ޚަބަރު
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާ ޚިލާފަށް ހިންގި 4 ތަނެއް ބަންދުކޮށްފި
ބަންދުކުރަން އަންގާފައިވާ ތަނެއް. ފޮޓޯ: އެމްއެފްޑީއޭ
ހުޅުމާލޭގައި ހިންގާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައިފާސްކުރުމަށް ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން، ހުއްދަނެތި ހިންގަމުންދިޔަ ހަތަރު ތަނެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބަންދުކޮށްފިއެވެ.
އެމްއެފްޑީއޭއިން ހާމަކުރި ގޮތުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން މި އޮޕަރޭޝަން އެ އިދާރާއިން ކުރިއަށް ގެންގޮސްފައިވަނީ 26 އޮކްޓޯބަރު 2026 ގައެވެ.
މި އޮޕަރޭޝަނުގެ ތެރޭގައި ހުޅުމާލޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ 26 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ހުއްދަ ނެތި ހިންގަމުންދިޔަ 4 ތަނެއް ވަގުތުން ވަނީ ބަންދުކޮށްފައެވެ.
ޤާނޫނު ނަންބަރު 6/2024 ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު ގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް ހިންގާ ތޯ އަދި ހުއްދަ ނެތި ހިންގާ ތަންތަން ދެނެގަތުމަށް ހިންގި މި އޮޕަރޭޝަނުގެ ތެރެއިން 26 ތަނެއް ބަލައިފާސްކޮށް ، ހުއްދަ ނެތި ހިންގަމުމް ދިޔަ 4 ތަނެއް ވަނީ ބަންދުކޮށްފައެވެ https://t.co/I8zvy0sc6E
— MFDA (@MFDA_mv) October 27, 2026
"އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު" އަށް ޢަމަލުކުރަމުންދާ މިންވަރު ބެލުމުގެ ގޮތުން އެމްއެފްޑީއޭއިން ހާއްސަ އިންސްޕެކްޝަންތަކެއް ކުރިއަށްގެންދިއުމަށް ވެސް ވަނީ ޖަމަޖެހިފައެވެ. މިއީ ވިޔަފާރީގެ ބޭނުމަށް ކާބޯތަކެތި އުފައްދާ ގޭގެއަށް ޒިޔާރަތްކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިންސްޕެކްޝަންތަކެކެވެ.
މި އިންސްޕެކްޝަންތައް ކުރިޔަށް ދާނީ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާ ހަމައަށެވެ. މި ޒިޔާރަތްތަކަކީ ޢާންމުންނަށް ސާފުތާހިރު އަދި ރައްކާތެރި ކާބޯތަކެތި ޔަޤީންކޮށްދިނުމަށް އެ އޮތޯރިޓީއިން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.
"ފަރުދުން" މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްއެފްޑީއޭގެ ފަރާތުން ވިދާޅުވީ، މި އިންސްޕެކްޝަން ކުރިޔަށްދާއިރު ޒިޔާރަތްކުރާނީ ދަފްތަރުކޮށްފައިވާ ލިސްޓުން ހޮވާލެވޭ އެޑްރެސްތަކަކަށް ކަމަށެވެ. މީގެ ތެރޭގައި އަތޮޅުތެރޭގެ އެޑްރެސްތައް ވެސް ހިމެނޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަކީ ދިވެހިރާއްޖޭގައި ކާބޯތަކެއްޗާއި ބޭސްފަދަ ތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގާނޫނީ ބާރު ލިބިފައިވާ މުއައްސަސާއެކެވެ. އެ އޮތޯރިޓީއިން މަސައްކަތްކުރަނީ ގައުމީ ސިއްޙަތުގެ މިންގަނޑުތަކާ އެއްގޮތަށް، ރައްޔިތުންނަށް ލިބޭ ކާބޯތަކެއްޗާއި ބޭސްފަރުވާއާ ގުޅުންހުރި އުފެއްދުންތަކުގެ ކޮލިޓީއާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށެވެ.