ދުނިޔެ

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާ ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުށްވެރިކޮށްފި

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާ ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުށްވެރިކޮށްފި

ރިޔާޟްގެ އެއާޕޯޓް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 އޮކްޓޯބަރު 2026، 11:57

11 އޮކްޓޯބަރު 2026، 11:57

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް އަމާޒުކޮށް ޔަމަނުގެ ޙޫޘީން ދިން ނުރައްކާތެރި ހަމަލާއެއްގައި މަދުވެގެން 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

 މިއީ މި ހަފުތާގެ ތެރޭގައި ރިޔާޟް އެއާޕޯޓަށް ދިން ތިންވަނަ ހަމަލާއެވެ. އަދި މިއީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމަށް ލިބުނު ހަމާލާތަކުން އެންެމެ ގިނަ މީހުންގެ ފުރާނަ ގެއްލުނު ފަހަރެވެ. 

ހޮނިހިރު ދުވަހު ދިން މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސަޢޫދީގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، އުރުދުން، ފަލަސްޠީން، ސޫރިޔާ، ސޫދާން އަދި މިޞްރަށް ނިސްބަތްވާ މީހަކު ހިމެނޭ ކަމަށް ސަޢޫދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ. މި ހަމަލާ އަމާޒުވެފައިވަނީ ޔަމަނުގެ ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ ސަރުކާރުގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރަމުންދާ އީރާނުގެ މަދަދު ލިބޭ ޙޫޘީންނާ ދެކޮޅަށް ސަޢޫދީ އިސްވެ ވައިގެ މަގުން ދެމުންދާ ހަމަލާތައް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ މި ހަމަލާއާ ގުޅިގެން ނުހަނު ބޮޑަށް ސިހުން ލިބިވަޑައިގެންނެވި ކަމަށާއި، ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ޢާންމުންނާއި ޢާންމު ޚިދުމަތްދޭ ތަންތަނަށް ދޭ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށާއި، މިފަދަ އަމަލުތައް ވަގުތުން ހުއްޓާލަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އދ. އިން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ހަންސް ގްރުންޑްބާގް ވިދާޅުވީ ޢާންމު ވައިގެ ބަނދަރުތަކަށް ދޭ މިފަދަ ހަމަލާތަކަކީ މައްސަލަ އިތުރަށް ގޯސްވެ، ސަރަޙައްދީ ސަލާމަތަށް އޮތް ނުރައްކާ އިތުރުވެ، ސުލްޙައިގެ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަމަލާ ސިފަކުރެއްވީ ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައެވެ. އަދި ސަޢޫދީގެ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނާ ވަރަށް އަވަހަށް ވާހަކަދައްކަވާނެ ކަމަށާއި، ޙޫޘީންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާއިން ބައިވެރިވުމާމެދު ގޮތެއް ނިންމުމަށް ދިރާސާކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވެސް ވަނީ އެމެރިކާގެ ރައްޔިތަކު މަރުވި މި ހަމަލާ ކުށްވެރިކުރައްވައި، ސަޢޫދީ ސަރުކާރާއި ރައްޔިތުންނާއެކު އެމެރިކާ ސާބިތުވެ އޮތްކަން ހާމަކުރައްވާފައެވެ.

މި ހަމަލާއާ ގުޅިގެން ޢަރަބި އަދި އިސްލާމީ ޤައުމުތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޤަޠަރު، މިޞްރު، ޕާކިސްތާން، އުރުދުން، އަދި ފަލަސްޠީނުގެ ޚާރިޖީ ވުޒާރާތަކުން ވަނީ މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭ ނިރުބަވެރި އަމަލެއްގެ ގޮތުގައި ސިފަކޮށް، ސަޢޫދީގެ އިސްތިޤްލާލާއި ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށް އަޅާ ފިޔަވަޅުތަކަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފައެވެ. ޢުމާނުން ވެސް މި ހަމަލާ ކުށްވެރިކޮށް، މަސްރަޙު ފިނިކުރުމަށާއި ކެތްތެރިކަން އިސްކުރުމަށް ގޮވާލާފައިވެއެވެ.

ބައިނަލްއަޤްވާމީ އެހެން ޤައުމުތަކުގެ ތެރެއިން ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ ޢާންމު އިންފްރާސްޓްރަކްޗަރަށް ދޭ މިފަދަ ހަމަލާތަކަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ސަޢޫދީގައި ހުންނަ ޖަޕާނުގެ އެމްބަސީން ވެސް ވަނީ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ތަކުރާރުކޮށް ދޭ މިފަދަ ހަމަލާތައް ބަލައިނުގަނެވޭނެ ކަމަށް ބުނެ ހަމަލާ ކުށްވެރިކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450