ޚަބަރު
ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވައިފި
ރައީސް ޑރ މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވެވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފުގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވައިފިއެވެ.
މިއީ ފާއިތުވި ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ އަދި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ވަކިވަކިން ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި މުހިންމު 20 ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި ވިޔަފާރިއާއި އިޤްތިޞާދު، ޞިއްޙީ ދާއިރާ، ތަޢުލީމު، ފަތުރުވެރިކަން، ސިވިލް އޭވިއޭޝަން އަދި ދިފާޢީ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ދެ ޤައުމުގެ ގުޅުން އިޤްތިޞާދީ ގޮތުން ފުޅާކުރުމަށްޓަކައި، ރާއްޖޭގެ ޤައުމީ އެއާލައިން "މޯލްޑިވިއަން" އިން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް ނިންމާފައިވާކަން ވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާ ގުޅުވައިގެން ކުރެއްވި މި ދަތުރުފުޅަކީ، ދެ ޤައުމުގެ ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުމުގައި އައު ބާބެއް ހުޅުވިގެންދިޔަ މުހިންމު ދަތުރުފުޅެކެވެ.