ދުނިޔެ

ރަޝިޔާގެ ތެލުގެ ދަތިކަމާއެކު މެދުތެރޭ އޭޝިއާއިން އީރާނަށް އައު ފުރުސަތެއް

ރަޝިޔާގެ ތެލުގެ ދަތިކަމާއެކު މެދުތެރޭ އޭޝިއާއިން އީރާނަށް އައު ފުރުސަތެއް

އިރާންގެ ރައީސް ތަޖިކިސްތާންގެ ރައީސް އާއެކު. ފޮޓޯ:ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 އޮކްޓޯބަރު 2026، 12:46

07 އޮކްޓޯބަރު 2026، 12:46

ޔޫކްރެއިނުން ރަޝިޔާގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންދާތީ، ރަޝިޔާއަށް ކުރިމަތިވެފައިވާ ތެލުގެ ދަތިކަމުގެ ސަބަބުން މެދުތެރޭ އޭޝިއާގެ ގައުމުތަކުން އީރާނުން ތެޔޮ ގަންނަން ފަށައިފިއެވެ.

 ޒަމާނުއްސުރެ ރަޝިޔާގެ ތެލަށް ބަރޯސާވެފައިވާ ތަޖިކިސްތާނާއި ކިރްގިޒްސްތާން ފަދަ ގައުމުތަކުން މިހާރު ދަނީ ހަކަތައިގެ ބޭނުންތައް ފުއްދުމަށް އީރާނާއެކު އެއްބަސްވުންތައް ގާއިމުކުރަމުންނެވެ.

އޯގަސްޓް މަހުގެ ތެރޭގައި ތަޖިކިސްތާނުން ވަނީ އީރާނުން ތެލާއި ޕެޓްރޯލިއަމްގެ އުފެއްދުންތައް އެތެރެކުރަން ފަށާފައިވާކަން ހާމަކޮށްފައެވެ. އެގައުމުގެ އެނާޖީ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އީރާނުން 2.55 މިލިއަން ޓަނުގެ ތެލާއި ތެލުގެ އުފެއްދުންތައް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، ކިރްގިޒްސްތާނުގައި އީރާނާއެކު ގުޅިގެން ރިފައިނަރީއެއް ގާއިމުކުރުމަށާއި އެ ރިފައިނަރީއަށް ބޭނުންވާ ސާފުނުކުރާ ތެޔޮ ފޯރުކޮށްދިނުމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ތަޖިކިސްތާނަކީ އެގައުމަށް ބޭނުންވާ ތެލުގެ ގާތްގަނޑަކަށް 80 އިންސައްތަ ރަޝިޔާއިން އެތެރެކުރަމުން އައި ގައުމެކެވެ. އަދި ކިރްގިޒްސްތާނުން ބޭނުންކުރާ ޕެޓްރޯލްގެ 90 އިންސައްތައަށް ވުރެ ބޮޑު ބައެއް ވެސް ޒަމާނުއްސުރެ ހޯދަނީ ރަޝިޔާއިންނެވެ. ނަމަވެސް ޔޫކްރެއިނުގެ ޑްރޯން ހަމަލާތަކުގައި ރަޝިޔާގެ ރިފައިނިންގ ގާބިލުކަމުގެ ބޮޑުބައެއް ހަލާކުވެ، އެގައުމުގައި ތެޔޮ ވިއްކުން ރޭޝަންކޮށް ބޭރު ގައުމުތަކަށް އެކްސްޕޯޓްކުރުން ހުއްޓުވުމާ ގުޅިގެން މެދުތެރޭ އޭޝިއާގެ ސަރަހައްދުތަކަށް ވަނީ ތެލުގެ ބޮޑު ދަތިކަމަކާ ކުރިމަތިލާން ޖެހިފައެވެ.

އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހަނގުރާމައިގެ ސަބަބުން އީރާނުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބި، ތެޔޮ ބޭރުކުރެވޭ މިންވަރު ދަށްވެފައިވާ ދަނޑިވަޅެއްގައި މެދުތެރޭ އޭޝިއާއިން މި ހުޅުވުނު މާކެޓަކީ ތެހެރާނަށް ލިބުނު މުހިންމު ފުރުސަތެކެވެ. ކެޕްލަރ އަދި ވޯޓެކްސާގެ ހިސާބުތަކުން ދައްކާ ގޮތުގައި މާޗް މަހު ދުވާލަކު 2 މިލިއަން ފީފާގައި ހުރި އީރާނުގެ ތެޔޮ ބޭރުކުރުން ވަނީ އޯގަސްޓް މަހު 220,000 އާއި 255,000 ފީފާއާ ދެމެދުގެ އަދަދަކަށް ދަށަށް ގޮސްފައެވެ.

މި ފުރުސަތު އީރާނަށް ލިބުނު ނަމަވެސް، މިއީ ދިގު މުއްދަތަކަށް ދެމިގެންދާނެ ވިޔަފާރިއެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އީރާނާއި ތަޖިކިސްތާން ނުވަތަ ކިރްގިޒްސްތާނާ ދެމެދު ސީދާ ބޯޑަރެއް ނޯންނާތީ، ތެޔޮ ގެންދަން ޖެހެނީ ތުރުކުމެނިސްތާނާއި އުޒްބެކިސްތާން ހުރަސްކޮށް ރޭލު މަގުންނެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ރަޝިޔާގެ ރިފައިނަރީތައް މަރާމާތުކޮށް ނިމުމުން، ޓެކުހަކާ ނުލައި ލިބޭ ރަޝިޔާގެ އަގުހެޔޮ ތެލާ ވާދަކުރުމަކީ އީރާނަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450