ދުނިޔެ
ރިޔާޟްގެ އެއާޕޯޓަށް ދިން ދެ ހަމަލާއެއްގައި 3 މީހުން މަރުވެއްޖެ
ރިޔާޟްގެ އެއާޕޯޓަށް ހަމަލާދިނުން.
ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ބުރާސްފަތި ދުވަހު ދިން ދެ ހަމަލާއެއްގައި ސަޢޫދީގެ ތިން ރައްޔިތުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެ ކަމަށް އެ ޤައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން ހުކުރު ދުވަހު ހާމަކޮށްފިއެވެ.
ގާކާއިން މަޢުލޫމާތު ދިން ގޮތުގައި މި ދެ ހަމަލާގެ ތެރެއިން ފުރަތަމަ ހަމަލާ އަމާޒުކޮށްފައިވަނީ އެއާޕޯޓުގެ ޚިދުމަތްދޭ ވަސީލަތްތަކަށެވެ. އަދި ދެވަނަ ހަމަލާ އަރާފައިވަނީ ސަޢޫދީގެ ޤައުމީ އެއާލައިން ކަމަށްވާ "ސަޢޫދިއާ" ގެ ބޯޓަކަށެވެ.
މި ހާދިސާއާ ގުޅިގެން ނެރުނު ބަޔާނެއްގައި ގާކާއިން ބުނީ، ކުއްލި ހާލަތްތަކުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ޕްލޭންތަކާ އެއްގޮތަށް އެމަޖެންސީ ރެސްޕޮންސް ޓީމުތަކާއި ކަމާބެހޭ އިދާރާތަކުން ވަގުތުން އެ ހާދިސާތަކަށް އިޖާބަދީފައިވާ ކަމަށެވެ.
މި ހަމަލާތަކުގައި މަރުވި ސަޢޫދީގެ ތިން ރައްޔިތުންގެ އިތުރުން، އެކި ޤައުމުތަކަށް ނިސްބަތްވާ ޢާންމު ރައްޔިތުންނާއި އެ ޤައުމުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ބަޔަކު ވަނީ ޒަޚަމްވެފައެވެ. ލިބުނު އަނިޔާތަކުގެ ތެރޭގައި ކުދި އަނިޔާތަކުން ފެށިގެން ސީރިއަސް އަނިޔާތައް ހިމެނޭއިރު، އަނިޔާވި ހުރިހާ އެންމެންނަށްވެސް ވަގުތުން ވަނީ ހޮސްޕިޓަލުތަކުގައި ފަރުވާދޭން ފަށާފައެވެ. މީގެއިތުރުން އެއާޕޯޓުގެ އިމާރާތްތަކަށާއި މުދަލަށް އެކިވަރުގެ މާއްދީ ގެއްލުންތައް ލިބިފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ކަމާގުޅޭ ސަލާމަތީ އިދާރާތަކާ ގުޅިގެން ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ފަސިންޖަރުންނާއި އެއާޕޯޓުގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ގާކާއިން ވަނީ ބުނެފައެވެ. އަދި މިހާރު އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައި، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށްވެސް އެ އޮތޯރިޓީން ކަށަވަރުކޮށްދިނެވެ.