ކުޅިވަރު
126 ވަނަ ލަނޑުޖަހައިދީ މެސީ ޤައުމީ ޓީމަށް އަލް ވަދާޢު ކިޔައިފި
މެސީ 126 ވަނަ ލަނޑުޖެހުމަށްފަހު. ފޮޓޯ: ގެޓީ އިމޭޖަސް
126 ވަނަ ލަނޑުޖަހަދީ، ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އަލިގަދަ އެއް ތަރި، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާޖެންޓީނާގެ ޤައުމީ ޓީމަށް އަލް ވަދާޢު ކިޔައިފިއެވެ.
ބެނިންއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު އާޖެންޓީނާއިން ކާމިޔާބުކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުން ކަމަށްވާއިރު، އުމުރުން 39 އަހަރުގެ މެސީ އޭނާގެ ލަނޑު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.
އާޖެންޓީނާއިން ކާމިޔާބުކުރި އަނެއް ދެ ލަނޑަކީ މެސީގެ އެސިސްޓަކުން ކާމިޔާބުކޮށްފައިވާ ދެ ލަނޑެވެ.
މެޗު ފަށައިގެން މެޗުގެ 10 ވަނަ މިނިޓުގައި ރެފްރީ ވަނީ މެސީއަށް ހާއްސަކޮށް މެޗުގެ ކުޅުން ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލާފައެވެ. އަދި ދެ ޓީމުގެ ކުޅުންތެރިން ވަނީ މެސީއާއި ސަލާމްކޮށްފައެވެ.
ފަހު ކަށިގަނޑު ފުމެލުމާއެކު، މޮނިއުމެންޓަލް ދަނޑުގެ މަތީގެ ޖައްވު ދިއްލިގެން ދިޔައީ މެސީގެ ކެރިއަރުގެ މުހިންމު ވަގުތުތައް ދައްކުވައިދިން ޑްރޯން ޝޯއަކުންނެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ މަންޒަރަކީ، 2022 ވަނަ އަހަރު ޤަޠަރުގައި ވޯލްޑް ކަޕް ތަށި އުފުލައިލި ތާރީޚީ މަންޒަރެވެ.

އާޖެންޓީނާގެ ޤައުމީ ޖާޒީގައި 20 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް ހޭދަކުރި މެސީ ވަނީ އެ ޤައުމަށް ބޮޑެތި އެތައް ކާމިޔާބީތަކެއް ހޯދައިދީފައެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ތަށި ކާމިޔާބުކޮށް، ގިނަ އަހަރުތަކަކަށްފަހު އާޖެންޓީނާއަށް ބައިނަލްއަޤްވާމީ ތަށްޓެއް ހޯދައިދިނުމާއި، 2022 ވަނަ އަހަރު ޤަޠަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުން ހިމެނެއެވެ. ވޯލްޑް ކަޕް ކާމިޔާބީއާއެކު މެސީ ވަނީ ފުޓްބޯޅަ ތާރީޚުގައި އޭނާގެ ނަން ރަން އަކުރުން ފަވާލާފައެވެ.
ޤައުމީ ޓީމުގެ ތާރީޚުގައި ވެސް އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު އޮތީ މެސީގެ އަތުގައެވެ. އޭނާ ޖަހައިދިން 126 ލަނޑަކީ ދެކުނު އެމެރިކާގެ ބައްރުގެ ކުޅުންތެރިއަކު ޤައުމީ ޓީމަކަށް ކާމިޔާބުކޮށްދިން އެންމެ ގިނަ ލަނޑެވެ.