ދުނިޔެ

ހޮރްމުޒްގައި އީރާނުން ފާރަލުން ވަރުގަދަކޮށްފި: ތެޔޮ ބޭރުކުރުން އަނެއްކާވެސް ދަށަށް

ހޮރްމުޒްގައި އީރާނުން ފާރަލުން ވަރުގަދަކޮށްފި: ތެޔޮ ބޭރުކުރުން އަނެއްކާވެސް ދަށަށް

ހޮރްމުޒް ކަނޑު. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޮކްޓޯބަރު 2026، 05:23

14 އޮކްޓޯބަރު 2026، 05:23

ހޮރްމުޒް ކަނޑުއޮޅި ކޮންޓްރޯލްކުރުމަށް އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ އަރާރުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް އަމާޒުކޮށް ފާރަލުމުގެ އޮޕަރޭޝަންތައް ފުޅާކޮށް އާ ޔުނިޓްތަކެއް ހަރަކާތްތެރިވާން ފަށައިފި ކަމަށް އީރާނުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

 މި އިއުލާނާ ގުޅިގެން ކަނޑުއޮޅީގައި އުޅަނދުފަހަރަށް ދެވޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެ، ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައިކުރާ މިންވަރު އަނެއްކާވެސް ވަނީ ދަށަށް ގޮސްފައެވެ.

އީރާނުގެ ނޭވީން ހާމަކުރި ގޮތުގައި، ގެއްލުން ލިބި އަލިފާން ރޯވި ޓޭންކަރެއް ފެނުމާ ގުޅިގެން، އޮމާން ކަނޑާއި އަރަބި ކަނޑު އަދި ހޮރްމުޒް ކަނޑުއޮޅީގެ އިރުމަތީ ސަރަހައްދުތަކުގައި ވަނީ އާ ފޯމޭޝަނެއްގައި ޔުނިޓްތައް ރުކުރުވާލާފައެވެ. މި ޔުނިޓްތަކުން އެ ސަރަހައްދުގެ ކަނޑުދަތުރުފަތުރާއި ދުޝްމަނުންގެ ހަރަކާތްތައް ވަގުތުން ބަލައި މޮނީޓަރު ކުރަމުން ގެންދާނެ ކަމަށް އީރާނުން ބުނެއެވެ. މީގެ އިތުރުން، އުޅަނދުފަހަރުގެ ޓްރާންސްޕޮންޑަރުތައް ނިއްވާނުލުމަށާއި، ރައްކާތެރިކަމާއެކު ދަތުރުކުރުމަށް އީރާނުގެ އަސްކަރިއްޔާއާ ގުޅިގެން ކުރިއަށް ދިއުމަށް ވެސް ވަނީ އަންގާފައެވެ.

ކަނޑުދަތުރުފަތުރުގެ މައުލޫމާތުތައް ދިރާސާކުރާ ކެޕްލަރ އިން ހާމަކޮށްފައިވާ ގޮތުގައި، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެލުގެ މިންވަރު މި މަހުގެ 11 ވަނަ ދުވަހު ވަނީ ދުވާލަކު 2.9 މިލިއަން ފީފާއަށް ވެއްޓިފައެވެ. މިއީ މި ހިނގާ އޮކްޓޫބަރު މަހު ތެޔޮ ބޭރުކުރި އެންމެ ދަށް އަދަދެވެ. ހަމަލާތައް އިތުރުވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކްރޫޑްގެ އަގު ވަނީ ފީފާއަކަށް 106.58 ޑޮލަރަށް އުފުލިފައެވެ. ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް  އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ހަތަރު ދުވަހުގެ ތެރޭގައި އެކަނިވެސް އެ ސަރަހައްދުން ދަތުރުކުރި އުޅަނދުތަކަށް 11 ހަމަލާއެއް ވަނީ އަމާޒުވެފައެވެ.

މި ހަމަލާތަކާއި ހަރަކާތްތަކާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ބުނެފައިވަނީ، ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާގެ އަސްކަރިއްޔާއާއި އެކުވެރި ބާރުތަކުގެ އަތްމަތީގައި ކަމަށެވެ. އަދި އީރާނުގެ އިންގިލާބީ ލަޝްކަރުގެ ކަނޑުގެ ބާރުތައް ވަނީ ބަލިކަށިކޮށްލެވިފައި ކަމަށާއި، އެ ސަރަހައްދުން ތެޔޮ އުފުލާ އުޅަނދުފަހަރަށް ބޭނުންވާ ރައްކާތެރިކަން އެމެރިކާ އިސްވެ ހިންގާ ނިޒާމުގެ ދަށުން ފޯރުކޮށްދެމުންދާ ކަމަށް އެމެރިކާއިން ބުނެއެވެ.

ނަމަވެސް، އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އިސް އޮފިޝަލް މޮހްސެން ރެޒާއީ ވިދާޅުވެފައިވަނީ، ކަނޑުއޮޅީގެ ކޮންޓްރޯލް އަދިވެސް އޮތީ އީރާނުގެ ބާރުގެ ދަށުގައި ކަމަށެވެ. އަދި ހޮރްމުޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލުމަށް އީރާނުން ހުށަހެޅި ޝަރުތުތަކަށް އެމެރިކާއިން ފުރިހަމައަށް އިޖާބަދީގެން މެނުވީ ދާއިމީ ހައްލެއް ނުފެންނާނެ ކަމަށް އީރާނުން ދަނީ ބުނަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450