ކުޅިވަރު
ރާއްޖޭގެ ޒުވާން ފުޓުބޯޅަ ޓީމުން މޮޅަކާއެކު ވޯލްޑް ކަޕް ނިންމާލައިފި
ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމް---
ބްރިޓިޝް ވާޖިން އައިލެންޑްސްގެ މައްޗަށް ކުރިހޯދައި، ރާއްޖޭގެ 15 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމުން މޮޅަކާއެކު 15 އަހަރުން ދަށުގެ ވޯލްޑް ކަޕް މުބާރާތް ނިންމާލައިފިއެވެ. ރާއްޖޭގެ ޒުވާން ޓީމުން ކުޅުނު ފަހު މެޗުގައި މިއަދު ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ދުނިޔޭގެ ފެންވަރުގެ ބޮޑު މުބާރާތެއްގައި ފީފާގެ މެމްބަރު ހުރިހާ ޤައުމެއްގެ ޝާމިލުވުން އިތުރުކުރުމުގެ މަޤްޞަދުގައި، ފެސްޓިވަލެއްގެ ގޮތަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ރާއްޖެ ހިމެނުނީ ގްރޫޕް "އޭ" ގައެވެ. ރާއްޖެއާއެކު މި ގްރޫޕުގައި ވަރުގަދަ ޤައުމުތަކެއް ވާދަކުރިއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގެ ތިންވަނައިގައި މިވަގުތު އޮތް ފްރާންސާއި، 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވި ސައުތު އެފްރިކާގެ އިތުރުން އެސްޓޯނިއާ، ކޮސޯވޯ އަދި އަންގީލާ ހިމެނެއެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗުން ރާއްޖެ ބަލިވި ނަމަވެސް، އަންގީލާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެމުންދިޔައިރު ވެސް ރާއްޖޭގެ ޓީމުން ވަނީ މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅުކޮށް، ނެރޭ ނަތީޖާތަކަށް ކުރިއެރުން ހޯދާފައެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު ދެން ކުރިއަށްދިޔައީ މި ފެސްޓިވަލްގެ ރޭންކިން ކަނޑައެޅުމަށް ކުޅުނު މެޗުތަކެވެ. މުބާރާތުގެ ތައްޓަށް ވާދަކުރުމުގެ ފުރުސަތު ލިބެނީ ގްރޫޕް ސްޓޭޖުގެ ނަތީޖާތަކަށް ބަލައި އެއްވަނަ ޓިއާއަށް ދަތުރުކުރި ޓީމުތަކަށެވެ.
ފަހު މެޗުގައި ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ހޯދި މޮޅާއެކު ރާއްޖެއިން މި މުބާރާތް ނިންމާލިއިރު، ދުނިޔޭގެ 189 ޤައުމަކުން ވާދަކުރި މި ބޮޑު މުބާރާތުން ރާއްޖެއަށް ލިބުނީ 159 ވަނަ ރޭންކިންއެވެ.
ރާއްޖޭގެ ޒުވާން ޓީމު މި މުބާރާތާ ކުރިމަތިލީ ތަޖުރިބާކާރު ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓޭ) ގެ އިރުޝާދުގެ ދަށުންނެވެ. ޝާކިއްޓޭގެ ބެލުމުގެ ދަށުން ޒުވާން ކުޅުންތެރިން ވަނީ ބައިނަލްއަޤްވާމީ މިފަދަ ބޮޑު މައިދާނެއްގައި އަގުހުރި ތަޖުރިބާތަކެއް ހާސިލުކޮށްފައެވެ.
މިދިޔަ ޑިސެމްބަރު މަހު ފީފާ ކައުންސިލުން ބޭއްވުމަށް ފާސްކުރި 15 އަހަރުން ދަށުގެ މި މުބާރާތަކީ ފީފާގެ މެމްބަރު ހުރިހާ ޤައުމަކަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. ފީފާގެ ނިންމުމުގައިވާ ގޮތުން ދެ ޖިންސަށް ވަކިން މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް، މި އަހަރުގެ މުބާރާތް ކުރިއަށްދިޔައީ ހަމައެކަނި ފިރިހެން ކުދިންނަށެވެ. އަދި އަންހެން ކުދިންނަށް ޚާއްސަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.