Ads by Farudhun

ޚަބަރު

މި އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ފަށައިފި

މި އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ފަށައިފި

މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވުން / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

25 އޮކްޓޯބަރު 2026، 09:35

25 އޮކްޓޯބަރު 2026، 09:35

އެތައް ހާސް ދިވެހި އުފެއްދުންތަކާއެކު "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރަސްމީކޮށް ފަށައިފިއެވެ. މި މައުރަޒު އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކާ މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި މައުރަޒު އާންމުންނަށް ހުޅުވާލާފައިވަނީ ދިވެހި ސަޤާފަތާ ގުޅުންހުރި ހަރަކާތްތަކާއެކުގައެވެ.

މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ މައުރަޒުގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، އެ ސްޓޯލްތަކުގައި ކުރިއަށްދާ ކަންކަން ބައްލަވާލައްވާފައެވެ.

މިއަހަރުގެ މައުރަޒުގައި 419 ފަރާތަކުން 4,404 އުފެއްދުން ބައިވެރިކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާ އަޅާ ބަލާއިރު، %83.5 ގެ ކުރިއެރުމެކެވެ. މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ ގިނައީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ މި މައުރަޒުގައި ފުޅާ ދާއިރާއެއްގައި ބައިވެރިވެފައެވެ.

ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭ މި މައުރަޒުގައި އެންމެ ގިނަ އުފެއްދުން ހިމެނެނީ ދިވެހިންގެ ޒަމާންވީ ސަގާފަތާ ގުޅިފައިވާ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ؛ އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނަ އުފެއްދުން ފެނިގެންދަނީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިންނެވެ؛ އެއީ 920 އުފެއްދުމެވެ. މީގެ އިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުންވެސް ގިނަ އަދަދެއްގެ މޮޅެތި އުފެއްދުންތައް މިފަހަރުގެ މައުރަޒުގެ ތެރެއިން ފެނިގެންދާނެއެވެ.

މި މައުރަޒުގައި ދިވެހިވަންތަ ސަޤާފީ އުފެއްދުންތެރިކަމުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތައްވެސް ފެނިގެންދާނެއެވެ. އަދި ދިވެހީންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލުމުގެ ބޭނުމުގައި، ދިވެހި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުން މި މައުރަޒުން ފެނިގެންދާނެއެވެ.

މި ތަކެތި ދައްކާލުމަށްޓަކައި މި އަހަރު 7 ޑިސްޓްރިކްޓެއް ވަނީ ގާއިމުކޮށްފައެވެ. މީގެ ތެރޭގައި މިދިޔަ އަހަރުގެ މައުރަޒުގައި ފެނިގެންދިޔަ 5 ޑިސްޓްރިކްޓާއި، މިއަހަރު އަލަށް ތައާރަފްކުރި އިތުރު 2 ޑިސްޓްރިކްޓް ހިމެނެއެވެ. އަލަށް ތައާރަފްކުރި މި ދެ ޑިސްޓްރިކްޓަކީ ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް އަދި އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓެވެ.

މިއަހަރުގެ މައުރަޒުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 9 ދުވަހުގެ މުއްދަތަށެވެ. އެގޮތުން މިމަހުގެ 25 އިން އަންނަ މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒު ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ރޭގަނޑު 23:00 އާއި ހަމަށް އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450