ދުނިޔެ
މޯކާ އަލުން ހިފި ކަމަށް ބުނުމުން ހޫޘީން އެކަން ދޮގުކޮށްފި
ހޫޘީންގެ ހަނގުރާމަވެރިއެއް. ފޮޓޯ: އޭއެފްޕީ
ޔަމަނުގެ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ސަރުކާރުގެ ލަޝްކަރުތަކުން، ސްޓްރެޓީޖިކް ބަނދަރުމަތީ ސަހަރެއް ކަމަށްވާ މޯކާ އަދި ބާބުލް މަންދަބް ކަނޑުއޮޅި ކައިރީގައިވާ މުހިންމު ސަރަޙައްދުތައް ހޫޘީންގެ އަތްދަށުން އަލުން މިނިވަންކޮށްފައިވާ ކަމަށް ބުނުމުން، ހޫޘީން އެ ވާހަކަތައް ދޮގުކޮށްފިއެވެ.
ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުގެ އެއްބާރުލުމާއެކު ހިންގާ ބޮޑު އަސްކަރީ އޮޕަރޭޝަނުގެ ދަށުން، 2014 ވަނަ އަހަރުން ފެށިގެން ހޫޘީންގެ ބާރުގެ ދަށުގައި އޮތް ވެރިރަށް ސަންޢާ ހިފުމަށް ވެސް ސްޓްރެޓީޖިކް ހަމަލާތަކެއް ފަށާފައިވާ ކަމަށް ސަރުކާރުގެ އަސްކަރިއްޔާއިން ހޯމަ ދުވަހު ވަނީ ހާމަކޮށްފައެވެ.
ސަރުކާރުގެ އަސްކަރިއްޔާއިން 'އެކްސް' ގައި ހާމަކުރި ގޮތުގައި މޯކާ ސިޓީގެ ކޮންޓްރޯލް އަލުން ހޯދީ ހޫޘީންނާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކަކަށް ފަހުގައެވެ. މި ކުރިމަތިލުންތަކުގައި ހޫޘީންގެ ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. މީގެއިތުރުން ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ވެސް ވަނީ ހޫޘީންނާ ދެކޮޅަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ ވިދާޅުވި ގޮތުގައި، ސަރުކާރު ސިފައިންނަށް ވާގިވެރިވުމަށް 100 ހަނގުރާމަމަތީ ބޯޓު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ބާބުލް މަންދަބް ސަރަޙައްދުގެ ވައިގެ ސަލާމަތްތެރިކަން ކަށަވަރުކޮށް، ހޫޘީންގެ އެތައް ސަތޭކަ އަމާޒަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މޯކާ ސިޓީ ސަރުކާރުގެ ބާރުގެ ދަށަށް ގޮސްފައިވާ ކަމަށް ބުނާ ވާހަކަތައް ހޫޘީން ވަނީ ދޮގުކޮށްފައެވެ. ތާއިޒް ގަވަރުނަރޭޓުގައި ހުންނަވާ ހޫޘީންގެ ޑެޕިއުޓީ ގަވަރުނަރު ފުއާދު ސިނާން، މޯކާ ސިޓީގެ މަގުމަތީގައި ހުންނަވައި ޢާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އެ ސިޓީ އަދިވެސް އޮތީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައި ކަމަށާއި މީޑިއާތަކުގައި ފެތުރެމުންދަނީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި ދެފަރާތުން ދައްކާ ވާހަކަތައް މިނިވަން މަސްދަރަކުން ކަށަވަރުކުރެވިފައި ނުވި ނަމަވެސް، ބާބުލް މަންދަބުގެ ދެކުނު ސަރަޙައްދާއި ތާއިޒް ސިޓީ ކައިރީގައި ދަނީ ވަރުގަދަ ހަނގުރާމައެއް ހިނގަމުންނެވެ.
މި ކުރިމަތިލުންތަކުގެ ތެރޭގައި ހޫޘީން ވަނީ ރިޔާޒުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި ރާބިޣްގައި ހުންނަ އަރާމްކޯ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ހަމަލާދީފައިވާ ކަމަށް ދަޢުވާކޮށްފައެވެ. ނަމަވެސް މިކަން ސަޢޫދީ ޢަރަބިއްޔާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ޔަމަނުގެ މަސްރަޙު އަލުން ގޯސްވެގެން ގޮސްފައި މިވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާއި ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން މެދުއިރުމަތީގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
މި ކުރިމަތިލުންތަކާ ގުޅިގެން ތުރުކީ، ޕާކިސްތާން އަދި ސަޢޫދީ ޢަރަބިއްޔާގެ ދިފާޢީ އަދި ޚާރިޖީ ވަޒީރުން ވަނީ ރިޔާޒުގައި ބައްދަލުކުރައްވައި، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ސަޢޫދީއަށް އެހީވުމަށް އަސްކަރީ ފައުޖުތައް ފޮނުވުމަށް އެއްބަސްވެފައެވެ. ސަޢޫދީގެ ދިފާޢީ ވަޒީރު ޚާލިދު ބިން ސަލްމާން ވިދާޅުވީ، ދޭ ހަމަލާތަކަށް ރައްދު ދިނުމަށާއި ސަޢޫދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މި އިއްތިހާދުން ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.