ކުޅިވަރު

އިލާނަށް ލިބުނު އަނިޔާއިން ފަސޭހަވެ، ކުޅުމަށް ތައްޔާރުވެއްޖެ

އިލާނަށް ލިބުނު އަނިޔާއިން ފަސޭހަވެ، ކުޅުމަށް ތައްޔާރުވެއްޖެ

އިލާން އަނިޔާވުމުގެ ކުރިން / ފޮޓޯ: ސިޑިބަރި

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

20 ނޮވެމްބަރު 2026، 04:38

20 ނޮވެމްބަރު 2026، 04:38

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ލިބުނު އަނިޔާއިން ފަސޭހަވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޒުވާން ފޯވާޑް އިލާން އިމްރާން އަލުން ކުޅުމަށް ތައްޔާރުވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓްރުޗާ ހާމަކޮށްފިއެވެ.

މާޒިޔާގެ ކޯޗު ޓްރުޗާ މިކަން ހާމަކުރީ ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ދެކޮޅަށް މާޒިޔާ ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.

އިލާނަށް އަނިޔާވީ ލީގުގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުގެ ވަރަށް ކުރީކޮޅުގައެވެ. މިދިޔަ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހު އޮޑި ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު އެ މެޗުގައި އޭނާގެ ކަކުލު ހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ފަރުވާ ހޯދުމަށްފަހު، އިލާން އެނބުރި ކުޅުމުގެ ތެރެއަށް މި އަންނަނީ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ. ކޯޗު ޓްރުޗާ ބުނި ގޮތުގައި އެންމެ ފަހުން މާޒިޔާއިން ކުޅުނު އެކުވެރިކަމުގެ މެޗުގައި އިލާން ވަނީ ކުޅެ، އޭނާގެ ފިޓްނަސް ސާބިތުކޮށްދީފައެވެ.

މި އަނިޔާގެ ސަބަބުން މި އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ޤައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އިލާނަށް ގެއްލުނެވެ. މީގެ އިތުރުން ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއިން ކުޅުނު މުހިންމު ފަސް މެޗެއްވެސް އޭނާއަށް ވަނީ ގެއްލިފައެވެ.

މީގެއިތުރުން، އަނިޔާގެ ސަބަބުން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ގެއްލުނު މާޒިޔާގެ އިތުބާރު ޑިފެންޑަރު ހައިޝަމް ހަސަންވެސް މިހާރު އަނިޔާއިން އެއްކޮށް ސަލާމަތްވެފައިވާ ކަމަށް ކޯޗު ޓްރުޗާ ފާހަގަކުރިއެވެ. އަދި ހައިޝަމްގެ އިތުރުން، ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި މާޒިޔާގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ކުރިއަށް އޮތް ދިއްދޫ މެޗަށް ފުރިހަމައަށް ފިޓުވެ، ތައްޔާރަށް ކަމަށް އޭނާ ބުންޏެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450