ޚަބަރު
ގަވާއިދާ ހިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ވިއްކަމުންދިޔަ ދެ ބިދޭސީން ހައްޔަރުކޮށްފި
މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން--
ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީ ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެއެވެ.
ފުލުހުން ވިދާޅުވީ މި މީހުން ހައްޔަރުކޮށްފައިވަނީ، ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ހައްޔަރުކުރި ދެ މީހުންނަކީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި ބަންގްލަދޭޝަށް ނިސްބަތްވާ މުޙައްމަދު ރަސެލް މިއާއެވެ.
މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރުވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މި ދެ މީހުންނާ މެދު އަޅާނެ ގާނޫނީ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެގޮތުން، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް އެސްއެމްއެސް، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް މައުލޫމާތު ފޮނުވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
މިފަދަ މައްސަލަތައް ހުއްޓުވުމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ސަރުކާރުން ވަނީ އެމްއެމްއޭގެ ގާނޫނާއި، ބޭރު ފައިސާގެ ގާނޫނު ތަންފީޒުކުރުމަށް ހާއްސަ މަސައްކަތްތަކެއް ތަހުގީގީ އިދާރާތަކާ ގުޅިގެން ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން ގާނޫނާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރަމުން އައި ބައެއް ތަންތަން މީގެ ކުރިންވެސް ބަންދުކޮށްފައިވެއެވެ.