ދުނިޔެ

އިސްރާއީލުގެ ހަމަލާތަކުން ސަލާމަތްވި މަދު ޒައިތޫނި ގަސްތަކުން ޣައްޒާ ރައްޔިތުން ޒައިތޫނި ބިންނަނީ

އިސްރާއީލުގެ ހަމަލާތަކުން ސަލާމަތްވި މަދު ޒައިތޫނި ގަސްތަކުން ޣައްޒާ ރައްޔިތުން ޒައިތޫނި ބިންނަނީ

ޒައިތޫނި ދަނޑުތަކުން ޒައިތޫނި ބިނުން. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޮކްޓޯބަރު 2026، 05:25

14 އޮކްޓޯބަރު 2026، 05:25

އިސްރާއީލު ސިފައިން ޣައްޒާގެ ބޮޑު ސަރަޙައްދެއް ބުލްޑޯޒަރު އަޅައި ސުންނާފަތިކޮށް، ދަނޑުވެރިން ވަނުން މަނާކޮށްފައި އޮތް ނަމަވެސް، އެ ހަމަލާތަކުން ސަލާމަތްވި މަދު ޒައިތޫނި ގަސްތަކުން ޒައިތޫނި ބިނުމުގެ މަސައްކަތް ޣައްޒާގެ ރައްޔިތުން ފަށައިފިއެވެ.

މެދުތެރޭ ޣައްޒާގެ ދަނޑުވެރިއެއް ކަމަށްވާ އުމުރުން 60 އަހަރުގެ ހައިދަރު އަބޫ މިއްދައިންގެ އާއިލާއިން ކުރިން 220 އެކަރު (900 ދުނަމް) ގެ ބޮޑު ޒައިތޫނި ދަނޑެއް ބަލަހައްޓަމުން ދިޔައެވެ. ނަމަވެސް، މިހާރު އެ ބިމުގެ ދެބައިކުޅަ އެއްބައި އޮތީ އިސްރާއީލު ސިފައިން ފަލަސްތީނު ރައްޔިތުން ވަނުން މަނާކޮށްފައިވާ "ޔެލޯ ލައިން" ގެ އެތެރޭގައެވެ. ދަނޑުގެ ބާކީ ބައިގައި ހުރި ގިނަ ގަސްތައް ބުލްޑޯޒަރު އަޅައި ބިމާހަމަކޮށްފައި ވާއިރު، މިހާރު ސަލާމަތުން ހުރީ އެންމެ 20 ނުވަތަ 30 ވަރަކަށް ގަހެވެ. އަބޫ މިއްދައިން ބުނި ގޮތުގައި ކުރިން މުޅި މެދުތެރޭ ސަރަޙައްދަށް ފުދޭވަރަށް ތެލާއި ޒައިތޫނި ލިބުނު ނަމަވެސް، މިފަހަރު ލިބޭނީ އެންމެ ދެ ހަމުގެ ތެލެވެ. އެއީ އޭނާގެ އަމިއްލަ އާއިލާއަށް ވެސް ފުދޭ މިންވަރެއް ނޫނެވެ.

ޣައްޒާގެ ދަނޑުވެރިކަމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި، ކުރިން ހުރި 2 މިލިއަން ޒައިތޫނި ގަހުގެ ތެރެއިން މިހާރު ސަލާމަތުން ހުރީ ގާތްގަނޑަކަށް 150,000 ގަހެވެ. އާންމުކޮށް އަހަރަކު 40,000 ޓަނުގެ ޒައިތޫނި އުފައްދާ ނަމަވެސް، މި މޫސުމުގައި ލިބޭނެ ކަމަށް ބެލެވެނީ އެންމެ 5,000 ޓަނެވެ. އަދި އުފެއްދޭ ތެލުގެ މިންވަރު 5,000 ޓަނުން 700 ޓަނަށް ދަށްވާނެ ކަމަށް ލަފާކުރެވެއެވެ. ކުރިން ހިންގި 40 ތެޔޮ ފިއްތާ މަރުކަޒުގެ ތެރެއިން މިހާރު މަސައްކަތް ކުރަނީ އެންމެ ހަތް ތަނެވެ.

ދައިރުލް ބަލަޙް ބާޒާރުގައި މިހާރު ޒައިތޫނި ތެޔޮ ލިބެން ހުރީ ހަނގުރާމައިގެ ކުރިން ހުރި އަގަށް ވުރެ ތިންގުނަ ބޮޑުކޮށެވެ. އެގޮތުން 16 ލީޓަރުގެ ތެޔޮ ހަމެއްގެ އަގު 500 ޑޮލަރަށް އުފުލިފައި ވާއިރު، އެއީ އާންމު ރައްޔިތުންނަށް އަތްފޯރާ ފަށަށް ވުރެ މާ ބޮޑު އަގެކެވެ.

މި ދަތި ހާލަތުގައި ވެސް، ދައިރުލް ބަލަޙްގައި ސަލާމަތުން އޮތް މަދު ދަނޑުތަކުގައި ޚަލީލް މަންސީގެ އާއިލާއިން ދަނީ ކުޑަކުދިންނާ އެކު ޒައިތޫނި ބިނުމުގެ މަސައްކަތް ކުރަމުންނެވެ. އެ ދަނޑުގައި ދުވަހު މަސައްކަތު މީހެއްގެ ގޮތުގައި މަސައްކަތްކުރާ އަޙްމަދު ޚަޟިރު ބުނި ގޮތުގައި ކުރިން މުޅި މޫސުމުގައި މަސައްކަތް ލިބުނު ނަމަވެސް، މިހާރު އެންމެ ދުވަހެއްގެ މަސައްކަތުން ލިބޭ އުޖޫރައަށް ވެސް ޝުކުރުވެރިވެއެވެ. އޭނާ ބުނީ ކިތަންމެ ދަތި ނަމަވެސް ދަރިންނަށް ކާންދިނުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450