ޚަބަރު
ވަޓްސްއެޕް މެދުވެރިކޮށް ހިންގި ސްކޭމްއަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި
ސްކޭމް މައްސަލައިގައި ފުލުހުން ހައްޔަރުކުރި 3 މީހުން---
ވަޓްސްއެޕް މެދުވެރިކޮށް މަކަރާއި ހީލަތުގެ 32,000 ރުފިޔާގެ ސްކޭމްއެއް ހިންގި މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ވެލަސްފަރުގެ / މާލެ، ޙުސައިން ސާމިރު (40އ) އާއި، ދަފްތަރު. ނަންބަރު ރސ 6007 / މާލެ، މުޙައްމަދު ރީޙާން (33އ) އާއި، ޖޯޖެޑްވިލާ / މާލެ، އަޙްމަދު ސުޖާއު (46އ) ކަމަށް ފުލުހުންގެ ތަރުޖަމާނު މައުލޫމާތު ދެއްވިއެވެ.
ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސައިން ސާމިރު އާއި އަޙްމަދު ސުޖާއު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުޙައްމަދު ރީޙާން ހަތްދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އާންމުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ފުލުހުން ބުނެފައިވަނީ، އޮންލައިން މަންސަތައް މެދުވެރިކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށެވެ. މީގެ އިތުރުން، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފްސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށްވެސް ވަނީ އެދިފައެވެ.