ޚަބަރު
352 ދަރިވަރުންނާއެކު ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ 4 ވަނަ ބެޗު އިފުތިތާޙުކޮށްފި
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ 4 ވަނަ ބެޗު އިފުތިތާޙުކުރުން---
ދިވެހި ވަޠަނީ ޚިދުމަތުގެ "ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ" ޕްރޮގްރާމްގެ ހަތަރުވަނަ ބެޗު 352 ދަރިވަރުންނާއެކު ރަސްމީކޮށް މިއަދު އިފުތިތާޙުކޮށްފިއެވެ.
ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފުތިތާޙުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި ޚާއްޞަ މެހުމާނެއްގެ ގޮތުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޖުމުލަ 14 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ 352 ދަރިވަރުންނަކީ ރާއްޖޭގެ 20 އަތޮޅެއްގެ 125 ރަށަކަށް ނިސްބަތްވާ ދަރިވަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ 288 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ. މި ބެޗުގެ ދަރިވަރުން ތަމްރީނުތަކަށް މާފިލާފުއްޓަށް ރިޕޯޓްކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ޕްރޮގްރާމަކީ ޤައުމަށް ބޭނުންތެރި، ޒިންމާދާރު، ޢަޤީދާ ވަރުގަދަ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާނުން ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އެކުލަވައިލައްވައި ފެއްޓެވި ސިޔާސަތެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ހުރިހާ ދަރިވަރުންނަށް 'ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް' ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޯހުގެ މުޤައްރަރުގައި ކަނޑައަޅާފައިވާ ހުރިހާ މިންގަނޑުތަކެއް ހާސިލުކޮށް ފާސްވާ ދަރިވަރުންނަށް 'ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް'ގެ ސެޓްފިކެޓް ލިބިގެންދާނެއެވެ.