Ads by Farudhun

ޚަބަރު

ކުޅުދުއްފުށީގައި ފެންބޮޑުވުމުގެ ސަބަބުން ސަތޭކައަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް

ކުޅުދުއްފުށީގައި ފެންބޮޑުވުމުގެ ސަބަބުން ސަތޭކައަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް

ކުޅުދުއްފުށީގެ ގެއަކަށް ފެންވަނުން ހުއްޓުވުމަށް މަސައްކަތް ކުރަނީ / ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

farudhun logo

ފަރުދުން

23 އޮކްޓޯބަރު 2026، 07:12

23 އޮކްޓޯބަރު 2026، 07:12

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެ، 18 ގެއަކުން 140 އަށް ވުރެ ގިނަ މީހުން ދެ ސްކޫލަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދެއްވި ގޮތުގައި، ވިއްސާރައިގެ ސަބަބުން ކުޅުދުއްފުށީގެ އެކި ހިސާބުތަކުގައި ފެންބޮޑުވެފައިވާއިރު، 7 ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ. އަދި ގެދޮރުގައި ދިރިނޫޅެވޭ ވަރަށް ފެން ވަދެފައިވާ ގެތަކުގެ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ދަނީ ކުރިއަށެވެ.

ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި މި ވަގުތު އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ ގޮދަޑި، ބާލިސް އަދި ބެޑްޝީޓެވެ. މީގެއިތުރުން، ޙާލަތާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކައުންސިލުން ވަނީ ވަގުތީ ހޮޓްލައިނެއް ޤާއިމުކޮށްފައެވެ. އެހެންކަމުން ފެންބޮޑުވެ އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، ހޮޓްލައިން ނަންބަރު 6527211 އަށް ގުޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމަށް މަސައްކަތް ކުރަނީ / ފޮޓޯ: ސިޓީ ކައުންސިލް

ކުޅުދުއްފުށީ ކައުންސިލްގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ޢާންމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް އެހީއަށް އެދި ހުށަހެޅި 170 އަށްވުރެ ގިނަ ފޯނު ކޯލަށް ވަނީ ޖަވާބުދީފައެވެ. އަދި ރަށުގެ 5 ސަރަހައްދެއްގައި 7 ޑީވޯޓަރިންގ ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު މެދުވެރިކޮށް، ހޮޓްލައިން ނަންބަރާއި "ސިޓީ ކުލުނު" ޕޯޓަލް މެދުވެރިކޮށް އެހީތެރިކަމަށް ރިޕޯޓުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި ގެތަކަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށްޓަކައި ވެލިބަސްތާ ޖެހުމަށް ބޭނުންވާ ވެލި ދޫކުރުމުގެ މަސައްކަތް ވެސް ކައުންސިލުން ދަނީ ކުރަމުންނެވެ.

މި ޤުދުރަތީ ޙާދިސާއާ ގުޅިގެން ރައްޔިތުންނަށް އެހީތެރިވުމުގައި ގިނަ މުއައްސަސާތަކަކުން ދަނީ އެކުގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން ދިވެހި ރެޑް ކްރެސެންޓްގެ ނޯރތް ރީޖަނަލް އޮފީސް، ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން، އެމް.އެން.ޑީ.އެފް، ޕަބްލިކް ވާރކްސް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)، ކުޅުދުއްފުށީ އެއަރޕޯޓް އަދި ރެއިންބޯ ކޮންސްޓްރަކްޝަނުން ދަނީ މި އޮޕަރޭޝަނުގައި ޢަމަލީގޮތުން ބައިވެރިވެ ހަރަކާތްތެރިވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450