ދުނިޔެ

އެމެރިކާއާއެކު މަޝްވަރާކުރުމަކީ ބޭކާރު ކަމެއް: އީރާނުގެ ރައީސް ޕެޒެޝްކިއަން

އެމެރިކާއާއެކު މަޝްވަރާކުރުމަކީ ބޭކާރު ކަމެއް: އީރާނުގެ ރައީސް ޕެޒެޝްކިއަން

އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 އޮކްޓޯބަރު 2026، 02:04

06 އޮކްޓޯބަރު 2026، 02:04

އެމެރިކާއާއެކު ސުލްހައިގެ މަޝްވަރާތައް ބޭއްވުމަށްފަހު ވެސް ހަމަލާތައް ދެމުންދާތީ، އެ ގައުމާއެކު ވާހަކަދެއްކުމަކީ އެއްވެސް މާނައެއް ނެތް "ބޭކާރު" ކަމެއް ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ކުރީކޮޅު ފެށުނު މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް މާބޮޑު ކުރިއެރުމެއް ނުލިބިވާ ދަނޑިވަޅެއްގައި ޕެޒެޝްކިއަން މިހެން ވިދާޅުވީ ދައުލަތުގެ ނިއުސް އޭޖެންސީ އިރްނާ (IRNA) އަށް ދެއްވި ބަޔާނެއްގައެވެ.

ޕެޒެޝްކިއަން ވިދާޅުވި ގޮތުގައި، ވާހަކަތައް ދެއްކި ފަހުން ވެސް އެމެރިކާއިން އީރާނަށް ތިން ފަހަރެއްގެ މަތިން ހަމަލާދީފައިވާ ކަމަށާއި، މީގެން ދޭހަވަނީ އެމީހުން ބޭނުންވަނީ މަޝްވަރާ ނޫން ކަމާއި އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާ ވައްޓާލުން ކަމަށެވެ. އަދި ކޮންމެ ދުވަހަކު މީހުން މެރުމާއި، ދަތިކުރުމުގެ ފިޔަވަޅުތަކާއި، ފިއްތުންތަކާއި އިންޒާރުތައް ދީ، ވެފައިވާ އެއްބަސްވުންތަކާ ޚިލާފުވާ ދުޝްމަނަކާއެކު މަޝްވަރާކުރުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގެ މި ހަނގުރާމަ ފެށުނީ ފެބުރުއަރީ މަހުގެ ފަހުކޮޅު، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ވޮޝިންޓަނާއި ތެހެރާނާ ދެމެދު މަޝްވަރާތައް ކުރިއަށްދަނިކޮށް، އެމެރިކާއާއި އިޒްރޭލުން ކުއްލި ގޮތަކަށް އީރާނަށް ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެންނެވެ. ހަނގުރާމަ ކުރަމުންދާ ދެ ފަރާތުން ޖޫން މަހު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ފްރޭމްވޯކަކަށް އެއްބަސްވި ނަމަވެސް، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތަކަކަށް އީރާނުން ހަމަލާދިނުމާ ގުޅިގެން އެމެރިކާއިން އަނެއްކާވެސް އަސްކަރީ ހަރަކާތްތައް ފެށިއެވެ. އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ދާދިފަހުން ނުސީދާކޮށް ބޭއްވި މަޝްވަރާތަކަށް ވެސް އެއްވެސް ކުރިއެރުމެއް ނުލިބި، ސުލްހައިގެ ވާހަކަތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ފަހަކަށް އައިސް އެމެރިކާއިން އަސްކަރީ ހަރަކާތްތައް މަދުކޮށް، އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވުމަށް އިސްކަންދެމުންދާއިރު، ސެޕްޓެމްބަރު 1 ގެ ފަހުން އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފައެއް ނުވެއެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އާދީއްތަ ދުވަހު ވިދާޅުވީ އެ ގައުމާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައަށް އަސްކަރީ ހައްލެއް އަދި އާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްޗަށް ބިނާވާ ހައްލެއް ވެސް ނެތް ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރެވޭނީ އިންސާފުވެރިކަމާއެކު ކުރެވޭ މަޝްވަރާތަކަކުން އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް ކަމަށް ބުނެ އެމެރިކާއާއި އިޒްރޭލުން މި ހަނގުރާމަ ފެށި ނަމަވެސް، މިހާރު މި ކުރިމަތިލުންތައް ބޮޑަށް އަމާޒުވެފައިވަނީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރުވާލި ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށެވެ. އިނގިރޭސިވިލާތުގެ މެރިޓައިމް އެޖެންސީ (UKMTO) އިން ހާމަކުރި ގޮތުގައި، މި ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ތެޔޮ ޓޭންކަރަކަށް އާދީއްތަ ދުވަހު ހަމަލާދީފައިވާއިރު، އީރާނުގެ އަސްކަރިއްޔާގެ އިންޒާރާ ގުޅިގެން ހޯމަ ދުވަހު އެހެން އުޅަނދެއް ވަނީ އަނބުރާ ގޮސްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450