ދުނިޔެ
ހޫޘީން ސައޫދީގެ އެއާޕޯޓަށް ދިން ޙަމަލާއެއްގައި 12 މީހުން މަރުވެއްޖެ
އެއާޕޯޓަށް ލިބުނު ހަމަލާ. ފޮޓޯ: ރޮއިޓަރސް
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް އަމާޒުކޮށް އީރާނުގެ މަދަދު ލިބޭ ޙޫޘީން ދިން ނުރައްކާތެރި ޙަމަލާއެއްގައި މަދުވެގެން 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. ހޮނިހިރު ދުވަހު ދިން މި ޙަމަލާއަކީ މި ހަފުތާގެ ތެރޭގައި އެ އެއާޕޯޓަށް އަމާޒުވި ތިންވަނަ ޙަމަލާއެވެ.
ސައޫދީ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ގާކާ)އިން ހާމަކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ސައޫދީގެ ހަތަރު މީހުންނާއި، ބަންގްލަދޭޝްގެ ދެ މީހުން ހިމެނެއެވެ. މީގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސީރިއާ، ފަލަސްތީން، އަދި ސޫދާން، މިއިން ކޮންމެ ޤައުމަކުން މީހަކު ވަނީ މަރުވެފައެވެ. އަދި އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ 309 މީހުން ވަނީ ޒަޚަމްވެފައެވެ.
#Statement | Follow-up on the attack targeting King Khalid International Airport in Riyadh. #GACA https://t.co/aTPAb8ImDx
— هيئة الطيران المدني (@ksagaca) October 10, 2026
ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ސައޫދީ އަރަބިއްޔާއަށް ދިން އެންމެ ނުރައްކާތެރި މި ހަމަލާތައް އެ ގައުމަށް ދީފައިވަނީ އެއްވެސް އިންޒާރަކާއި ނުލައެވެ. މި ހަފުތާގައި ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް މީގެ ކުރިން ދިން ދެ ހަމަލާގައި ހަތަރު މީހުން މަރުވެ، ރަންވޭގައި ޕާކުކޮށްފައި އޮތް ސައޫދީގެ ވިޔަފާރި މަތިންދާބޯޓަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ސައޫދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ވަނީ މި ހަމަލާއަށް ރައްދު ދޭނެ ކަމަށް ބުނެފައެވެ. އަދި ސައޫދީ އަރަބިއްޔާއާއި ޔަމަނުގެ ސަރުކާރުން ބުނެފައިވަނީ ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ އެތައް ސަތޭކަ އަމާޒަކަށް ހަމަލާދީފައިވާ ކަމަށެވެ.
ހޮނިހިރު ދުވަހު ރިޔާޟަށް ދަތުރުކުރަން ހަމަޖެހިފައިހުރި ހުރިހާ ފްލައިޓްތަކެއް ހުއްޓާލައި، ގާތްގަނޑަކަށް 8 މިލިއަން މީހުންގެ އާބާދީއަކަށް ޚިދުމަތްދޭ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް ސައޫދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ބުނެފައެވެ.
ހަމަލާއަށްފަހު ހޫޘީންގެ މީޑިއާ އޮފިޝަލަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޖަމާއަތުން "ރިޔާޟް އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކޮށްލާފައިވާ" ކަމަށެވެ. ސައޫދީގެ މަދަދު ލިބޭ ޔަމަން ސަރުކާރުން ހޯމަ ދުވަހު ހޫތީންނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފެށުމާ ގުޅިގެން، ހޫތީން ވަނީ ސައޫދީގެ ވައިގެ ސަރަހައްދަކީ އަސްކަރީ ހަރަކާތްތައް ހިނގާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، އެ ސަރަހައްދުން ދަތުރުނުކުރުމަށް އެއާލައިންތަކަށް އަންގާފައެވެ.