ދުނިޔެ

ޔަމަނުގެ ކުދިން އަލުން ސްކޫލަށް ދިއުމުގެ އުއްމީދުގައި

ޔަމަނުގެ ކުދިން އަލުން ސްކޫލަށް ދިއުމުގެ އުއްމީދުގައި

ޔަމަނުގެ ކުޑަކުދިންތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 އޮކްޓޯބަރު 2026، 04:29

07 އޮކްޓޯބަރު 2026، 04:29

ޔަމަނުގެ ހުޅަނގު ތާއިޒް ސިޓީގެ އަވަށެއް ކަމަށްވާ އަލް-އަޝްރޯ ދޫކޮށް ދާންޖެހުނު އުމުރުން 12 އަހަރުގެ އަޙްމަދުގެ އާދައަކީ، ކޮންމެ ދުވަހަކު އިރުއަރާއިރު ޖަބަލް ޙަބަޝީ ޑިސްޓްރިކްޓްގެ ވާދީ، ބަނީ ޚަވްލާންގައި ހުންނަ ކޭމްޕެއްގެ ޓެންޓު ދަށުން ހޭލުމެވެ.

 ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ނުކުންނަން ޖެހުނު ފަހުން ވޭތުވެދިޔަ ދެ ހަފުތާގައި އޭނާގެ ދުވަސްތައް ހޭދަކުރަނީ އެހެން ކުދިންނާ އެކު ކުޅުމުގައާ ޓެންޓު ތެރޭގައެވެ. ކޭމްޕްގެ ދިރިއުޅުމަކީ ފޫހި ދިރިއުޅުމެއް ކަމަށް ބުނަމުން އަޙްމަދު ކިޔައިދިން ގޮތުގައި، އޭނާ އެންމެ ހަނދާންވަނީ ސްކޫލް ދަބަހާއި ކޮންމެ ދުވަހަކު ހެނދުނު ސްކޫލަށް ކުރާ ދަތުރެވެ.

ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އެކި ސަރަޙައްދުތަކުގައި ސަތޭކައަށް ވުރެ ގިނަ ސްކޫލް ބަންދުކޮށްފައިވާއިރު، 137،000 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުމަށް ވަނީ ހުރަސްއެޅިފައެވެ. ޔުނިސެފުން ހާމަކޮށްފައިވާ ގޮތުގައި، ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި އެކަނިވެސް 57،000 އަށް ވުރެ ގިނަ ކުދިން ވަނީ ރެފިއުޖީންނަށް ވެފައެވެ. ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް އޮގަސްޓް އަދި ސެޕްޓެމްބަރު މަހު ވަރުގަދަވުމާ ގުޅިގެން، ޤައުމުގެ ތަޢުލީމީ ކާރިސާ ވަނީ އިތުރަށް ގޯސްވެފައެވެ.

ކޭމްޕަށް ދިޔުމަށް ފަހު، އާއިލާތަކުގެ އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހުނީ ބޯހިޔާވަހިކަމާއި ކާބޯތަކެއްޗާއި ފެން ހޯދުމަށެވެ. އަޙްމަދު ބުނި ގޮތުގައި ކުރިން އާއިލާއިން ފިލާވަޅުތަކަށް ސަމާލުކަން ދިން ނަމަވެސް، މިއަދު ކޭމްޕުގައި އެއްވެސް މީހަކަށް ތަޢުލީމަށް ސަމާލުކަމެއް ނުދެވެއެވެ. އދ. އިން އޮކްޓޫބަރު 2 ގައި ހާމަކުރި ގޮތުގައި އަލުން ފެށުނު ހަނގުރާމައިގެ ސަބަބުން 150،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވެއެވެ. މިއީ 2014 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ ހަނގުރާމައިގައި ކުރިން ގެދޮރު ގެއްލުނު ފަސް މިލިއަނަށް ވުރެ ގިނަ މީހުންގެ އިތުރުންނެވެ.

ޖަބަލް ޙަބަޝީ ޑިސްޓްރިކްޓްގެ ކޭމްޕް މެނޭޖްމަންޓް ކޯޑިނޭޓަރު މުޙައްމަދު ރަދްމާން ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ ކުރީ ސަފުތަކާ ކައިރީގައި ހުރި ހުރިހާ ސްކޫލެއް ވަނީ ބަންދުކޮށްފައެވެ. އަދި ދުރުގައި ހުރި ހިންގާ ސްކޫލްތައް ތޮއްޖެހިފައިވުމުން، އަލަށް އަންނަ ދަރިވަރުންނަށް ޖާގައެއް ނެތެވެ. މި ސަރަޙައްދުތަކުގެ ސްކޫލްތައް ބެހިފައިވަނީ ރެފިއުޖީން ތިބޭ ތަންތަނުގެ ގޮތުގައާއި، ތޮއްޖެހިފައިވާ ސްކޫލްތަކުގެ ގޮތުގައި އަދި ހަނގުރާމައިގެ ސަރަޙައްދުގައި ހުރުމުން ބަންދުކޮށްފައިވާ ތަންތަނުގެ ގޮތުގައެވެ.

މި ފަހުގެ ހަމަނުޖެހުންތަކުގެ ކުރިންވެސް ޔަމަނުގައި 3.2 މިލިއަން ކުދިން ސްކޫލަށް ނުގޮސް ތިބި ކަމަށް ޔުނިސެފުން ބުނެއެވެ. ސާމް އޮގަނައިޒޭޝަން ފޯ ރައިޓްސް އެންޑް ލިބަޓީސްގެ ރައީސް ތައުފީޤް އަލް-ޙުމައިދީ އިންޒާރު ދެއްވި ގޮތުގައި، ސްކޫލްތަކުން ބޭރުގައިވާ ކުދިންނަށް މަގުމަތިވުމާއި ސަލާންޖެހުމުގެ އިތުރުން މަޖުބޫރުން ހަނގުރާމައަށް ވެއްދުމުގެ ނުރައްކާ ބޮޑެވެ. ސްކޫލްތައް ބަންދުވުމުން ކުދިންނަށް ލިބޭ ނަފްސާނީ އަދި އިޖުތިމާޢީ ރައްކާތެރިކަން ގެއްލި، އަނިޔާއާއި އިހުމާލަށް ހުށަހެޅިގެންދެއެވެ.

ތާއިޒްގެ ޓީޗަރެއް ކަމަށްވާ ޢަބްދުލްކަރީމް ފާހަގަކުރެއްވި ގޮތުގައި، ބަޑީގެ އަޑުތަކާއި ގޮވުންތަކުގެ ބިރުވެރިކަމުގެ ތެރޭގައި ތަޢުލީމު ފޯރުކޮށްދިނުމަކީ ނުވާނެ ކަމެކެވެ. އެހެންކަމުން އެންމެ ފުރަތަމަ އިސްކަންދޭންވީ ރައްކާތެރި މާޙައުލެއް ޤާއިމުކުރުމަށެވެ. އަދަންގެ އިޖުތިމާޢީ ދިރާސާވެރިއެއް ކަމަށްވާ އަފްރާޙް އަލް-ޙުމައިޤާނީ ވިދާޅުވީ، ކިޔެވުމުން މަޙްރޫމްވާ ކުދިންގެ ސަބަބުން ލިޔަންކިޔަން ނުދަންނަ އާ ޖީލެއް އުފެދުމުގެ ބިރު އެބައޮތް ކަމަށާއި، މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ގުޅިގެން ރައްކާތެރި ކޭމްޕްތަކާއި ޓީޗަރުން އަދި ފޮތްތައް ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450