ދުނިޔެ
ވޯޓާސް ލިސްޓުގެ މައްސަލައިގައި އިންޑިއާގެ އިދިކޮޅުން ވަރުގަދަ މުޒާހަރާއަކަށް
އިންޑިއާގެ އިދިކޮޅު ސިޔާސީ ލީޑަރުން. ފޮޓޯ: އޭއެފްޕީ
އިންޑިއާގެ ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކަކާ ގުޅިގެން އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން، މައި އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ އާއި އެހެން ބައެއް ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އިރުކޮޅެއްގެ ތެރޭގައި ދޫކޮށްލައިފިއެވެ.
މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ އޭއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާހުލް ގާންދީ ހައްޔަރުކުރީ ފުލުހުން ޖަހާފައިވާ ބެރިކޭޑު މައްޗަށް އަރައިވަޑައިގެން ގައުމީ ދިދަ ވިހުރުވަމުން ގެންދަވަނިކޮށެވެ. އަންގާރަ ދުވަހު އިދިކޮޅު މެންބަރުން ޕާލިމަންޓުން ފެށިގެން އިލެކްޝަން ކޮމިޝަނުގެ މައި އިދާރާއާ ދިމާއަށް ކުރިއަށްގެންދިޔަ މި ހިނގާލުން ފުލުހުން ވަނީ ހުއްޓުވާފައެވެ. އޭގެ ފަހުން ރާހުލް ގާންދީ އާއި އޭނާގެ ކޮއްކޯ އަދި މަޖިލިސް މެންބަރު ޕްރިޔަންކާ ގާންދީ ވަދްރާ ވަނީ އިލެކްޝަން ކޮމިޝަން ކައިރީގައި ހުންނަ ދައުލަތުގެ ރޭޑިއޯ އޮފީހުގެ ގޯތިތެރޭގައި ތިއްބަވާފައެވެ.
ރޭޑިއޯ އިމާރާތުގެ ގޭޓު ކައިރީ ހުންނަވައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރާހުލް ގާންދީ ތުހުމަތުކުރެއްވި ގޮތުގައި، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވޯޓު ވަގަށް ނަގައިގެން މުޅި ގައުމު ހައިޖެކް ކުރައްވާފައެވެ. އަދި ގައުމަށް ދީފައިވާ މި ކެއްސަކީ ގައްދާރުވުމުގެ އަމަލެއް ކަމަށާއި، މިކަމުން އެއްވެސް މީހަކަށް ސަލާމަތް ނުވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މުޒާހަރާތައް އަލުން ހޫނުވެގެން ދިޔައީ މިދިޔަ މަހު ދަ އިންޑިއަން އެކްސްޕްރެސް ނޫހުން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރު ވޯޓާސް ލިސްޓު އިސްލާހުކުރުމުގެ މަސައްކަތް ފެށި ފަހުން 130 މިލިއަން ރައްޔިތުންގެ ނަން ވަނީ ލިސްޓުން އުނިކޮށްފައެވެ. އަދި މި ނިންމުންތަކާ މެދު އިލެކްޝަން ކޮމިޝަނުގެ ތިން މެންބަރުންގެ ތެރެއިން ދެ މެންބަރަކު ރަސްމީކޮށް މަދުވެގެން 14 ފަހަރު ދެކޮޅުހައްދަވާފައިވާ ކަމަށް ވެސް އެ ނޫހުގައި ބަޔާންކޮށްފައިވެއެވެ. މިކަމާ ގުޅިގެން ހުކުރު ދުވަހުން ފެށިގެން މީހުން މަގުތަކަށް ނުކުމެ ދަނީ ކޮމިޝަނުގެ ވެރިޔާ ގިޔާނޭޝް ކުމާރުގެ އިސްތިއުފާއަށް ގޮވަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ވޯޓާސް ލިސްޓު އުނިކުރުމުގެ މަރުހަލާ ހިންގާފައިވަނީ ވެރިކަންކުރާ ބީޖޭޕީގެ ނުފޫޒުގެ ދަށުންނެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމައުގެ އެކަހެރިވެފައިވާ ފަރާތްތަކަށާއި މައިނޯރިޓީތަކަށް، ހާއްސަކޮށް މުސްލިމުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، އިލެކްޝަން ކޮމިޝަނުން މި ތުހުމަތުތައް ދޮގުކުރަމުން ބުނެފައިވަނީ، މި މަސައްކަތަކީ ސައްހަނޫން ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް ފާހަގަކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވޯޓުލުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
ބީޖޭޕީގެ ތަރުޖަމާނު ސަމްބިތު ޕާތުރާ އަންގާރަ ދުވަހު ވިދާޅުވީ އިދިކޮޅު ޕާޓީތަކުން، ހާއްސަކޮށް ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުން ދަނީ ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކޮށް ރާހުލް ގާންދީ ވެރިކަމަށް ގެނައުމަށް ކަމަށެވެ. އަދި މިއީ އިންޑިއާގެ ޑިމޮކްރަސީއަށާއި ގާނޫނުއަސާސީގެ ބާރުތަކަށް ގަސްދުގައި ދޭ ހަމަލާއެއް ކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ.
މި މައްސަލައިގައި އިންޑިއާގެ ސްޕްރީމް ކޯޓުން ވަނީ ވޯޓާސް ލިސްޓަށް ބަދަލު ގެނައުމާ ގުޅޭ ނިންމުންތައް ސާފުކޮށްދިނުމަށް ސަރުކާރަށާއި އިލެކްޝަން ކޮމިޝަނަށް އަންގާފައެވެ. އަދި މި މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ ހަފުތާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ޒުވާނުން އިސްވެ އުފައްދާފައިވާ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އާއި ވާތުފިޔައިގެ ދަރިވަރުންގެ ޖަމިއްޔާތަކުން ދަނީ އަންނަ ހޮނިހިރު ދުވަހު ވެރިރަށުގައި ބޮޑު މުޒާހަރާއަކަށް ނުކުތުމަށް ގޮވާލަމުންނެވެ.