ޖެހެއެވެ.
ދަރިވަރުންގެ ޠަބީޢަތާއި އެކުދިންގެ ބޭނުންތައް ފުރިހަމައަށް ދެނެގަތުމަކީ ޤާބިލް މުދައްރިސެއްގެެ ކިބައިގައި ހުންްނާނެ އެއްސިފައެވެ. އަދި އުމުރުފުރައާއި، ލިބެންހުރި ވަސީލަތްތަކާއި، ކަނޑައެޅިފައިވާ މަންހަޖާ އެއްގޮތަށް ކިޔަވައިދިނުމުގެ އުސޫލުތައް ބަދަލުކުރުމުގެ ލުއިފަސޭހަކަމާއި ހޭނުމުގެ ޤާބިލުކަން ހުރުމެވެ. މީގެއިތުރުން އުފެއްދުންތެރި އަދި ދަރިވަރުން ޝައުޤުވެރިވާނެ އުސޫލުތައް ބޭނުންކުރުމެވެ.
ކެތްތެރިކަމާއި، އަޅާލުމާއި، އޯގާތެރިކަމުގެ ސިފަ މުދައްރިސުންނަށް ލިބިގެންވެއެވެ. މުދައްރިސަކީ އޭނާގެ ދަރިވަރުންނަށް ހަމްދަރުދީވާ، އަދި ކޮންމެ ދަރިވަރެއްގެ ޙާލަތު ވަކިވަކިން ވަޒަންކުރާ، އަދި ދަރިވަރުންނާއި ބެލެނިވެރިންނާ މުޢާމަލާތުކުރުމުގައި އެއްވަރަކަށް ކެތްތެރިކަން އިސްކުރާ މީހަކަށް ވާންޖެހޭނެއެވެ.
ކިޔަވައިދިނުމަށް ޚާއްޞަ އިސްކަމެއް ދިނުމަކީ ޤާބިލް މުދައްރިސެއް ފުރިހަމަ ކޮށްދޭ އެއް ސިފައެވެ. އެއީ ދަރިވަރުންގެ ޢަމަލީ ޙަޔާތަށް ފައިދާކުރާނެ ހުނަރުތައް ދަސްކޮށްދިނުމަށާއި، ދިރިއުޅުން ދެނެގަތުމުގައި އެކުދިންނަށް އެހީތެރިވެދިނުމަށް ތަޢުލީމީ ޕްރޮސެސް އަމާޒުކުރުމެވެ.
ތަޢުލީމީ ޙަޔާތުގައި ދަރިވަރުންނަށް ދިމާވާ ކޮންމެ މުދައްރިސަކީވެސް އެދަރިވަރެއްގެ ޙަޔާތާ ވަރަށް ބޮޑަށް ގުޅިލާމެހިގެންދާ ބައެކެވެ. އެހެންކަމުން ކޮންމެ މުދައްރިސަކުވެސް ވާންވާނީ ކޮންމެ ދަރިވަރަކަށްވެސް އޯގާތެރިވާ އަދި ޢިބްރަތުން ފުރިގެންވާ ފިލާވަޅުތައް ދެއްވާނެ ފަދަ މުދައްރިސަކަށެެވެ.