ދުނިޔެ
އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ބޯހިޔާވަހިކަމުގެ ބޮޑުބައެއް ސުންނާފަތިވެއްޖެ
ހަލާކުވެފައިވާ ޣައްޒާ. ފޮޓޯ: އަލްޖަޒީރާ
ދުނިޔޭގެ އަދި އަރަބި ބޯހިޔާވަހިކަމުގެ ދުވަހާ ގުޅުވައިގެން، ފަލަސްތީނުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޣައްޒާއާއި ފަލަސްޠީނުގެ އެހެން ސަރަހައްދުތަކަށް އިސްރާއިލުން ދިން ހަމަލާތަކުގައި ލިބިފައިވާ ގޯތިގެދޮރުތަކުގެ ތަފާސްހިސާބު އާންމުކޮށްފިއެވެ.
އެބިއުރޯއިން އާންމުކުރި ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، އިސްރާއީލުން ފަލަސްތީނުގެ ގެދޮރާއި އިމާރާތްތަކަށް ދެމުންދާ ހަމަލާތަކުގެ އަސަރުކޮށް ހަލާކުވފައިވަނީ ހަމައެކަނި ޣައްޒާއެއް ނޫނެވެ. އިސްރާއިލްގެ ހަމަލާތަކުގެ ސަބަބުން ހުޅަނގު އައްސޭރީގެ ޖިނީން އަދި ތުލްކަރަމް ފަދަ ރެފިއުޖީ ކޭމްޕުތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ގެދޮރަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ދީފައެވެ.
އދ. ގެ ތަފާސްހިސާބުތަކަށް ހަވާލާދީ ފަލަސްތީނުގެ ސްޓެޓިސްޓިކްސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ޣައްޒާގައި ހުރި އިމާރާތްތަކުގެ 82 އިންސައްތަ ވަނީ ހަލާކުވެފައެވެ. މިއީ ގާތްގަނޑަކަށް 200،000 އިމާރާތް ނުވަތަ 328،627 އަށްވުރެ ގިނަ ހިޔާވަހިކަމުގެ ޔުނިޓެވެ. މީގެ ތެރެއިން 134،422 އިމާރާތް އެއްކޮށް ބިމާ ހަމަވެފައިވާއިރު، 13،848 އިމާރާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މީގެ އިތުރުން، ޣައްޒާގެ އާބާދީގެ 2.1 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ގެދޮރު ގެއްލި މަގުމަތިވެފައެވެ. އެމީހުން ދިރިއުޅެން މަޖުބޫރުވެފައިވަނީ ޣައްޒާގެ ބިމުގެ 40 އިންސައްތައަށްވުރެ ކުޑަ ސަރަހައްދެއްގައެވެ. އަދި ފެނާއި ނަރުދަމާގެ 90 އިންސައްތަ ވަސީލަތްތައް ހަލާކުވެފައިވުމުން، އާއިލާތަކުގެ 70 އިންސައްތަ މީހުންނަށް ދުވާލަކު ލިބެނީ ބޮލަކަށް އެންމެ 6 ލީޓަރުގެ ފެނެވެ.
ހުޅަނގު އައްސޭރީގެ ޖިނީން ކޭމްޕުގެ 53 އިންސައްތަ އިމާރާތާއި، ނޫރު ޝަމްސް ކޭމްޕުގެ 55 އިންސައްތަ އަދި ތުލްކަރަމް ކޭމްޕުގެ 37 އިންސައްތަ އިމާރާތް ވަނީ އިސްރާއީލުގެ ހަމަލާތަކުގައި ހަލާކުވެފައެވެ. އަދި ބިންތައް ފޭރިގަތުމާއި ގެދޮރު ތަޅާލުމުގެ އަމަލުތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ރެފިއުޖީންނަށް ވެފައެވެ.