ޚަބަރު
ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހަލުވިކުރަން ތިން ބިލިއަން ރުފިޔާ ބަޖެޓެއް
ބީއެމްއެލުން އަޅާ ފްލެޓް ތަކުގެ ބިންގާ އެޅުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ހިންގަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މިހާރަށްވުރެ ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 3 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ގެދޮރުވެރިކަމުގެ ދާއިރާއަށް މިހާ ބޮޑު ހޭދައެއް ކުރުމަށް ބަޖެޓުގައި ހިމެނި ފުރަތަމަ ފަހަރެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު ތަކުލީފަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން މަޝްރޫއުތައް ވަރަށް ބާރަށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ޚާއްސަކުރި 3 ބިލިއަން ރުފިޔާގެ ތެރެއިން، އަމިއްލަ ބިން އޮވެ އިމާރާތް ނުކުރެވިފައި ތިބި ފަރާތްތަކަށާއި، އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯނު ސްކީމުގެ އިކުއިޓީއަށް އެހީވުމުގެ ގޮތުން 750 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިއީ އަމިއްލަ ގެދޮރެއް ބިނާކުރުމުގެ މާލީ ތަނަވަސްކަން ނެތް އެތައް އާއިލާއެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ މުހިންމު ފިޔަވަޅެކެވެ.
"މިއީ ގިނަ އާއިލާތަކެއްގެ އަމިއްލަ ބޯހިޔާވަހިކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމެއް."
ޒަރީރު ވިދާޅުވިއެވެ.
މީގެއިތުރުން، މާލެ ސަރަހައްދުގެ ތޮއްޖެހުން ހައްލުކުރުމަށްޓަކައި ރަސްމާލެ ހިއްކުމާއި، ހުޅުމާލޭގައި ޗައިނާގެ ސީއެމްސީއާ ހަވާލުކޮށްގެން އަޅާ 1،224 ފްލެޓު ހިމެނޭހެން ގިނަ އަދަދެއްގެ ފްލެޓުތައް އެޅުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާނެއެވެ. ސަރުކާރުގެ ވިސްނުމަކީ 2028 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މި ފްލެޓުތަކުގެ މަސައްކަތް މުޅިން ނިންމައި އާންމުންނާ ހަވާލުކުރުމެވެ. ހަމައެއާއެކު، އަތޮޅުތަކުގެ ރަށްރަށުގައި ހުރި ހުސްބިންތަކުގައި ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ގާއިމުކޮށް، ދިރިއުޅެވޭނެ އެކަށީގެންވާ ވެއްޓެއް އެކުލަވައިލުމަށް ވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ.
"މި މަޝްރޫއުން މާލެ ސަރަޙައްދުގެ ތޮއްޖެހުމަށް ވަށާޖެހޭ ހައްލެއް ގެނެސްދޭނެ."
ޒަރީރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަރީރު ވިދާޅުވި ގޮތުގައި، ދައުލަތުގެ އުމްރާނީ ތަރައްގީ (ޕީއެސްއައިޕީ) މަޝްރޫއުތަކަށް އެކަނިވެސް 8.2 ބިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ މިހާރު ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމައި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކަށް ހުރަހެއް ނޭޅޭނޭހެން މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.