ޚަބަރު
އެމްއެންޔޫއާއި ޕާކިސްތާނުގެ 5 ޔުނިވަސިޓީއަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
އެމްއެންޔޫއާއި ޕާކިސްތާނުގެ 5 ޔުނިވަސިޓީއަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރުން. ފޮޓޯ: އެމްއެންޔޫ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޕާކިސްތާނުގެ 5 ޔުނިވަރސިޓީއަކާ ދެމެދު ތަޢުލީމީ ދާއިރާއިން ގުޅުން ހަރުދަނާކުރުމަށް ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަނުން އެ ޤައުމުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒު އާދަމް އެވެ. ތަޢުލީމީ ގޮތުން ގުޅުން ބަދަހިކުރުމަށް އެމްއެންޔޫއާއެކު ސޮއިކުރި ޔުނިވަރސިޓީތަކަކީ ނޭޝަނަލް ޔުނިވަރސިޓީ އޮފް ސައިންސަސް އެންޑް ޓެކްނޮލޮޖީ (ނަސްޓް)، ޔުނިވަރސިޓީ އޮފް ވަހް، ގަވަރމެންޓް ކޮލެޖު ޔުނިވަރސިޓީ ލަހޯރު، ފައުންޑޭޝަން ޔުނިވަރސިޓީ އިސްލާމްއާބާދު އަދި ޕީރް މެހެރް އަލީ ޝާޙް އެރިޑް އެގްރިކަލްޗަރ ޔުނިވަރސިޓީއެވެ. މި ރަސްމިއްޔާތުގައި އެ ޔުނިވަރސިޓީތަކުގެ ވައިސް ޗާންސެލަރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަނުގެ ޗެއަރޕާސަން ޕްރޮފެސަރ ޑރ. ނިއާޒު އަޙްމަދު އަޚްތަރު ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ތަޢުލީމީ ދާއިރާއިން އޮތް ގުޅުން ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، ދިރާސާކުރުމުގެ ރޮނގުންނާއި، ފެކަލްޓީ އަދި ދަރިވަރުންގެ އެކްސްޗޭންޖު ޕްރޮގްރާމްތަކުގެ އިތުރުން ކޮންފަރެންސްތަކާއި ސެމިނާތައް ބޭއްވުމާއި ގުޅިގެން ޑުއަލް ޑިގްރީ ޕްރޮގްރާމުތައް ހިންގުމުގެ ބޭނުންތެރިކަމަށް އޭނާ އަލިއަޅުއްވާލެއްވިއެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒު ވިދާޅުވީ، ދެ ޤައުމުގެ ތަޢުލީމީ މުއައްސަސާތަކުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މިފަދަ ޚާއްޞަ އެއްވުމެއް ބޭއްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރިކަމުގެ ހެއްކެއް ކަމަށެވެ. އަދި ދެ ޤައުމުގެ ތަޢުލީމީ ގުޅުން ބަދަހިކުރުމަށް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޕާކިސްތާނުގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއެކު އޮތް ޒަމާންވީ ގުޅުމުގެ ސަބަބުން އެމްއެންޔޫގެ ކިޔަވައިދިނުމުގެ ޕްރޮގްރާމްތަކަށާއި، ރިސާރޗް އަދި ޑިވެލޮޕްމަންޓް މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މި އެއްބަސްވުންތަކަކީ އެމްއެންޔޫގެ 2026-2030 ގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ވެވުނު އެއްބަސްވުންތަކެކެވެ. އެ ޔުނިވަރސިޓީން ބުނީ މި ފަހުމުނާމާތަކުގެ ޒަރީޢާއިން އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ބަދަލުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށާއި، އެކަމުގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ދަރިވަރުންނާއި، ލެކްޗަރާއިން އަދި ދިރާސާވެރިންނަށް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.