ކުޅިވަރު
ނިއުރޭޑިއަންޓާއި މާޒިޔާއިން ދެވަނަ މެޗު ވެސް ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި
ނިއުރޭޑިއަންޓާއި އެމްއެސްމޭޓްސް ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: އެފްއޭއެމް
އެފްއޭއެމް ވިމެންސް ލީގު 2026 ގައި ވާދަކުރާ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެ ޓީމުތައް ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއެކު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ބަލިވި މޯލްޑިވްސް ސޮކަރ މޭޓްސް އަދި ދަ ގްރާންޑޭއަށް މިހާތަނަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ބުދަ ދުވަހު ކުޅުނު މެޗުގައި މާޒިޔާއިން ވަނީ ދަ ގްރާންޑޭގެ މައްޗަށް 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގައި މާޒިޔާގެ ފޯވާޑް ޗިނޮންޔެރެމް މެކްލީންސް ވަނީ ހަތަރު ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މީގެއިތުރުން މުނީސާ ގިޔާސޯވާ އަދި ސަފީނާ ރުޝާނިޔާ، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފާތިމަތު ފައިހާ އަލީ ހަސަނެވެ.
ނިއުރޭޑިއަންޓް ކުޅުނު ދެވަނަ މެޗުގައި އެ ޓީމުން ވަނީ 3-0 އިން އެމްއެސް މޭޓްސް ބަލިކޮށްފައެވެ. މި މެޗުގައި ނިއުރޭޑިއަންޓަށް ލަނޑުތައް ޖަހައިދިނީ މަސޫރާ ޕަރްވީން، ސުމަޔާ މަޓްސުޝީމާ އަދި މައީޝާ އަބްދުލް ހަންނާނެވެ. މައީޝާގެ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މުބާރާތުގެ ފުރަތަމަ ބުރުގެ މެޗުތަކަށް ބަލާއިރު، މާޒިޔާއިން ވަނީ 8-0 އިން އެމްއެސް މޭޓްސް ބަލިކޮށްފައެވެ. އަދި ނިއުރޭޑިއަންޓުން ވަނީ 15-0 ގެ ބޮޑު ތަފާތަކުން ދަ ގްރާންޑޭ ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު އެމްއެސް މޭޓްސް އަދި ދަ ގްރާންޑޭއަށް މިހާތަނަށް ދެ މެޗު ކުޅުނުއިރު ވެސް އެއްވެސް ލަނޑެއް ޖެހިފައެއް ނުވެއެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުގައި މިވަގުތު އޮތީ 6 ލަނޑު ޖަހާފައިވާ މާޒިޔާގެ ސަފީނާއެވެ. ސަފީނާ ވަނީ މިހާތަނަށް 7 ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީ، އެސިސްޓް ލިސްޓުގެ ވެސް އެއްވަނަ ހޯދާފައެވެ.
މި އަހަރުގެ އެފްއޭއެމް ވިމެންސް ލީގު ކުރިއަށްދަނީ ޖުމްލަ ހަތަރު ޓީމުގެ މެދުގައެވެ.