ދުނިޔެ
ހުޅަނގު އައްސޭރީގައި ޔަހޫދީން ދިން ހަމަލާތަކެއްގައި ގިނަ ބަޔަކު ޒަޚަމްވެއްޖެ
ހުޅަނގުއައްސޭރީގައި ވަޒަންވެރިއަކު ފަލަސްޠީނު މީހެއްގެ ދަނޑުބިމަށް ގެއްލުންދެނީ. ފޮޓޯ:ޑަބްލިޔުޕީ
އިސްރާއީލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި ޔަހޫދީ ވަޒަންވެރިންނާއި އިސްރާއީލު ސިފައިން ދިން އަނިޔާވެރި ހަމަލާތަކެއްގައި ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ޢާންމުން ޒަޚަމްވެއްޖެއެވެ.
މި ހަމަލާތަކުގައި ހެބްރޮންގެ ދެކުނުގައި އޮންނަ މަސާފިރު ޔައްތާ ސަރަޙައްދުގެ މާއީން އަވަށުން އެކަނިވެސް ހަ މީހަކު ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުއްޖަކާއި ހަތަރު އަންހެނުން ހިމެނޭ ކަމަށް ފަލަސްޠީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނެއެވެ. އަދި ރާމަﷲގެ ހުޅަނގުގައި އޮންނަ ދައިރު ޢައްމާރު އަވަށުގައި ޒައިތޫނި ބިންނަން ތިބި ދަނޑުވެރިންނަށް ސިފައިންނާއި ވަޒަންވެރިން ބަޑިން ހަމަލާދީ އިތުރު ބަޔަކު ޒަޚަމްކޮށްލާފައިވާއިރު، ދަނޑުވެރިންތަކެއް ހައްޔަރުކޮށް ބިންތަކުން ވަނީ ބޭރުކޮށްފައެވެ.
ރާމަﷲގެ އިރުއުތުރުގައި އޮންނަ ކަފްރު މާލިކް އަވަށުގެ މޭޔަރު ނާޖިހް ރުސްތުމް އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވި ގޮތުގައި، ފަތިހުގެ ވަގުތެއްގައި ޔަހޫދީ ވަޒަންވެރިން ދަނޑުބިމަކަށް ވަދެގަނެ 20 ކަންބަޅި ވަނީ މަރާލާފައެވެ. އަދި އޭގެ ކުރީ ރޭ އިސްރާއީލު ސިފައިން އެ އަވަށަށް ވަދެ ކަރުނަގޭސް ޖެހުމުގެ ސަބަބުން ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނާބުލުސްގެ އިރުމަތީގައި އޮންނަ ބައިތު ފޫރީކް ސަރަޙައްދުގައި ވަޒަންވެރިން ޒައިތޫނި ގަސްތައް ކަނޑައި ހަލާކުކުރަމުން ދިޔައިރު، އިސްރާއީލު ސިފައިން ވަނީ ބިމުގެ ވެރިންނާއި ޒައިތޫނި ބިންނަން ތިބި މީހުން ހައްޔަރުކޮށްފައެވެ.
ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި ހިނގަމުންދާ މި ހަމަލާތަކަކީ ފަލަސްޠީނުގެ ދަނޑުވެރިންގެ ބިންތައް ފޭރިގަތުމަށް ރޭވިގެން ހިންގާ ބޮޑު ކެމްޕޭނެއްގެ ބައެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އޮކްޓޫބަރު މަސް ފެށުނީއްސުރެ މިހާތަނަށް ފަލަސްޠީނު ރައްޔިތުންނަށް އަމާޒުކޮށް ޔަހޫދީ ވަޒަންވެރިން ދިން 300 ހަމަލާއެއް ރެކޯޑުކުރެވިފައިވާއިރު، މިއީ ޒައިތޫނި ކެނޑުމުގެ މުހިންމު މޫސުމުގައި ދަނޑުވެރިންނަށް ލިބޭ ބޮޑު ގެއްލުމެކެވެ. އިސްރާއީލު ސިފައިން އަބަދުވެސް ހަރަކާތްތެރިވަނީ ޔަހޫދީ ވަޒަންވެރިންނަށް ހިމާޔަތްދީ، އަމިއްލަ ބިން ދިފާޢުކުރަން މަސައްކަތްކުރާ ފަލަސްޠީނު މީހުންނަށް އަނިޔާކުރުމުގައެވެ.
މި ހަމަލާތައް އިތުރުވެފައިވަނީ ހަރުކަށި ފިކުރުގެ ރައްބީއެއް ކަމަށްވާ ޑޯވް ލިއޯ ނެރުނު ދީނީ ފަތުވާއަކާ ގުޅިގެންނެވެ. އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރުގެ ޖުވިޝް ޕަވަރ ޕާޓީގެ އިސް ފަރާތެއް ކަމަށްވާ ލިއޯގެ ފަތުވާގައި ބުނެފައިވަނީ، މުޤައްދަސް ބިމުން ޒައިތޫނި ބިނުމަކީ ޔަހޫދީންނަށް ހުއްދަ އަދި ޘަވާބު ލިބޭ ކަމެއް ކަމަށާއި، ބިމުގެ މިލްކުވެރިކަން ދެއްކުމަށްޓަކައި ދުރު ސަރަޙައްދުތަކުން ވެސް ޒައިތޫނި ބިނުން ހުއްދަވާނެ ކަމަށެވެ. އަދި އެ ބިމަކީ ޔަހޫދީންގެ ބިމެއް ކަމަށާއި ފަލަސްޠީނު މީހުން އެ ބިން ގަނެފައި ނުވާ ކަމަށް ވެސް އޭނާ ދަޢުވާކޮށްފައިވެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިފަދަ ހަމަލާތައް ކުޑަކަމެއްގެ ގޮތުގައި ސިފަކުރަމުންދާއިރު، ހަމަލާދޭ ވަޒަންވެރިން ހުއްޓުވުމަށް އެއްވެސް ޢަމަލީ ފިޔަވަޅެއް އަޅަމުން ނުދާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މިއީ ސިޔާސީ ގޮތުން ވޯޓު ހޯދުމަށްޓަކައި ސަރުކާރުން ހިތްވަރުދީގެން ހިންގާ އަނިޔާވެރި ޢަމަލުތަކެއް ކަމަށް އަލްޖަޒީރާގެ ރިޕޯޓަރުން ބަޔާންކުރެއެވެ.