ކުޅިވަރު
އެފްއޭއެމްގެ ފުޓްސަލް މުބާރާތް: މަންދޫ ބަލިކޮށް ދަނގެތިން ސެމީގެ ޖާގައެއް ހޯދައިފި
ދަނގެތީގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން / ފޮޓޯ: ކްލަބް މޯލްޑިވްސް
އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ގެ ސެންޓްރަލް ޒޯން 1 ގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި މަންދޫ ބަލިކޮށް، ދަނގެތިން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. މި ނަތީޖާއާއެކު ދަނގެތިއަށް ލިބުނީ ގްރޫޕް 'އޭ' ގެ ދެވަނައެވެ. އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ކަށަވަރުކޮށްފައި ވަނީ ގާފަރެވެ.
ގާފަރުން ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، ދަނގެތި އަދި މަންދޫ ކުޅުނު މެޗުގެ ކުރިން ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ. އެހެންކަމުން، އެ ދެ ޓީމު ބައްދަލުކުރި މެޗު ވެގެންދިޔައީ މި ގްރޫޕުން ސެމީގެ ފަހު ޖާގަ ލިބޭނެ ޓީމެއް ކަށަވަރުކުރެވުނު މެޗަށެވެ.
މި މެޗުގައި ދަނގެތީގެ ތަރި މުޙައްމަދު ނާއިމް ވަނީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ލަނޑެއް ޖަހައި، އެ ޓީމަށް މުހިންމު ލީޑެއް ހޯދައިދީފައެވެ. އަދި ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ޙުސައިން އަފްސަލް ވަނީ ދަނގެތީގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.
މި ޒޯނުގެ ގްރޫޕް 'ބީ' ގައި ކުޅުނު މެޗުގައި ބޮޑުފޮޅުދޫން ވަނީ 1-4 ގެ ނަތީޖާއަކުން މަތިވެރި ބަލިކޮށް، ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ފަހު މެޗަށް ނުކުތްއިރު ހިއްމަފުށި މުބާރާތުން ކަޓާފައިވުމުން، ބޮޑުފޮޅުދޫ އަދި މަތިވެރި ބައްދަލުކުރި މެޗަކީ ގްރޫޕްގެ އެއްވަނަ ހޮވުމަށް ކުޅުނު ފައިނަލެއް ފަދަ މެޗެކެވެ. މި މެޗު ކާމިޔާބުކޮށް ބޮޑުފޮޅުދޫން ގްރޫޕް ސްޓޭޖު ނިންމާލީ ކުޅުނު ދެ މެޗުންވެސް މޮޅުވެ، ހަ ޕޮއިންޓާއެކު ފުރިހަމަ ރެކޯޑަކުންނެވެ.
މި ނަތީޖާތަކާއެކު ސެންޓްރަލް ޒޯން 1 ގެ ސެމީ ފައިނަލަށްދާ ޓީމުތައް މިހާރު ވަނީ ޔަގީންވެފައެވެ. އެގޮތުން ގްރޫޕް 'އޭ' އިން ގާފަރާއި ދަނގެތި ސެމީއަށް ދަތުރުކޮށްފައިވާއިރު، ގްރޫޕް 'ބީ' ގެ އެއްވަނަ ހޯދާފައިވަނީ ބޮޑުފޮޅުދޫއެވެ.
މީގެއިތުރުން ސައުތު ޒޯން 1 ގައި ތިމަރަފުށިން ވަނީ 1-5 އިން ގއ. ވިލިނގިލި ބަލިކޮށް، ގްރޫޕް 'އޭ' ގެ އެއްވަނަ ކަށަވަރުކޮށްފައެވެ. އަދި އެ ޒޯނުގެ ގްރޫޕް 'ބީ' ގައި އިސްދޫން ވަނީ 1-4 އިން ލ. ގަން ބަލިކޮށް، ސެމީ ފައިނަލުން ޖާގައެއް ޔަގީންކޮށްފައެވެ.