ދުނިޔެ

ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލަށް އެމެރިކާއާއި އީރާނުން ވާދަކުރަނީ

ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލަށް އެމެރިކާއާއި އީރާނުން ވާދަކުރަނީ

ހޮރްމުޒް ކަނޑުއޮޅި. ފޮޓޯ:އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޮކްޓޯބަރު 2026، 08:49

17 އޮކްޓޯބަރު 2026، 08:49

ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އަމާޒުކޮށް ގިނަ ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައި، ހޮރުމޫޒު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެ ޤައުމުގެ ބާރުގެ ދަށުގައި ކަމަށް އެމެރިކާއާއި އީރާނުން ދަޢުވާކޮށްފިއެވެ.

އޮކްޓޫބަރު މަހުގެ މިހާތަނަށް ގިނަ އަދަދެއްގެ އުޅަނދުތަކަށް ޙަމަލާ އަމާޒުވެފައިވާއިރު، މިއީ ފެބްރުއަރީ މަހު ހަނގުރާމަ ފެށުނު ފަހުން މިފަދަ ޙަމަލާތައް އެންމެ ގިނަވި މުއްދަތެވެ.

ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ހާމަކޮށްފައިވާ ގޮތުގައި، އޮކްޓޫބަރު 16 ގެ ނިޔަލަށް ވޭތުވެދިޔަ ހަފްތާގައި އެކަނިވެސް މަދުވެގެން 12 އުޅަނދަކަށް ވަނީ ޙަމަލާދީފައެވެ. ނަމަވެސް ގިނަ އުޅަނދުފަހަރުން ޙަމަލާތަކުގެ މަޢުލޫމާތު ރިޕޯޓުކުރަން ފަސްޖެހޭތީ، ޙަޤީޤީ ޢަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. ކަށަވަރުކުރެވުނު ޙަމަލާތަކުގެ ތެރެއިން އެއް އުޅަނދު އަޑިއަށް ގޮސްފައިވާއިރު، އިތުރު ދެ އުޅަނދެއް ވަނީ ދަތުރުނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ވެރިޔާ ބްރެޑް ކޫޕަރ ވިދާޅުވީ، އީރާނުން ޙަމަލާތައް ދިން ނަމަވެސް ފާއިތުވި ހަފްތާގައި 400 އުޅަނދާއި 100 މިލިއަން ފީފާ ތެޔޮ އެ ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކޮށްފައިވާ ކަމަށެވެ. އަދި ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އެމެރިކާއާއި ބައިވެރިންގެ އަތްމަތީގައި ކަމަށާއި، އީރާނުން ޙަމަލާތައް އިތުރުކުރަނީ މާޔޫސްވެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އެމެރިކާއިން އަޅާފައިވާ ކަނޑުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ތެލުގެ އާމްދަނީން 25 ބިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށްވެސް އެމެރިކާ އަސްކަރިއްޔާއިން ބުނެއެވެ.

އަނެއްކޮޅުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނަމުންދަނީ އެ ޤައުމުގެ ހުއްދައަކާ ނުލައި ދަތުރުކުރާ އުޅަނދުފަހަރަށް އެ ސަރަޙައްދު ރައްކާތެރި ނޫން ކަމަށެވެ. އަދި ދާދިފަހުން ދެ މިލިއަން ފީފާ ތެޔޮ އުފުލި ސުޕަރޓޭންކަރެއް މައިނެއްގައި ޖެހި އަނދައިގެން ގޮސްފައިވާ ކަމަށް އީރާނުން ބުނި ނަމަވެސް، އެމެރިކާއިން ބުނަނީ ކަނޑުއޮޅިން މައިންތައް ނައްތާލާފައިވާ ކަމަށާއި އުޅަނދުތަކަށް އަމާޒުވަނީ އީރާނުގެ މިސައިލާއި ރޮކެޓް ފަދަ ހަތިޔާރުތައް ކަމަށެވެ.

މި ޙަމަލާތަކާއި ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ މެއި މަހަށްފަހު ފުރަތަމަ ފަހަރަށް 110 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. ދެފަރާތުގެ ދެމެދުގައި ސަރަޙައްދީ މެދުވެރިން މެދުވެރިކޮށް ވާހަކަތައް ދެކެވުނު ނަމަވެސް، ކުރިއަށް އޮތް އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު ހަނގުރާމަ އިތުރަށް ވަރުގަދަވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450