ކުޅިވަރު

ދިއްދޫގައި އަޅާ ބައިނަލްއަޤުވާމީ ފެންވަރުގެ ފުޓުބޯޅަ ދަނޑު އަންނަ އަހަރަށް ނިމޭނެ: ވަޒީރު

ދިއްދޫގައި އަޅާ ބައިނަލްއަޤުވާމީ ފެންވަރުގެ ފުޓުބޯޅަ ދަނޑު އަންނަ އަހަރަށް ނިމޭނެ: ވަޒީރު

ދިއްދޫ އާއި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 އޮކްޓޯބަރު 2026، 08:26

14 އޮކްޓޯބަރު 2026، 08:26

ހއ. ދިއްދޫގައި ތަރައްޤީކުރަމުން އަންނަ ބައިނަލްއަޤުވާމީ ފެންވަރުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ދިއްދޫގައި މިހާރު ތަރައްޤީކުރަމުން ދަނީ ބައިނަލްއަޤުވާމީ މެޗުތައް ކުޅެވޭ ފެންވަރަށް، ފުރިހަމަ ޗޭންޖިންގ ރޫމް ފެސިލިޓީތަކާއި އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެ ދަނޑެއް ކަމަށެވެ. އެގޮތުން ފީފާ ސްޓޭންޑާޑަށް ތަރައްޤީކުރާ މި ދަނޑުގެ ބިންގާ މިދިޔަ އަހަރު އެޅުނު ނަމަވެސް، ޢަމަލީ ގޮތުން ބާރަށް މަސައްކަތް ކުރެވެމުން ދަނީ މި އަހަރުގެ ކުރީކޮޅުން ފެށިގެން ކަމަށާއި، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމައި ދަނޑު ބޭނުންކުރަން ފެށޭނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ދިއްދޫގައި ބައިނަލްއަޤުވާމީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ތަރައްޤީކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ ފުޓުބޯޅަ އަލުން ކޮޅަށް ޖަހައި، ދިވެހިންގެ ހިތްތަކާ ގުޅިފައިވާ މި ކުޅިވަރަށް އޭގެ އަސްލު މަޤާމު ހޯދައިދިނުމަށް ސަރުކާރާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ދިވެހި ޕްރިމިއަރ ލީގުގެ ފޯމެޓަށް ގެނައި ބަދަލުގެ ތެރެއިން، އަތޮޅުތެރެއިން ލީގުން ޖާގަ ހޯދި ދެ ޓީމުގެ ތެރޭގައި ދިއްދޫ ސްޕޯޓްސް ކުލަބު ވަނީ ހިމެނިފައެވެ. ދިވެހި ލީގުގެ ރަސްމީ މެޗުތައް މިހާރު ވެސް ދިއްދޫގައި ކުޅެފައިވާއިރު، އެ ޓީމުގެ ހޯމް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ވެސް ދިއްދޫގައެވެ.

މީގެއިތުރުން، މުޅި ރާއްޖެއަށް ފުޓުބޯޅަ ފުޅާކުރުމަށް އެފްއޭއެމް އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އުފައްދާ ރީޖަނަލް ފުޓުބޯޅަ އެސޯސިއޭޝަންތަކުގެ އޮފީސްތައް ޤާއިމުކުރަން ނިންމާފައިވާ ހަތަރު ރަށުގެ ތެރޭގައި ވެސް ދިއްދޫ ހިމެނެއެވެ. އެގޮތުން ދިއްދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ "ނޯތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން" ގެ މައި އޮފީހެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450