ޚަބަރު
ލަންކާ ސަރުކާރުން ރާއްޖެއަށް 5 މިލިއަނަށް ވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް 5 މިލިއަނަށް ވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކުރުން---
ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް 5 މިލިއަނަށް ވުރެ ގިނަ ރުޕީސްގެ އަގުހުރި ޒަރޫރީ ބޭހުގެ ޝިޕްމަންޓެއް ހަދިޔާކޮށްފިއެވެ.
މި އެހީ ރާއްޖެއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 22 އޮކްޓޫބަރުގައި ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެހީއަކީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީގެ އެދިވަޑައިގަތުމަކާ ގުޅިގެން ފޯރުކޮށްދިން އެހީއެކެވެ. ރަސްމިއްޔާތުގައި މި ބޭސްތައް ރާއްޖެއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ސްރީލަންކާގެ މިނިސްޓަރ އޮފް ހެލްތު އެންޑް މާސް މީޑިއާ ޑރ. ނަލިންދަ ޖަޔަތިއްސައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްޢޫދު ޢިމާދެވެ.
މި އެހީ ފޯރުކޮށްދިނުމުގައި ސްރީލަންކާގެ މެޑިކަލް ސަޕްލައިސް ޑިވިޜަނާއި، ސްޓޭޓް ފާމަސޫޓިކަލް މެނުފެކްޗަރިންގ ކޯޕަރޭޝަން (އެސްޕީއެމްސީ) އަދި ޗެމްބަރ އޮފް ފާމަސޫޓިކަލް އިންޑަސްޓްރީ އޮފް ސްރީލަންކާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ބޭސް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަރު މަސްޢޫދު ޢިމާދު ވަނީ ރައީސް އަނުރަ ކުމާރަ ދިސާނާޔަކަގެ ޒަޢާމަތުގައި އޮތް ސްރީލަންކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ތާރީޚީ ގާތް ގުޅުމުގެ މައްޗަށް ވެސް ހައިކޮމިޝަނަރު އަލިއަޅުއްވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި ސްރީލަންކާގެ ހެލްތު މިނިސްޓްރީގެ އިސް ވެރިންނާއި، އެ ޤައުމުގެ ފާމަސޫޓިކަލް ދާއިރާގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.