ޚަބަރު
ގެދޮރު އެޅުމަށާއި ގަތުމަށް ދޭ އިކުއިޓީ ހިލޭ އެހީއަށް އެދުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލަނީ
ހައުސިންގ މިނިސްޓަރ ޑރ ޢަބްދުﷲ މުއްޠަލިބް. ފޮޓޯ:ވުޒާރާ
ގެދޮރު އިމާރާތްކުރުމަށާއި ގަތުމަށް ބޭނުންވާ ހައުސިން ލޯނުތަކުގެ އިކުއިޓީ ހަމަޖެއްސުމަށް ސަރުކާރުން ދޭ ހިލޭ އެހީގެ ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު، އަންނަ ނޮވެމްބަރު މަހު ހުޅުވާލާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ތަންފީޒުކުރާ "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް" ގެ ދަށުން މި އެހީ ފޯރުކޮށްދެނީ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ގެ ނަމުގައި ހިންގާ ދެ ސްކީމެއްގެ ތެރެއިންނެވެ. މިއީ ހަމައެކަނި ދައުލަތުން ގެދޮރު އަޅައިދިނުމުގެ ބަދަލުގައި، އަމިއްލައަށް ގެދޮރު ބިނާކުރުމާއި މިލްކުކުރުމުގެ މާލީ ގާބިލުކަން ރައްޔިތުންނަށް ފަހިކޮށްދިނުމަށް ތައާރަފުކުރާ ސްކީމުތަކެކެވެ. މި މަސައްކަތުގެ ދަށުން، މިދިޔަ އޮކްޓޯބަރު 18 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، އެޗްޑީއެފްސީ އަދި އެމްއެފްއެލްސީއާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ވޯލްޑް ބޭންކުގެ ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އާއިލާތަކުގައި ފަހަށް ރައްކާކުރެވިފައިވާ ފައިސާއެއް ނެތެވެ. އަދި މަހަކު 3،000 ރުފިޔާއަށްވުރެ އިތުރަށް ރައްކާކުރެވެނީ ކޮންމެ ދިހަ އާއިލާއަކުން އެންމެ އާއިލާއަކަށެވެ. އެހެންކަމުން، 2 މިލިއަން ރުފިޔާގެ ފްލެޓަކަށް ބޭނުންވާ 20 އިންސައްތައިގެ އިކުއިޓީ ހަމަޖެއްސުމަށް އެފަދަ އާއިލާއަކަށް 10 އަހަރު ހޭދަވާނެތީ، ސަރުކާރުން އަލަށް ތައާރަފުކުރާ ދެ ސްކީމަކީ މި ދަތިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ ވަސީލަތެކެވެ.
ތަޢާރަފުކުރާ ދެ ސްކީމުގެ ތަފުސީލު
އަމިއްލަ ބިން އޮވެ، އިމާރާތްކުރުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ހާއްސަ "ހެލްޕް ޓު ބިލްޑް" ސްކީމުގެ ދަށުން، 1 މިލިއަން ރުފިޔާގެ ލޯނަކަށް ބޭނުންވާ 20 އިންސައްތަ އިކުއިޓީ ހަމަޖެއްސުމަށް ސަރުކާރުން 200،000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޭނެއެވެ. ފުރަތަމަ ފިޔަވަހީގައި މާލެއާއި އަތޮޅުތަކުގެ ކަނޑައެޅޭ ރަށްރަށަށް މި ފުރުސަތު ހުޅުވާލާއިރު، މާލޭގައި އެއް ބިމެއްގައި ގިނަ ވާރުތަވެރިންތަކެއް ގުޅިގެން އިމާރާތްކުރާނަމަ އެއް ބިމަކަށް ޖުމްލަ 1 މިލިއަން ރުފިޔާއާ ހަމައަށް އެހީ ލިބޭނެއެވެ. ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު ހިމަނާނީ ފަހުގެ ފިޔަވަހިތަކުގައެވެ.
އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް އަމާޒުކުރާ "ހެލްޕް ޓު ބައި" ސްކީމުގެ ދަށުން، ރަށްރަށުގައި ޑިވެލޮޕަރުން ތަރައްގީކުރާ 1.5 މިލިއަން ރުފިޔާގެ ބޯހިޔާވަހިކަމަކަށް ސަރުކާރުން 250،000 ރުފިޔާއާ ހަމައަށް ދައްކައިދޭނެއެވެ. މީގެ ސަބަބުން، 20 އިންސައްތައިގެ ޑިޕޮސިޓަކަށް އާއިލާއިން އަމިއްލައަށް ދައްކަންޖެހޭ އަދަދު 300،000 ރުފިޔާއިން 50،000 ރުފިޔާއަށް ކުޑަވެގެންދާނެއެވެ. އަދި ކުރިއަށް އޮތް ފިޔަވަހިތަކުގައި މާލެއިން އެޕާޓްމަންޓް ގަންނަ ފަރާތްތަކަށްވެސް މި ސްކީމް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.
ވަޒީރު ވިދާޅުވީ މިއީ އަނބުރާ ދައްކަންޖެހޭ ލޯނެއް ނޫން ނަމަވެސް، މި އެހީ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށްޓަކައި، 20 އަހަރު ދުވަހުގެ ތެރޭގައި އެ ގެދޮރު ވިއްކާލައިފިނަމަ އެ ފައިސާ އަނބުރާ ދައްކަންޖެހޭނެ ކަމަށެވެ. މި އުސޫލުގެ ސަބަބުން ސަރުކާރުން އެއް ގެ އިމާރާތްކުރުމަށް ހިނގާ ހަރަދުން ގާތްގަނޑަކަށް ފަސް އާއިލާއަކަށް ބޭނުންވާ އިކުއިޓީ ހަމަޖެއްސި، ގިނަ ބަޔަކަށް އަވަހަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެއެވެ.
އަންނަ މަހު މި ސްކީމްތަކަށް ފުރުސަތު ހުޅުވާލުމާއެކު އަމަލުކުރާނެ އުސޫލު އާންމުކުރާނެ ކަމަށާއި، މި ސްކީމަށް ކުރިމަތިލާން ގަސްތުކުރާ ފަރާތްތަކުން ބިމުގެ ލިޔެކިޔުންތައް ފުރިހަމަކޮށް، ބޭންކުތަކާ މަޝްވަރާކޮށްގެން ދުރާލާ ތައްޔާރުވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.