ދުނިޔެ
ނިސްރީން: ހަނގުރާމައިގެ ތެރޭގައި ދެފަހަރަށް ހުވަފަތްވެއްޖެ
ނިސްރީން އޭނާގެ ދަރިފުޅު ސިދްރާ އާއި އެކު. ފޮޓޯ: އޭޕީ
އޮކްޓޫބަރު 2023 ގައި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފެށި ހަނގުރާމައިގެ ފަހުން ގެއްލިގެން ދިޔަ ހުރިހާ ކަމެއް ހަނދާންކޮށް، ނިސްރީން ތޫމާން ކޮންމެ ރެއަކު ނިދަން އަރަނީ ކަރުނަ އަޅަމުންނެވެ. މިކަމަށް މިހާރު ތިން އަހަރު ވެއްޖެއެވެ. ނިސްރީންގެ އުމުރުން 34 އަހަރު ވީއިރު، އޭނާ ވަނީ ދެފަހަރަށް ހުވަފަތްވެފައެވެ.
ފުރަތަމަ ޖޫން 2024 ގައި އޭނާގެ ފިރިމީހާ އާއި ދެ ދަރިން ވަކިވެދިޔައެވެ. އޭގެ ފަހުން ދެވަނަ ކައިވެނި ކުރިތާ އަށް މަސް ފަހުން، ޖުލައި 2025 ގައި، ބަނޑުބޮޑުވެ އިންދާ އޭނާގެ ދެވަނަ ފިރިމީހާ ވެސް ގެއްލުނެވެ. ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ކުރިން، ނިސްރީން އުޅުނީ މެދުތެރޭ ޣައްޒާގެ ނުސައިރާތުގައި ހުންނަ އޭނާގެ ގޭގައި އުފާވެރި، ހަމަޖެހޭ ދިރިއުޅުމެކެވެ. އެއީ އޭނާގެ ފިރިމީހާ، އުމުރުން 35 އަހަރުގެ ސާމީ އާއި ޝަހީދުވި އިރު އުމުރުން ފަސް އަހަރާއި އަދި ދެ އަހަރުގެ ދެ ދަރިން ކަމަށްވާ މަޙްމޫދާއި ލައިޘްއާ އެކުގައެވެ.
"އަހަރެންގެ އަމިއްލަ ގެއަކާއި ފުރިހަމަ އާއިލާއެއް އޮތް. އަހަރެންނާއި ފިރިމީހާއާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއް، އަހަރެމެންނަކީ އެކުވެރިން،" ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުން އޭނާ ބުންޏެވެ.
ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ، ގެދޮރު ގެއްލިގެން ގޮސްފައި ތިބި އާއިލާގެ މީހުން ކައިރިއަށް، ޚާން ޔޫނިސްގެ އަލް މަވާސީއަށް ޒިޔާރަތް ކުރުމަށްފަހު އެނބުރި އައި ފަހުންނެވެ. އެއީ 8 ޖޫން 2024 ގައެވެ.
"އަހަރެމެންނަށް އާދެވުނުއިރު ކުދިން މަގުމަތީގައި ކުޅެން ތިބި. ހުރިހާ ކަމެއްވެސް ދިޔައީ އާދައިގެ މަތިން. އަހަރެން ފިރިމީހާއާއެކު މަތީގައި އިންދާ ކުއްލިއަކަށް ވަރަށް ބާރަށް، އަދި ވަރަށް ކައިރިން ބޮންއަޅާ އަޑާއި ބަޑީގެ އަޑުތައް އިވެން ފެށި." ނިސްރީން ކިޔައިދީފައިވެއެވެ.
އޭނާގެ ފިރިމީހާ އަވަސްއަވަހަށް ބޭރަށް ނުކުތީ އެމީހުންގެ ދަރިންނާއި، އޭނާގެ ބޭބެ އާއި ދައްތަގެ ދަރިން އެތެރެއަށް ވެއްދުމަށެވެ. އެގޭގައި އާއިލާގެ 25 މެންބަރުން ދިރިއުޅެމުން ދިޔައެވެ. އަދި މަތިން ބޯޓުތައް އުދުހެމުން ދިޔަ ވަގުތު، ވާނުވާ ބެލުމަށް އޭނާ އަނެއްކާވެސް ބޭރަށް ނުކުތެވެ.
"އެއީ އަހަންނަށް އޭނާ ފެނުނު އެންމެ ފަހު ފަހަރު. ފަހުން އަހަންނަށް އެނގުނީ އެދުވަހު އެ ސަރަހައްދުގައި އުދުހެމުން ދިޔަ ކުއަޑްކޮޕްޓަރަކުން ބޮލަށް ޖެހި ބަޑީގެ ވަޒަނަކުން އޭނާ ޝަހީދުވިކަން،" އޭނާ ބުންޏެވެ.
ބޮންއެޅުމާއި ބަޑީގެ އަޑުތައް މެދުނުކެނޑި އިވެމުން ދަނިކޮށް، ކުދިން ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިސްރާއީލުގެ މަތިންދާބޯޓަކުން އެ ގެއަށް ހަމަލާދިނެވެ.
"އަހަރެން ކުޑަ ވަގުތުކޮޅަކަށް ހޭނެތުނު. ދެން ހޭއެރިއިރު މުޅި ތަނުގައި ވަނީ ފެނުމަށް ހުރަސްއެޅޭ ވަރަށް ބޯ ހިރަފުސް" އޭނާ ކިޔައިދިނެވެ.
"ހިރަފުސްތައް ފިލަން ފެށުމުން އަހަންނަށް ވިސްނުނު އަހަރެމެން ތިބި ތަނަށް ބޮން އަޅައިފިކަން. އާއިލާގެ މީހުން ހަޅޭއްލަވާ އަޑު އިވުނު، އަދި ލެޔާއި ހަށިގަނޑުގެ ބައިތައް ފެނުނު. އަހަރެން 'މަގޭ ދަރިންނޭ، މަގޭ ދަރިންނޭ' ކިޔާ ހަޅޭއްލަވަން ފެށިން." އޭނާގެ ދެ ދަރިން ބިމަށް ވެއްޓިފައި އޮތް މަންޒަރު ހަނދާންވަމުން ނިސްރީން ރޮއިގަތެވެ.
އެއް ކުއްޖެއްގެ ބޮލަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އަނެއް ކުއްޖާ އޮތީ ނިދާފައި އޮތް ހެންނެވެ.
"އެ ވަގުތުން ފެށިގެންވެސް އަހަންނަށް އެނގުނު އެކުދިން އަހަންނަށް ގެއްލިއްޖެކަން. އެކުދިން މަރުވެފައިވާކަން ވަރަށް ސާފު،" ލިބުނު ސިހުމުގެ ސަބަބުން ހަރަކާތެއްވެސް ކޮށްނުލެވިފައި ހުރި ގޮތް ހަނދާން ކުރަމުން އޭނާ ބުންޏެވެ.
ފިރިމީހާގެ ކޮއްކޮ އައިސް އެ ދެކުދިން ނަގާ އޭނާގެ އަތްދަނޑިމައްޗަށް ލައިދިނެވެ. "އަހަންނަކަށް ވާހަކައެއް ނުދެއްކުނު. އެއްވެސް ވަރަކަށް ވާހަކަ ދައްކަން ކުޅަދާނައެއް ނުވި، ހަމައެކަނި ހިމޭންކަމާއެކު ކަރުނަ ފައިބަނީ. އަހަރެންގެ ވަށައިގެން އެންމެންވެސް ދިޔައީ ހަޅޭއްލަވަމުން އަދި ރޮމުން،" އޭނާ ބުންޏެވެ.
ބަޑީގެ އަޑާއި ބޮންއެޅުން މެދުނުކެނޑި ކުރިއަށް ދިޔައިރު، ޒަޚަމްވި މީހުންނާއެކު އާއިލާ ހަލާކުވެފައިވާ ގޭތެރޭގައި ތާށިވެފައި ތިބި ދެ ގަޑިއިރު ވަންދެން ނިސްރީން އިނީ އޭނާގެ ދަރިން އަތުތެރޭގައި ބައިތިއްބައިގެންނެވެ. އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) ގެ އެހީތެރިކަމަށް ތަކުރާރުކޮށް އެދުމަށްފަހު، އެންމެ ފަހުން އެ އާއިލާ ހޮސްޕިޓަލަކަށް ގެންދެވުނެވެ.
ނިސްރީންގެ އާއިލާ ޝަހީދުކޮށްލެވުނީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ނަސްލުނަައްތާލުމުގެ ހަނގުރާމައިގެ އެންމެ ލޭއޮހޮރުވުން ބޮޑު އެއް ދުވަހުގައެވެ.
8 ޖޫން 2024 ގައި، ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސައިރާތު ރެފިއުޖީ ކޭމްޕުގައި އިސްރާއީލު ސިފައިން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގިއެވެ. އެއީ 7 އޮކްޓޫބަރު 2023 ގައި ހަމާސް އިސްވެ އިސްރާއީލުގެ ދެކުނަށް ދިން ހަމަލާތަކާ ގުޅިގެން ރަހީނުކުރި އިސްރާއީލުގެ ހަތަރު މީހަކު މިނިވަންކުރުމަށެވެ.
އދ. އިން ބުނި ގޮތުގައި ގާތްގަނޑަކަށް ހަތަރު ގަޑިއިރު ވަންދެން ދިން ބޮމުގެ ހަމަލާތަކުގައި މީހުން ދިރިއުޅޭ 89 ގެއަކާއި އިމާރާތަކަށް ވަނީ އަމާޒުކޮށްފައެވެ. އަދި ހަމައެކަނި އެ ދުވަހު ވެސް ފަލަސްތީނުގެ 274 މީހުން ޝަހީދުވެ، 698 މީހުން ޒަޚަމްވި ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުންޏެވެ.
ނިސްރީންގެ ފިރިމީހާގެ އާއިލާގެ 18 މެންބަރަކު އެ ދުވަހު ޝަހީދުވިއެވެ. އޭގެ ތެރޭގައި އޭނާގެ ފިރިމީހާ އާއި ދަރިންނާއި، 36 އަހަރުގެ ކޮއްކޮ ސަބްރީން އާއި މައިދައިތަ އާއި ފިރިމީހާގެ ދެ ކޮއްކޮ އާއި އެމީހުންގެ ދަރިންގެ އިތުރުން މުޅި އާއިލާގެ ގިނަ ބަޔަކު ހިމެނެއެވެ.
ނިސްރީން އެނބުރި ދިޔައީ ޣައްޒާގެ ދެކުނުގައިވާ އަލް-މަވާސީގައި ހުރި އޭނާގެ އާއިލާގެ ފޭލިގެއަށެވެ. އެކަނިވެރި ހާލުގައި އޭނާ ދިޔައީ އާއިލާ ގެއްލުމުގެ ސަބަބުން ލިބުނު ނަފްސާނީ ޝޮކާއި ހިތާމަތަކާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ.
ހަތަރު މަހަށް ވުރެ ގިނަ ދުވަސްވީ ފަހުން، ނިސްރީންއަށް ކުރިމަތިލާން ޖެހުނީ ވަރަށް އުނދަގޫ ނިންމުމަކާއެވެ. އެއީ ޝަހީދުވި ކޮއްކޮގެ ފިރިމީހާ އަދި އޭނާގެ ކުރީގެ ފިރިމީހާގެ ކޮއްކޮ އޭނާއާ ކައިވެނިކުރަން އެދުމުންނެވެ. އޭނާ ބޭނުންވީ ނިސްރީންއާ ކައިވެނިކޮށް، މަންމަ ވަކިވެދިޔަ އެމީހުންގެ ހަތަރު ދަރިން ބެލެހެއްޓުމުގައި ނިސްރީންގެ އެހީތެރިކަން ހޯދުމަށެވެ.
"ފުރަތަމަ އަހަރެން އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހެދިން. އިތުރު އާއިލާއެއް ބިނާކުރާކަށް ނުވަތަ ކައިވެންޏެއް ކުރާކަށް އަހަރެން ބޭނުމެއް ނުވި،" ނިސްރީން ބުންޏެވެ. އެކަމަކު، ވަކިވެދިޔަ ކޮއްކޮގެ ދަރިންނަށް، ޚާއްސަކޮށް އެންމެ އަހަރެއްވީ އެންމެ ހަގު ދަރިފުޅަށް އަޅާލަން ބޭނުންވުމުން، އެންމެ ފަހުން އޭނާ އެ ކައިވެންޏަށް އެއްބަސްވިއެވެ. އޭނާގެ ދެވަނަ ކައިވެނީގެ ފަހަތުގައި އެއްވެސް ލޯބީގެ ޖަޒުބާތެއް ނެތްކަން ނިސްރީން ފޮރުވާކަށް ނޫޅެއެވެ.
"އަހަރެންގެ ފިރިމީހާ ވަނީ ގެއްލިފައި، އޭނާގެ އަނބިމީހާ ވަނީ ގެއްލިފައި. އަހަރެންގެ ދަރިން އަހަންނަށް ގެއްލުނުއިރު، އެ ހަތަރު ކުދިންގެ މަންމަ ވަނީ އެކުދިންނަށް ގެއްލިފައި،" އޭނާ ބުންޏެވެ.
މި ކައިވެނީގެ ސަބަބުން، ދެމީހުންނަށް ވެސް އެމީހުންނަށް ގެއްލުނު މީހުންގެ ޒިންމާތައް ފޫބެއްދުމުގެ ފުރުސަތު ލިބުނެވެ. އަދި ނިސްރީންގެ އަމިއްލަ ދަރިންގެ ވަކިވުމުގެ ހިތާމައަށް، ކޮއްކޮގެ ދަރިންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ.
އެހެންނަމަވެސް، އޭނާގެ އާ ދިރިއުޅުމާ އެކު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ޚާއްސަކޮށް ފުރަތަމަ މަސްތަކުގައެވެ. އާ ފިރިމީހާއާއެކު ދިރިއުޅުން ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔައިރު ވެސް، ފުރަތަމަ ފިރިމީހާއާއި ދަރިންގެ ހިތާމަ އޭނާގެ ހިތުން ފިލައިގެން ނުދެއެވެ. ދެމީހުންގެ މިޒާޖު ތަފާތުވުމާއި އާ ހާލަތުގެ ސަބަބުން ދަތިތަކާ ކުރިމަތިވި ނަމަވެސް، މަޑުމަޑުން އެމީހުންގެ ދިރިއުޅުން ހަމައަކަށް އެޅުނެވެ. އަދި ނިސްރީން އިތުރު ދަރިއަކު ހޯދުމާމެދު ވެސް ވިސްނަން ފެށިއެވެ.
"ޝަހީދުވި އަހަރެންގެ ދަރިން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަހަންނަށް ހުވަފެނުން ފެނޭ. އެކުދިންގެ ޚިޔާލުތަކުގެ ތެރެއަށް އަހަންނަށް ގެނބިގަނެވޭ، އެކުދިން ދުވަހަކުވެސް އަހަރެންގެ ހަނދާނަކުން ފިލައިގެން ނުދޭ،" އޭނާ ބުންޏެވެ.
"އެހެންވެ، މަންމަގެ ހިތްވަރާއެކު، އަހަރެން އަލުން ބަލިވެއިނދެ، މައިވަންތަކަމުގެ އިހުސާސް އަލުން ތަޖުރިބާކުރަން ނިންމިން." ނިސްރީން ބުނެފައިވެއެވެ.
ނަމަވެސް އަށް މަސް ފަހުން، 8 ޖުލައި 2025 ގައި، ނިސްރީންއަށް ކުރިމަތިލާން ޖެހުނީ ދުވަހަކުވެސް ހިތަށް އަރާފައި ނުވާ ފަދަ ކަމަކާއެވެ. އެއީ އޭނާގެ ދެވަނަ ފިރިމީހާ ވެސް ވަކިވެދިޔުމެވެ.
"މުހައްމަދު ހޭލައިގެން، ކުދިންނާއެކު ނާސްތާ ކުރުމަށްފަހު ބުނީ ރައްޓެއްސަކާ ބައްދަލުކުރަން ދަނީ ކަމަށް. އޭގެ ކުޑައިރުކޮޅެއް ފަހުން އަހަރެމެންނަށް އިވުނީ ވަރަށް ބާރުގަދަ ގޮވުމެއްގެ އަޑު،" އޭނާ ކިޔައިދިނެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން، ނުސައިރާތުގެ އަލް-އައުދާ ހޮސްޕިޓަލް ކައިރީގައި ތިބި ބަޔަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މުހައްމަދު ޝަހީދުވި ޚަބަރު އަވަށްޓެރިއަކު ނިސްރީންއަށް ދިނެވެ.
ނިސްރީންއަށް މި ދެވަނަ ހިތާމަ ތަހައްމަލުކުރަން ފުރަތަމަ ފަހަރަށް ވުރެވެސް މާ އުނދަގޫވިއެވެ. ދިރިއުޅުން އަލުން ހަމައަކަށް އެޅިއްޖެ ކަމަށް ގަބޫލުކުރެވުނު ވަގުތު، އޭނާގެ މުޅި ދިރިއުޅުން އަނެއްކާވެސް ފުށަށް ޖެހުނީއެވެ.
"އަހަންނަށް އިހުސާސްކުރެވުނީ އަނެއްކާވެސް ސުމަކުން ފަށަން ޖެހުނުހެން،އަދި އުފަންނުވާ ދަރިފުޅާއި، މިހާރު މަންމަ އާއި ބައްޕަ ވެސް ގެއްލިފައިވާ އަހަރެންގެ ކޮއްކޮގެ ދަރިންނާ މެދު، އަދި އަހަރެން ތަހައްމަލު ކުރަމުންދާ މި އާ ހިތާމައާ މެދު އަހަންނަށް ވިސްނުނު" ނިސްރީން ބުނެފައިވެއެވެ.
މާބަނޑު ދުވަސްވަރުގެ ބާކީ އޮތް މަސްތައް ނިސްރީނަށް ވެގެންދިޔައީ ވަރަށް ބުރަ ދުވަސްތަކަކަށެވެ. މުޙައްމަދު ޝަހީދުވިތާ ހަތަރު މަސް ފަހުން، އޭނާ އެމީހުންގެ އަންހެން ދަރިފުޅު ސިދްރާ ވިހެއެވެ. ހިތާމައިގެ ތެރެއަށް އުފަންވުން ސިދްރާ އުފަންވުމުން، ނިސްރީނަށް ގެއްލިގެން ދިޔަ ހުރިހާ އެއްޗެއްގެ ހިތާމަ އަލުން އާލާވިއެވެ. އޭނާގެ ދެ ދަރިންނާއި، ފުރަތަމަ ފިރިމީހާ އަދި މުޙައްމަދެވެ.
"އަނެއްކާވެސް މައަކަށް ވުމުން އުފާވެރިކަން ލިބުނު، އެކަމަކު އެ އިހުސާސް ވަރަށް ބޮޑަށް އޮތީ ފުރިހަމަ ނުވެ. އެއީ ކުޑަ ތަސައްލީއެއް،" އޭނާ ބުންޏެވެ.
ސިދްރާ ބެލެހެއްޓުމަކީ މިހާރު ނިސްރީންގެ އެންމެ އިސް ވާޖިބެވެ. "އަހަރެން މިހާރު މީހުންނާ މާ ބޮޑަށް ދުރުހެލިވެއްޖައިން. އަހަރެން އިސްކަންދެނީ އެތައް ގަޑިއިރެއް ވަންދެން މަޑުމަޑުން ހުރެ ދަރިފުޅަށް ސަމާލުކަން ދޭން،" ނިސްރީން ބުންޏެވެ.
"އަހަންނަށް ދިމާވި ހުރިހާ ކަމަކަށް ފަހު، އެއްވެސް އާ ނިންމުމެއް ނިންމަން ނުވަތަ އެހެން ދިރިއުޅުމެއް ފަށަން އަހަރެން ބިރުގަނޭ." އޭނާ ބުނެފައިވެެއެވެ.
ނިސްރީން މިހާރު ސިދްރާއާ އެކު ދިރިއުޅެމުންދަނީ ޣައްޒާގައި ހުންނަ އޭނާގެ އާއިލާގެ ގޭގައެވެ. އަދި އޭނާގެ ޝަހީދުވެފައިވާ ކޮއްކޮގެ ހަތަރު ދަރިން ބަލަހައްޓަމުން ދަނީ އެކުދިންގެ ކާފައެވެ. އޭނާ ދޭތެރެ ދޭތެރެއިން އެކުދިން ކައިރިއަށް ޒިޔާރަތް ކުރެއެވެ. ކިތަންމެ ދުވަހެއް ވޭތުވެދިޔަ ނަމަވެސް، އޭނާގެ ދިރިއުޅުން ބަދަލުކޮށްލި މި ހިތާމަވެރި ހާދިސާތަކުން އަރައިގަނެވެން ނެތް ކަމަށް އޭނާ ބުނެއެވެ.
"އަހަރެންގެ ހަޔާތުގައި މި ހުރިހާ ކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމަކަށް ދުވަހަކުވެސް ހިއެއް ނުކުރަން. ވެފައިވާ ކަންކަމުގެ ސަބަބުން ބައެއް ފަހަރު ހީވަނީ އިންޑިއާ ފިލްމެއްގެ ތެރޭގައި އުޅެވޭހެން،އެކަމަކު ހިތާމައަކީ، ހަނގުރާމައިގެ ތެރޭގައި ކޮންމެ ފަދަ ކަމެއްވެސް ވެދާނެ." ނިސްރީން ބުނެފައިވެއެވެ.