ޚަބަރު
ހިމަންދޫ ބަނދަރުގެ ނެރު ފުންކުރުމުގެ މަޝްރޫޢުގެ ސައިޓް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި
ހިމަންދޫ ބަނދަރުގެ ނެރު ފުންކުރުމުގެ މަޝްރޫޢުގެ ސައިޓް ތައްޔާރުކުރުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
އއ. ހިމަންދޫ ބަނދަރަށް ވަދެނިކުތުމަށް އޮންނަ ނެރު ތަރައްޤީކޮށް ފުންކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، ސައިޓް ތައްޔާރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
ދަޢުލަތުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

އެމްޓީސީސީން ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތް މިހާރު އޮތީ ފުރަތަމަ މަރުޙަލާގައެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ބޮޑެތި މެޝިނަރީތައް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ސައިޓް ޤާއިމުކުރުމާއި، ސައިޓް އޮފީސް ހެދުމުގެ އިތުރުން ސަރވޭ ހަދައި މަސައްކަތުގެ އިމާއި ބައުންޑަރީތައް ކަނޑައެޅުމުގެ މަސައްކަތެވެ. މި މަރުޙަލާ ނިމުމުން، ޗެނަލް ފުންކުރުމަށް ބޭނުންވާ ޚާއްޞަ ކޮނުމުގެ ވަސީލަތްތަކާއި އެކްސްކަވޭޓަރުތައް ބޭނުންކޮށްގެން މޫދު ސަރަޙައްދު ސާފުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެއެވެ.
މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ހިމަންދޫ ފަޅަށް ވަދެނިކުތުމުގައި އުޅަނދުފަހަރަށް ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ. މިގޮތުން ނެރު ފުންކޮށް، ބޮޑެތި އުޅަނދުފަހަރާއި ލޯންޗު އަދި މަސްދޯނިފަހަރަށް ފަސޭހައިން ވަދެނިކުމެވޭނެ ގޮތަށް ވެލިގަނޑުތައް ކޮނެ ސާފުކުރުމާއި، މޫސުން ގޯސްވާ ވަގުތުތަކުގައާއި ރޭގަނޑުގެ ވަގުތުތަކުގައި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެހެން ނެރުބައްތި ހަރުކުރުން މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މީގެއިތުރުން، ނެރު ސަރަޙައްދަށް ވެލި އަރައި ތިލަވުން ހުއްޓުވުމަށްޓަކައި ބޭރުތޮށީގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުންވެސް މަޝްރޫޢުގައި ހިމެނެއެވެ.
ހިމަންދޫގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ފުރަތަމަ މަޝްރޫޢު އެމްޓީސީސީން ނިންމާފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. ގާތްގަނޑަކަށް 47.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެފަހަރު ހިންގި މަޝްރޫޢުގައި 28،030 ކިއުބިކް މީޓަރުގެ ބަނދަރު ފަޅު ފުންކުރުމާއި، 372 މީޓަރުގެ އެއްގަމުތޮށްޓަކާއި 405 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން ޖެޓީއާއި ޕޭވްމަންޓް ހެދުން ހިމެނުނެވެ. ނަމަވެސް، ރަށުގެ އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިޔަވަރު ހިކޭ ވަގުތުތަކުގައި އުޅަނދުފަހަރު ބީހުމުގެ މައްސަލަ ކުރިމަތިވާތީ، މިއީ އެ މައްސަލަ ޙައްލުކުރުމަށް ވަކިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.