ކުޅިވަރު

މިއީ އަމިއްލަ އިހްތިޔާރުގަ އޮތް ކަމެއްނަމަ ދުވަހަކުވެސް އާޖެންޓީނާގެ ޖާޒީ ނުބައިލާނަން: މެސީ

މިއީ އަމިއްލަ އިހްތިޔާރުގަ އޮތް ކަމެއްނަމަ ދުވަހަކުވެސް އާޖެންޓީނާގެ ޖާޒީ ނުބައިލާނަން: މެސީ

ލިއޮނެލް މެސީ އޭނާގެ ފެއަރ ވެލް ސްޕީޗަށްފަހު / ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 އޮކްޓޯބަރު 2026، 10:24

07 އޮކްޓޯބަރު 2026، 10:24

އާޖެންޓީނާގެ ޤައުމީ ފުޓުބޯޅަ ޓީމަށް ކުޅުނު އެންމެ ފަހު މެޗަށްފަހު، އެ ޤައުމުގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނެލް މެސީ ސަޕޯޓަރުންނާ މުޚާތަބުކޮށް އަސަރުގަދަ ވަދާޢީ މެސެޖެއް ދީފިއެވެ. މެސީ ބުނެފައިވަނީ، މިއީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއްނަމަ މުޅި އުމުރުގައިވެސް އާޖެންޓީނާގެ ޖާޒީގައި ޤައުމީ ޓީމަށް ކުޅެން ބޭނުންވާ ކަމަށެވެ.

ވޭތުވެދިޔަ 20 އަހަރުގެ ދިގު ރާސްތާއަށް އަލިއަޅުވާލަމުން މެސީ ބުނީ، މި ޖާޒީއަށް ޝުކުރު އަދާކުރުން ފިޔަވައި އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށެވެ. އެންމެ ހިތްދަތި ވަގުތުތަކުގައިވެސް ހިތްވަރު އެލުވާނުލައި، ޤައުމީ ޓީމަށް ޚިދުމަތްކުރުމުގައި އުފަލާއެކު ދެމިހުރުމަށް މަސައްކަތްކޮށްފައި ވާނެކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ޤައުމީ ޓީމުން ވަކިވުމަކީ ވަރަށް ހިތާމަވެރި އިހުސާސެއް ކަމަށާއި، އާޖެންޓީނާއަށް ކުޅުމަކީ އެންމެ އުފާވާ ތަޖުރިބާ ކަމަށްވެސް އޭނާ ބުންޏެވެ.

ޓީމުގެ ކުޅުންތެރިންނަށް ތައުރީފު ކުރަމުން މެސީ ބުނީ، ދަނޑުމަތީގައާއި ދަނޑުން ބޭރުގައި އެ ކުޅުންތެރިންނާއެކު ހޭދަކުރެވުނީ ޝަރަފުވެރި ވަގުތުތަކެއް ކަމަށެވެ. ކޮންމެ މެޗަކަށް ނުކުންނައިރުވެސް ދަނޑުމަތީގައި ފުރާނަ ދޭން ތައްޔާރަށް ތިބި "ހަނގުރާމަވެރިން" ތިބިކަން އެނގޭ ކަމަށާއި، ކުޑައިރުގެ ހުވަފެން ހަގީގަތަކަށް ހަދައި، ވޯލްޑް ކަޕް ކާމިޔާބު ކުރުމުގައި މި ކުޅުންތެރިން ވެދިން އެހީތެރިކަމަށް ޚާއްސަ ޝުކުރެއް ހައްގުވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

މީގެއިތުރުން، މުޅި ދުނިޔޭގައި ތިބި އާޖެންޓީނާގެ ސަޕޯޓަރުން ދިން ލޯތްބާއި އެއްބާރުލުމަށް މެސީ ވަނީ އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ކުޅުނު ނަމަވެސް، ސްޓޭޑިއަމްތައް ފުރާލައިގެން ސަޕޯޓަރުން ދިން ހިތްވަރުގެ ސަބަބުން ކޮންމެ މެޗަކީވެސް އަމިއްލަ ޤައުމުގައި ކުޅޭ މެޗެއް ފަދަ އިހުސާސެއް ކުރެވުނު ކަމަށް މެސީ ބުންޏެވެ.

ކުރިއަށް އޮތް ތަނުގައިވެސް ޓީމާއެކު ސާބިތުވެ ތިބުމަށް އެދެމުން މެސީ ބުނީ، ދަތި އުނދަގޫ ވަގުތުތައް އަންނާނެ ކަމަށާއި، އެފަދަ ވަގުތުތަކުގައި ޓީމަށް ދޭ ސަޕޯޓު އިތުރުކުރަންޖެހޭނެ ކަމަށެވެ. ސަބަބަކީ ޤައުމީ ޓީމު ބަލިވާތަން ދެކެން ބޭނުންވާ ބަޔަކު އަބަދުވެސް އުޅޭނެތީ، އެ ފުރުސަތު އެމީހުންނަށް ދީގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

މި ވަދާއީ ވަގުތަކީ ނުހަނު ޖަޒުބާތީ ވަގުތެއްކަން ފާހަގަކުރަމުން މެސީ ވަނީ އޭނާގެ ބައްޕަގެ ހަނދާން އައުކޮށްފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450