ޚަބަރު
މައުރަޒު ފުޅާވެ، ބައިނަލްއަގުވާމީ ފަރާތްތަކުން ރާއްޖެއަށް ބޮޑު ފައިދާއެއް: ސައީދު
މިނިސްޓަރު ސައީދު އުފެއްދުންތެރިކަމުގެ މައުރަޒުގައި ވާހަކަ ދައްކަވަނީ - ފޮޓޯ: ޕީއެސްއެމް
މިއަހަރު ބާއްވާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަކީ ވަރަށް ގިނަ ގޮތްގޮތުން ތަފާތު އަދި ފުރިހަމަ މައުރަޒަކަށް ވެގެންދާނެ ކަމަށާއި، މި މައުރަޒުގައި ބައިވެރިވާ ބޭރުގެ ފަރާތްތަކުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ މަންފާތަކެއް ކުރާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މައުރަޒުގައި ބައިވެރިކުރި އުފެއްދުންތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ބާރަކީ އުފެއްދުންތެރި ރައްޔިތުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން އީޖާދީ ވިސްނުން ގެންގުޅޭ ޒުވާނުން ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، 2030 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖޭގެ އިގްތިސާދުގެ 15 އިންސައްތައަކީ އުފެއްދުންތެރިކަމުގެ ދާއިރާއިން ހިއްސާކުރާ މިންވަރަކަށް ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ.
"އެކަމަށް އަމާޒު ހިފާ، އެ މަގުން ހިނގުމަށް އަޅުގަނޑުމެންނަށް ރެއާ ދުވާލު އިރުޝާދު ދެއްވަމުން އަންނަނީ"
ވަޒީރު ވިދާޅުވިއެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މައުރަޒަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މިދިޔަ އަހަރު 2،467 އުފެއްދުން ބައިވެރިކުރިއިރު، މިއަހަރު އެ އަދަދު 4،400 އަށް އަރާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން ޖުމްލަ 700 ފަރާތަކުން މިއަހަރުގެ މައުރަޒުގައި ބައިވެރިވެފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ މައުރަޒަކީ ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މައުރަޒު ނަމަވެސް މިއަހަރުގެ މައުރަޒު، މީގެ ކުރިން ދުވަހަކު ވެސް ނުބޭއްވާ ވަރުގެ ފުރިހަމަ، ބޮޑު މައުރަޒެއް ބޭއްވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. "މިދިޔަ އަހަރުގެ މައުރަޒާ އަޅާ ކިޔާލާ ކަމަށްވާނަމަ، މިދިޔަ އަހަރުގެ ޕްރޮޑަކްޓްސްތައް ބައިވެރި ކުރި އަދަދަށްބަލާއިރު، 2467 ބައިވެރި ކުރިއިރު، މިއަހަރު 4400 ޕްރޮޑަކްޓް ވަނީ ބައިވެރިކޮށްފަ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް"
ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން މައުރަޒު ބަހާލެވިފައިވާ ދާއިރާތައް ކުރީގެ 5 ޑިސްޓްރިކްޓުން 7 ޑިސްޓްރިކްޓަށް އިތުރުކޮށް، "ވިޒިޓާ އިކޮނޮމީ" އަދި "އިންޓަނޭޝަނަލް" ޑިސްޓްރިކްޓް އަލަށް ތައާރަފުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން ބައިނަލްއަގުވާމީ ޑިސްޓްރިކްޓްގެ ސަބަބުން ދުނިޔޭގެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ރާއްޖެއަށް ފެނި، އެ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތަކުން ދިވެހި ވިޔަފާރިތަކަށާއި މުޅި ގައުމުގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.