ޚަބަރު
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި އަހަރު 795 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި: ރައީސް
"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެސްއެމްއީ) ކުރިއަރުވައި ބާރުވެރިކުރުވުމަށްޓަކައި، މި ހިނގާ 2026 ވަނަ އަހަރުގެ މިހާތަނަށް 795 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ އެކި ދާއިރާތަކާއި ސިނާއަތްތަކުގައި ޙަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އެގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ދޫކުރެވުނު 795 މިލިއަން ރުފިޔާގެ ލޯނުގެ ސަބަބުން، 1000 އަށްވުރެ ގިނަ ވިޔަފާރިވެރިންނަށް އެކަމުގެ ފައިދާ ސީދާ ގޮތެއްގައި ލިބިގެން ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަހަރުގެ މިހާތަނަށް ބީއެމްއެލްއާއި އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް އެސްއެމްއީ ވިޔަފާރިތަކަށް ޖުމްލަ 795 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކުރެވިފައި. މިއީ ގާތްގަނޑަކަށް 1000 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް ލިބިގެންދިޔަ މަންފާއެއް. ޒުވާން ވިޔަފާރިވެރިންނަށް 15 ޖުލައި ގައި ފެށި ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3000 އަށް ވުރެ ގިނަ ޒުވާނުންނަށް މިވަނީ 300 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ވަނީ ދޫކުރެވިފައި،"
ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ޒުވާން ވިޔަފާރިވެރިން އުފައްދައި، އެފަރާތްތަކަށް ފުރުޞަތު ފަހިކޮށްދިނުމަށް މި އަހަރުގެ ޖުލައި 15 ގައި ތަޢާރަފުކުރި "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ފެސިލިޓީގެ ކާމިޔާބީއަށްވެސް ރައީސް އަލިއަޅުއްވައިލެއްވިއެވެ. ރައީސް ވިދާޅުވީ، މި ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3000 އަށްވުރެ ގިނަ ޒުވާނުންނަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު މިހާތަނަށް ދޫކޮށްފައިވާ ކަމަށެވެ. އަދި އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި ހުޅުވާލައްވާނެ ކަމަށާއި، މި މަޝްރޫޢުގެ ތެރެއިން ޖުމްލަ އެއް ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ހިންގާ 1 ބިލިއަން ރުފިޔާގެ މި ބޮޑު މަޝްރޫޢަކީ، އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މި ފެސިލިޓީގެ އެންމެ ބޮޑު އެއް ލުޔަކީ އެއްވެސް އިކުއިޓީއެއް ނުވަތަ ރަހުނަކާ ނުލައި، 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭ ގޮތަށް ހަމަޖެހިފައި އޮތުމެވެ. މީގެ މައިގަނޑު ބޭނުމަކީ ވިޔަފާރިއެއް ފަށަން އެދޭ ޒުވާނުންނަށާއި ފްރީލާންސް މަސައްކަތްތައް ކުރާ ފަރާތްތަކަށް ބޭނުންވާ ފެށުމުގެ ރައުސްމާލު ހޯދައިދީ، އައު އީޖާދީ ވިސްނުންތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމުގެ މަގު ފަހިކޮށްދިނުމެވެ.
ވިޔަފާރިތަކަށް ލުއިފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ޤަވާއިދަށް ގެނެވުނު މުހިންމު އިޞްލާޙެއްގެ މަޢުލޫމާތުވެސް ރައީސް ހިއްސާކުރެއްވިއެވެ. އެގޮތުން، އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ގެންގުޅޭ ބިދޭސީންގެ 20 ކޯޓާއާ ހަމައަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭ ގޮތަށް މިހާރު ހަމަޖައްސަވައިދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.