ދުނިޔެ

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާއި ގުޅިގެން 60 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާއި ގުޅިގެން 60 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓް. ފޮޓޯ: ރޮއިޓާރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 އޮކްޓޯބަރު 2026، 10:41

29 އޮކްޓޯބަރު 2026، 10:41

ސްޕެއިންގައި ބާރު ސްޕީޑުގައި ދަތުރުކުރާ އެކްސްޕްރެސް ރޭލެއް، ހުއްޓިފައި އޮތް އެހެން ރޭލެއްގައި ޖެހި ބުދަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަދުވެގެން 68 މީހުން މަރުވެ، 80 މީހުން ޒަޚަމްވެއްޖެއެވެ. 

މި ހާދިސާއާ ގުޅިގެން ރެސްކިއު ޓީމުތަކުން ދަނީ ރޭލުގެ ބައިތަކުގެ ތެރޭގައި އިތުރު ބަޔަކު ވޭތޯ ބަލައި ފާސްކުރަމުންނެވެ. މިއީ މި އަހަރުގެ ތެރޭގައި ސްޕެއިންގައި ހިނގި މިފަދަ ދެވަނަ ނުރައްކާތެރި ހާދިސާއަށް ވާއިރު، މިއީ 2013 ވަނަ އަހަރަށް ފަހު މުޅި ޔޫރަޕްގައި ވެސް ހިނގި އެންމެ ގިނަ ބަޔަކު މަރުވި ރޭލު އެކްސިޑެންޓެވެ.

މެޑްރިޑްގެ ދެކުނުން، ކާސްޓިޔާ-ލާ މަންޗާގެ ރަށްފުށު ސަރަހައްދުގައި ހިނގި މި ހާދިސާގައި، މަދުވެގެން ތިން ކެރިއޭޖެއް ވަނީ ފުން ވާދީއެއްގެ ތެރެއަށް ވެއްޓި އެއްކޮށް ހަލާކުވެފައެވެ. އެ ސަރަހައްދުގެ ސަރަހައްދީ ވެރިޔާ އެމިލިއާނޯ ގާސިއާ-ޕާޖޭ ވިދާޅުވީ، މަރުވި މީހުންގެ އަދަދު 68 އަށް އަރާފައިވާ ކަމަށާއި، އަނދިރިވަމުން ދިޔުމާއެކު ރޭލުގެ ދަގަނޑު ބައިތައް ދުރަށް ޖެއްސުމުން އިތުރު ބައެއްގެ ފުރާނަ ގެއްލިފައިވާކަން އެނގިދާނެތީ ކަންބޮޑުވުން އެބައޮތް ކަމަށެވެ. 

އަދި ސްޕެއިންގެ ހެލްތު މިނިސްޓަރު މޮނިކާ ގާސިއާ ވިދާޅުވި ގޮތުގައި އަނިޔާވި 80 މީހުންގެ ތެރެއިން 15 މީހެއްގެ ހާލު ވަރަށް ސީރިއަސްއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މެޑްރިޑްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވީ ކުރިމަތީގައި ރޭލެއް އޮތުމުން ރަތް ސިގްނަލެއް އަޅާފައި ވަނިކޮށް، ގޯސް ނިންމުމެއްގެ ސަބަބުން ރެންފޭ (Renfe) ގެ ރޭލަށް ކުރިއަށް ދަތުރުކުރުމުގެ ހުއްދަ ދިނުމުގެ ސަބަބުންނެވެ. މި ރަތް ސިގްނަލް އެޅުނީ މުވާސަލާތީ ނިޒާމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޓްރެފިކް އޮޓޮމެޓިކުން ހުއްޓުމުންނެވެ.

ރެންފޭއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ރޭލު ގޮސް ޖެހުނީ މަގުމަތީގައި މަޑުކޮށްގެން އޮތް އިރިޔޯ (Iryo) ގެ ރޭލެއްގައި ކަމަށާއި، ކަން ހިނގައިދިޔަ ސީދާ ގޮތް އެނގޭނީ ފުރިހަމަ ތަހުގީގަކަށްފަހު ކަމަށެވެ. ހާދިސާ ހިނގި ވަގުތު އިރިޔޯ ރޭލުގައި 147 މީހުން އަދި ރެންފޭގެ ރޭލުގައި 397 މީހުން ތިއްބެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ވިދާޅުވީ، މުޅި ސްޕެއިން މި ހިތާމައިގައި ބައިވެރިވާ ކަމަށާއި، މި ހާދިސާ ވަރަށް ފުރިހަމައަށް ތަހުގީގު ކުރައްވާނެ ކަމަށެވެ. އަދި ހައިސްޕީޑް ރޭލު ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އަލުން ހޯދުމަށް ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން އިދިކޮޅު ޕީޕަލްސް ޕާޓީން ވަނީ އަންނަ މަހުގެ އިންތިޚާބަށް ރޭވި ހުރިހާ ކެމްޕޭން ހަރަކާތްތަކެއް އެ ދުވަހަށް މެދުކަނޑާލާފައެވެ.

މިއަހަރުގެ ޖެނުއަރީ މަހުވެސް ހަމަ މި ލައިނުގައި ހައިސްޕީޑް ދެ ރޭލު ޖެހި 46 މީހުން މަރުވެފައިވާއިރު، މި ފަހަރުގެ އެކްސިޑެންޓާއެކު ރޭލުވޭ އިންފްރާސްޓްރަކްޗާ މަރާމާތު ކުރުމަށް ކުރާ ހޭދައާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ސްޕެއިންގެ ރޭލްވޭ ސޭފްޓީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރޭލުތަކަށް ދިމާވާ އެކި ހާދިސާތަކުގެ އަދަދު 2016 ވަނަ އަހަރު 45 ގައި ހުރި ނަމަވެސް، މިދިޔަ އަހަރު އެ އަދަދު ވަނީ 69 އަށް މައްޗަށް ގޮސްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450