ޚަބަރު
ރަސްމާލެ މަޝްރޫޢިން ދައުލަތަށް ލިބޭ ޓީޖީއެސްޓީ އާދައިގެ ރިސޯޓަކަށްވުރެ އަށްގުނަ އިތުރުވާނެ: މުއްތަލިބު
އީގަލް ހިލްސް ޗެއާމަން އަދި މިނިސްޓަރު މުއްތަލިބު
ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ "ރަސްމާލެ" މަޝްރޫޢުގެ ސަބަބުން، ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އާންމުކޮށް ރިސޯޓު ހަދަން ދޫކުރާ ފަޅަކުން ލިބޭ މިންވަރަށްވުރެ އަށްގުނަ މައްޗަށް ދާނެ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އެކައުންޓިން ފޯރަމްގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ މަޝްރޫޢު ފުރިހަމަވުމުން ކޮންމެ އަހަރަކު ވެސް ޓީޖީއެސްޓީގެ ގޮތުގައި ގާތްގަނޑަކަށް 340 މިލިއަން އެމެރިކާ ޑޮލަރު (5.2 ބިލިއަން ދިވެހި ރުފިޔާ) ދައުލަތުގެ ބަޖެޓަށް ވަންނާނެއެވެ. މިއީ އެ ސަރަޙައްދުގެ ކޮންމެ ހެކްޓަރަކަށް ބަލާއިރު އަހަރަކަށް ގާތްގަނޑަކަށް 680،000 ޑޮލަރެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ޓޫރިޒަމް ޤާނޫނުގެ ދަށުން 99 އަހަރުގެ މުއްދަތަކަށް ރިސޯޓަކުން ލިބޭނެ ކަމަށް ލަފާކުރެވެނީ 75 މިލިއަނާއި 316 މިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް، ރަސްމާލެ ތަރައްޤީ ކުރުމަށް އެކުލަވާލާފައިވާ މޮޑެލްގެ ދަށުން، އެންމެ 10 އަހަރު ދުވަހުގެ ތެރޭގައި ވެސް ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ދައުލަތަށް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް މުއްތަލިބު ވިދަޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ހިންގާ މި ބިޔަ މަޝްރޫޢަކީ ފުށިދިއްގަރުފަޅު ހިއްކައިގެން 500 ހެކްޓަރުގެ ބިމުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ އެކު މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގައި ވަނީ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ވޯޓާފްރޮންޓް އަދި މެރީނާއެއްގެ ގޮތުގައި ތަރައްޤީކުރާ މި ބިމުގައި 8،800 ޕްރޮޕަޓީ ޤާއިމުކުރާނެއެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން މި ތަންތަން ދޫކުރުމަށް ހަމަޖެހިފައިވަނީ 99 އަހަރާ ހަމައަށް ލީސްހޯލްޑް އުސޫލުންނެވެ. މީގެއިތުރުން، ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްގެ ގޮތުގައި 5،000 ހައުސިންގ ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢާ އެކު ވިޔަފާރީގެ ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރަސްމާލޭގައި މައިގަނޑު ދެ ބާވަތެއްގެ ވިޔަފާރިތަކަށް ޖާގަ ލިބޭނެ ކަމަށެވެ. އެގޮތުން ސާފުކުރުމާއި މަރާމާތު ކުރުމުގެ ޚިދުމަތްތަކާއި، ޕްރޮޕަޓީ މެނޭޖްމަންޓާއި، ރީޓެއިލް އަދި ކާބޯތަކެތީގެ ޚިދުމަތްތައް ހިމެނެއެވެ. ދެވަނަ ދާއިރާއެއްގެ ގޮތުގައި ހިމެނެނީ މާލީ އަދި ފަންނީ ޚިދުމަތްތަކާއި، އެކައުންޓިންގ، ޑިޖިޓަލް، މެރިންގެ އިތުރުން ޞިއްޙީ އަދި ތަޢުލީމީ ދާއިރާގެ ވިޔަފާރިތަކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އަސްލު ބިނާވެފައިވާ "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރިއަލް އެސްޓޭޓް ޓޫރިޒަމް ތަޢާރަފުވި ނަމަވެސް، ރާއްޖޭގެ އަގު ބައިނަލްއަޤްވާމީ ފެންވަރުގައި އުފުލައިދިން ޒަމާންވީ ރިސޯޓު މޮޑެލްއަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށާއި އެ ވިޔަފާރިތަކަށް ފުރިހަމަ ރައްކާތެރިކަން ދޭނެ ކަމަށެވެ. އަދި ރަސްމާލެ ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އިތުރަށް ސިންދަފާތު (ޑައިވާސިފައި) ކުރުމަށް ލިބޭ މުހިންމު ފުރުޞަތަކަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.