Ads by Farudhun

ޚަބަރު

2027 ވަނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި: މިއަހަރަށްވުރެ 7 އިންސައްތަ ކުޑަ

2027 ވަނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި: މިއަހަރަށްވުރެ 7 އިންސައްތަ ކުޑަ

މާލީ ވަޒީރު ހަސަން ޒަރީރު - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

29 އޮކްޓޯބަރު 2026، 02:58

29 އޮކްޓޯބަރު 2026، 02:58

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މާލީ ވަޒީރު ޙަސަން ޒަމީރު ހުށަހަޅުއްވައިފިއެވެ. މިއީ ހިނގަމުންދާ 2026 ވަނަ އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު 7 އިންސައްތައިގެ ކުޑަވުމެކެވެ.

މާލީ ވުޒާރާއިން އެކުލަވައިލި މި ބަޖެޓުގައިވާ ގޮތުން، އަންނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ 33.6 ބިލިއަން ރުފިޔާއެވެ. މީގެއިތުރުން ޓެކްސް ނޫން ގޮތްގޮތުން 9.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 349.3 މިލިއަން ރުފިޔާއެވެ.

ޚަރަދުތަކުގެ ތަފުސީލަށް ބަލާއިރު، އަންނަ އަހަރު ޖުމްލަ ޚަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެތެރެއިން ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ހިނގަމުންދާ އަހަރުގެ ރިކަރަންޓް ޚަރަދަށްވުރެ ކުޑަ އިތުރުވުމެކެވެ. މި އަހަރު ރިކަރަންޓް ޚަރަދަށް ކަނޑައަޅާފައިވަނީ 42.5 ބިލިއަން ރުފިޔާއެވެ.

ނަމަވެސް، އެންމެ ބޮޑު ބަދަލެއް އަންނާނެ ކަމަށް ފާހަގަކޮށްފައިވަނީ ތަރައްޤީގެ މަޝްރޫޢުތައް ހިމެނޭ ކެޕިޓަލް ޚަރަދަށެވެ. މި އަހަރު ކެޕިޓަލް ޚަރަދަށް 6.8 ބިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި ކެޕިޓަލް ޚަރަދަށް ވަނީ 9.8 ބިލިއަން ރުފިޔާ ޚާއްޞަކޮށްފައެވެ. އަދި އެހެނިހެން ހޭދައިގެ ގޮތުގައި މި އަހަރު 14.8 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް އަންދާޒާކުރެވުނު ނަމަވެސް، އަންނަ އަހަރު އެ ބައި ވަނީ 7.1 ބިލިއަން ރުފިޔާއަށް ތިރިކޮށްފައެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ. މިއީ މިއަހަރުގެ ބަޖެޓު ޑެފިސިޓް ކަމަށްވާ 7.5 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެކެވެ.

މި ޑެފިސިޓް ފޫބެއްދުމަށް ފައިސާ ހޯދުމުގެ ޕްލޭނަށް ބަލާއިރު، އެތެރޭގެ ބާޒާރުން ދަރަންޏަށް ނަގާ މިންވަރު ބޮޑުތަނުން ކުޑަކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މި އަހަރު އެތެރޭގެ ފަރާތްތަކުން 19.2 ބިލިއަން ރުފިޔާ ހޯދަން ނިންމި ނަމަވެސް، އަންނަ އަހަރު އެ އަދަދު 11.9 ބިލިއަން ރުފިޔާއަށް ވަނީ ތިރިކޮށްފައެވެ. އަދި ބޭރުގެ ފަރާތްތަކުން ފައިނޭންސް ހޯދުމަށް މި އަހަރު 5.3 ބިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް، އަންނަ އަހަރުގެ ބަޖެޓު ފޫބެއްދުމަށް ބޭރުން 6.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ރާވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450