ދުނިޔެ
ސުލްހައިގެ އުންމީދުތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެ
މެދުއިރުމަތީގެ ތެޔޮ ކާރުހާނާއެއް--
މެދުއިރުމަތީގައި އައު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަމާއި ކަންބޮޑުވުންތައް އިތުރުވަމުން ދިޔަ ނަމަވެސް، ސުލްހައިގެ އައު އުންމީދުތަކާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށަށް ހިނގައްޖެ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.
ސަރަހައްދީ ހަމަނުޖެހުންތަކާއި ގުޅިގެން އުފެދުނު ނުތަނަވަސްކަން ކުޑަވުމާއެކު، ބައިނަލްއަޤްވާމީ މާކެޓުގައި ތެލުގެ އަގަށް ވަނީ ހެޔޮ ބަދަލެއް އަންނަން ފަށާފައެވެ.
މި ބަދަލާއެކު ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު ވަނީ ފީފާއަކުން 1.22 ޑޮލަރު ނުވަތަ 1.1 އިންސައްތަ ދަށަށް ގޮސް، 114.10 ޑޮލަރަށް ވެއްޓިފައެވެ. މިއީ ފާއިތުވި ދުވަސްތަކުގައި މަތިވަމުން ދިޔަ އަގުތަކަށް އައި ދަށްވުމެކެވެ.
ހަމައެއާއެކު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބްލިއުޓީއައި) ކްރޫޑް ފިއުޗާސްގެ އަގު ވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްވެފައެވެ. އެގޮތުން ޑަބްލިއުޓީއައިގެ އަގު ވަނީ 1.33 ޑޮލަރު ނުވަތަ 1.3 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު 101.45 ޑޮލަރަށް ވެއްޓިފައެވެ.
މި ހަފުތާގެ ބުދަ ދުވަހު ބާޒާރުގައި ތެލުގެ އަގުތައް އުފުލިފައިވާއިރު، އެ ދުވަހު ބްރެންޓްގެ އަގު 1.3 އިންސައްތަ އަދި ޑަބްލިއުޓީއައިގެ އަގު ވަނީ 3 އިންސައްތަ މައްޗަށް ޖެހިލާފައެވެ. އެހެންކަމުން މިއަދު އަގުތަކަށް އައި ދަށްވުމަކީ ކުރީ ދުވަހުގެ ބޮޑު އުފުލުމަށްފަހު މާކެޓަށް އައި މުހިންމު ބަދަލެކެވެ.
މާކެޓުގެ ހާލަތާ ގުޅޭގޮތުން ނޮމޫރާ ސެކިއުރިޓީސްގެ އިކޮނޮމިސްޓެއް ކަމަށްވާ ޔޫކީ ތަކަޝީމާ ވިދާޅުވީ، ސުލްހައިގެ ވާހަކަތައް އަލުން ފެށިދާނެ ކަމުގެ އުންމީދުތަކާއެކު ތެޔޮ ވިއްކުމުގެ ޕްރެޝަރު ބޮޑުވަމުންދާ ކަމަށެވެ. ނަމަވެސް، އަގު ދަށަށް ދިއުން އަދިވެސް ވަނީ ވަކި މިންވަރެއްގައި ހިފެހެއްޓިފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.