ޚަބަރު
ނޮވެމްބަރުން ފެށިގެން ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ: ރައީސް
"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ޕީއެސްއެމް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، ރާއްޖޭގެ ކުދި ވިޔަފާރިތަކަށާއި އުފެއްދުންތެރިންނަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިޢުލާނު ކުރައްވައިފިއެވެ.
ރައީސް މި ނިންމެވުން ނިންމިކަން ހާމަ ކުރެއްވީ މިރޭ ބޭއްވުނު "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ބައިނަލްއަޤްވާމީ މާކެޓުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ޔޫއެސް ޑޮލަރުން ފައިސާ ލިބޭނެ މަގު ފަހިކޮށްދިނުމަކީ، ބޭރު ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ލިބިގެންދާނެ ދާއިމީ ހައްލެއް ކަމަށެވެ. އަދި މި ބަދަލާއެކު ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ ވިޔަފާރީގެ ތެރެއަށް ވަނުމަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެ ގޮތަށް ލިބޭ ޑޮލަރު ބޭނުންކޮށްގެން ކާޑު މެދުވެރިކޮށް އަދި ރެމިޓެންސްގެ ޚިދުމަތް މެދުވެރިކޮށް ރާއްޖެއިން ބޭރުން ބޭނުންވާ މުދަލާއި ޚިދުމަތްތައް ގަތުމަށާއި، ވިޔަފާރިއަށް ބޭނުންވާ އެކި ބާވަތުގެ އޮންލައިން ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ނޮވެމްބަރު މަހުން ފެށިގެން ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރައި، ގިނަ ރައްޔިތުންތަކެއް އަމިއްލަ މަސައްކަތުން މާލީ ގޮތުން ބާރުވެރި ބަޔަކަށް ހެދުން ކަމަށެވެ. އަދި މި އިންތިޒާމުގެ ސަބަބުން، ވިޔަފާރިވެރިންނަށް އާމްދަނީ އިތުރުކުރުމަށް ހުރި ހުރަސްތައް ނެތިގޮސް، ސީދާ އެފަރާތްތަކަށް ލިބޭ މާލީ މަންފާ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުވެ، އާމްދަނީ އިތުރުކުރުމަށް ހުރި ހުރަސްތައް ކުޑަކުރެވިގެންދާނެ. އަދި ސީދާ ލިބޭ އާމްދަނީ އިތުރުވެގެންދާނެ. އެހެންކަމުން އަޅުގަނޑުމެން ބޭނުންވަނީ މިފަދަ ފުރުސަތުތައް ފަހިކޮށްދީގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރައިދިއުމަށާއި، ވީހާވެސް ގިނަ ރައްޔިތުން ކުދި ވިޔަފާރިތައް ފަށައި، މާލީ ގޮތުން އަމިއްލަ ބާރުވެރިކަން ހޯދުމަށް މަގުފަހިކޮށްދިނުން."
ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޤައުމުގެ ޒުވާނުންނާއި އުފެއްދުންތެރިން އަމިއްލަ ވިޔަފާރިތައް އުފައްދައި، އިޤްތިޞާދީ ގޮތުން ފުދުންތެރި، ބާރުވެރި މުޖުތަމަޢެއް ބިނާކުރުމެވެ. މި އައު ބަދަލަކީ އެ އަމާޒަށް ވާސިލުވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.