ދުނިޔެ

ޚިޔާނާތާއި ކޮރަޕްޝަންގެ ތުހުމަތުގައި ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ހައްޔަރުކޮށްފި

ޚިޔާނާތާއި ކޮރަޕްޝަންގެ ތުހުމަތުގައި ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ހައްޔަރުކޮށްފި

ސްރީލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 އޮކްޓޯބަރު 2026، 04:52

07 އޮކްޓޯބަރު 2026، 04:52

ސްރީލަންކާގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ހޯދި އެހީގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، އެ ޤައުމުގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ ހައްޔަރުކޮށްފިއެވެ. 

އެ ގައުމުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކުން ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސަގެ އުމުރުން 73 އަހަރުގެ އަނބިކަނބަލުން ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހު ކޮލަމްބޯގައި ހުންނަ އެ ދެމަފިރިންގެ ގެކޮޅުންނެވެ.

ތަޙުޤީޤީ އިދާރާތަކުން ބަލަމުންދަނީ "ސިރިލިޔާ ސަވިޔާ" ޗެރިޓީން އެއްކުރި 10 މިލިއަން ރުޕީސް (30،300 ޑޮލަރު) އާ ގުޅޭ މައްސަލައެކެވެ. މިއީ ކޮލަމްބޯގެ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯ ޗިލްޑްރަންއަށް ޚާއްޞަ ސްކޭނަރެއް ގަތުމަށް އެއްކުރި ފައިސާ ކަމަށްވާއިރު، އޮފިޝަލުން ވިދާޅުވާ ގޮތުގައި އެފަދަ ސްކޭނަރެއް ޗައިނާ ސަރުކާރުން ވަނީ މީގެ ކުރިން އެ ހޮސްޕިޓަލަށް ހަދިޔާކޮށްފައި ކަމަށެވެ. ނަމަވެސް ޝިރާންތީ ވަނީ އެއްވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށާއި އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ސިންގަޕޫރުގައި ބޭސްފަރުވާ ހޯއްދެވުމަށްފަހު ޝިރާންތީ އެނބުރި ޤައުމަށް ވަޑައިގެންނެވީ ހޯމަ ދުވަހުއެވެ. އޭނާ ހައްޔަރުކުރުން ހުއްޓުވުމަށް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުއްވި ނަމަވެސް، އެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ އޮކްޓޯބަރު 12 އަށެވެ. މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސަގެ ތަރުޖަމާނު މަނޯޖް ގަމަގޭ ވިދާޅުވީ، އެ ފައިސާ ސިރިލިޔާގެ އެކައުންޓްތަކުގައި ރައްކާތެރިކަމާއެކު އެބަހުރި ކަމަށާއި އެއްވެސް ޚިޔާނާތެއް ހިންގާފައި ނުވާނެ ކަމަށެވެ.

މަހިންދާ ރާޖަޕަކްސަ ވަނީ 2005 އިން 2015 އަށް ސްރީލަންކާގެ ވެރިކަން ކުރައްވާފައެވެ. އަދި އަހަރުތަކެއް ވަންދެން އެ އާއިލާއިން އެ ޤައުމުގެ ސިޔާސީ ދާއިރާގެ މައްޗަށް ބޮޑު ބާރެއް ފޯރުވިއެވެ. ނަމަވެސް 2022 ވަނަ އަހަރު ކުރިމަތިވި އިޤްތިޞާދީ އަނދަވަޅާއެކު އުފެދުނު ރައްޔިތުންގެ މުޒާހަރާތަކުގައި، އޭރުގެ ރައީސް އަދި މަހިންދާގެ ކޮއްކޯފުޅު ގޮތަބަޔާ ރާޖަޕަކްސަގެ ވެރިކަން ވަނީ ވެއްޓިފައެވެ.

ސްރީލަންކާގެ މިހާރުގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަގެ ސަރުކާރުން ވަނީ، ރާޖަޕަކްސަ އާއިލާއާ ގުޅުންހުރި، ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތް ކޮރަޕްޝަންގެ ތަޙުޤީޤުތައް އަލުން ފަށާފައެވެ. އެގޮތުން މަހިންދާގެ ވެރިކަމުގައި މަތިންދާބޯޓު ގަތުމުގެ މުޢާމަލާތަކާ ގުޅިގެން ދޮށީ ފިރިހެން ދަރިކަލުން ނަމާލް ރާޖަޕަކްސަ ހައްޔަރުކޮށް މިހާރުވެސް ބަންދުގައި ބަހައްޓާފައިވާއިރު، ހަގު ދަރިކަލުން ޔޯޝިތާ ވެސް ވަނީ މިއަހަރުގެ ކުރީކޮޅު ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450