ޚަބަރު
ހޯރަފުށީގައި އަލަށް ބެހެއްޓި 1 މެގަވޮޓުގެ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
ހޯރަފުށީގައި ބެހެއްޓި ޖަނަރޭޓަރު - ފޮޓޯ: ސްޓެލްކޯ
ހއ. ހޯރަފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށް، ހިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެ ރަށުގައި އަލަށް އިންސްޓޯލްކުރި 1 މެގަވޮޓުގެ އާ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް، ރަސްމީކޮށް ހިންގަން ފަށައިފިއެވެ.
ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން، ސްޓެލްކޯއިން މައުލޫމާތު ދެއްވި ގޮތުގައި، ހޯރަފުށީ އިންޖީނުގެއަށް އަލަށް އިތުރުކުރެވުނު މި ޖަނަރޭޓަރާއެކު އެ ރަށުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޖުމްލަ ކެޕޭސިޓީ މިހާރު ވަނީ 3.3 މެގަވޮޓަށް މަތިކުރެވިފައެވެ.
މި އާ ޖަނަރޭޓަރު ސެޓް ބޭނުންކުރަން ފެށުމަކީ ހޯރަފުށީގެ ރައްޔިތުންނަށާއި، އެ ރަށުގައި ހިންގަމުންދާ އިގްތިސާދީ އަދި ތަރައްގީގެ އެކި މަޝްރޫއުތަކަށް ބޭނުންވާ މެދުކެނޑުމެއްނެތް އިތުބާރުހުރި ކަރަންޓުގެ ހިދުމަތެއް ކަށަވަރުވެގެންދާނެ ކަމެކެވެ. މީގެއިތުރުން، ޕީކް ގަޑިތަކުގައި ކަރަންޓަށް އަންނަ ލޯޑު އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް މި ބަދަލާއެކު ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ހއ. ހޯރަފުށީގައި އަލަށް ބެހެއްޓި 1 މެގަވޮޓްގެ ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، މިހާރު ވަނީ ރަސްމީކޮށް ބޭނުންކުރަން ފަށާފައި. މި އާ އިންޖީނާއެކު އެ ރަށުގެ އިންސްޓޯލްޑް ކެޕޭސިޓީ ވަނީ 3.3 މެގަވޮޓަށް އިތުރުވެފައި. މީގެ ސަބަބުން ހޯރަފުށްޓަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ.
— STELCO (@STELCOMALDIVES) October 24, 2026
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަތޮޅުތަކުގެ ރަށްރަށުގައި ދެމުންގެންދާ އަސާސީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން، ހަކަތައިގެ ދާއިރާ އެއް ފުރާޅެއްގެ ދަށަށް ގެނެސް، ހިދުމަތުގެ ފެންވަރު އެއް ހަމައެއްގައި ހިފެހެއްޓުމަށްޓަކައި މީގެކުރިން ފެނަކަ ކޯޕަރޭޝަނުން ބަލަހައްޓަމުން އައި އިންޖީނުގެތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތައް ވެސް މިހާރު ދަނީ ބާރަށް ކުރިއަށެވެ.