ކުޅިވަރު

އެމްބައްޕޭ ޗައިނާގެ ކިބައިން މާފަށް އެދެފި: ނަމަވެސް ގިނަ ބަޔަކަށް ވީގޮތެއް ނޭންގޭ

އެމްބައްޕޭ ޗައިނާގެ ކިބައިން މާފަށް އެދެފި: ނަމަވެސް ގިނަ ބަޔަކަށް ވީގޮތެއް ނޭންގޭ

ޗައިނާގެ އިސްތިހާރެއްގައި އެމްބައްޕޭ / ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 އޮކްޓޯބަރު 2026، 08:09

30 އޮކްޓޯބަރު 2026، 08:09

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކީލިއަން އެމްބައްޕޭ، ޗައިނާގެ ރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމް ކުޑަވާ ފަދަ ވާހަކައެއް ދެއްކި ކަމަށް ބުނެ ކުރިމަތިވި ބޮޑެތި ފާޑުކިޔުންތަކާ ގުޅިގެން މާފަށް އެދިއްޖެއެވެ. ނަމަވެސް ޗައިނާގެ ސެންސާޝިޕް ނިޒާމު އޮންނަ ގޮތުން، އަސްލު ހިނގައިދިޔަ ކަންތަކަކީ ކޮބައިކަން އެ ގައުމުގެ ގިނަ ބަޔަކަށް އަދިވެސް ސާފެއް ނުވެއެވެ.

މި މައްސަލަ ފެންމަތިވެގެން ދިޔައީ ހޯމަ ދުވަހުގެ ރޭ ލަންޑަންގައި ބޭއްވި ބެލޮންޑިއޯ ހަފްލާގައި އެމްބައްޕޭ ބައިވެރިވަމުން ދިޔަ ވަގުތު، ސޯޝަލް މީޑިއާގައެވެ. އެއީ އޭނާ އެންމެ ބޮޑަށް ހެއްވާ "މީމް" އަކީ ކޮބައިތޯ އެހުމުން، ޗައިނާގެ "ޑިކްޓޭޓަރެއް" ގެ ފޮޓޯއަކަށް އޭނާގެ މޫނު އަޅުވާފައިވާ މީމްއެއް ކަމަށް ބުނެ އޭނާ މަޖާޒީ ގޮތަކަށް ވާހަކަދެއްކި ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ. އެ މީމްގައި ސިފަކޮށްފައި ވަނީ ޗައިނާގެ ކޮމިއުނިސްޓް ވެރިކަމުގެ ބާނީ މާއޯ ޒެޑޮންގްއެވެ.

މި ވީޑިއޯ ވައިރަލްވުމާއެކު، ޗައިނާގެ ކުންފުނިތަކުން އެމްބައްޕޭއާއެކު ހަދާފައިވާ ވިޔަފާރި އެއްބަސްވުންތައް ކަނޑާލަން ފެށިއެވެ. އަދި ދައުލަތުގެ މީޑިއާ ހިންގާ ޗައިނާ މީޑިއާ ގްރޫޕުން ވަނީ ސްޕެނިޝް ލަލީގާ މެޗުތައް ދެއްކުން ވަގުތީ ގޮތުން ހުއްޓާލާފައެވެ. މިކަމާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ، ޗައިނާ ރައްޔިތުންގެ އިހުސާސްތަކަށް އަނިޔާވާ ފަދަ ބަސްތަކާއި އަމަލުތަކާ ދެކޮޅަށް އެ ގައުމުގެ މުޖުތަމައު އެކުގައި ތެދުވާނެ ކަމަށެވެ.

ހާލަތު ގޯސްވަމުން ދިޔުމާއެކު، އެމްބައްޕޭ ވަނީ އޭނާއަށް ބުނެވުނު ބަސްތަކަށް "އިހުލާސްތެރިކަމާއެކު މާފަށް އެދޭ" ކަމަށް ބުނެފައެވެ. އަދި އޭނާ ކުޅެމުން އަންނަ ރެއާލް މެޑްރިޑާއި ލަލީގާއިން ވެސް ވަނީ މިކަމާ ގުޅިގެން މާފަށް އެދި ބަޔާން ނެރެފައެވެ. ޗައިނާއަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެއް މާކެޓެވެ. ޗައިނާ ސަރުކާރުން ބުނެފައިވަނީ އެމްބައްޕޭ މާފަށް އެދިފައިވާތީ އެކަން ބަލައިގަންނަ ކަމަށެވެ.

މި ހުރިހާ ކަމެއް މިހެން ހިނގި ނަމަވެސް، ޗައިނާގެ އިންޓަނެޓް ބަލަހައްޓާ ވަރުގަދަ ސެންސާޝިޕް ނިޒާމުގެ ސަބަބުން، އެމްބައްޕޭ ބުނީ ކީކޭކަން އަދި އޭނާ މާފަށް އެދުނީ ކޮން ކަމަކާ ގުޅިގެންކަން ޗައިނާގެ ގިނަ ރައްޔިތުންނަކަށް ނޭނގެއެވެ. މާއޯ ޒެޑޮންގްގެ ނަން ސޯޝަލް މީޑިއާގައި ބޭނުންކުރުން މަނާކޮށްފައި އޮތުމުން، އާންމުން ދިޔައީ "100 ޔުއާންގެ ނޫޓުގައި ހުންނަ މީހާ" ނުވަތަ "ޓީޗަރު" ފަދަ އިބާރާތްތައް ބޭނުންކޮށްގެން ކަން ހިނގައިދިޔަ ގޮތް ހޯދަން މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އޭއައި ޗެޓްބޮޓްތަކުން ވެސް މި މައުލޫމާތު ސެންސަރުކޮށްފައިވާތީ ގިނަ ބަޔަކަށް އެކަން އޮތީ ސިއްރެއްގެ ގޮތުގައެވެ.

މާއޯ ޒެޑޮންގް އަކީ ޗައިނާގެ ތާރީޚުގައި އެތައް މިލިއަން ބަޔަކު މަރުވެގެންދިޔަ ހާދިސާތަކެއް ހިނގި ނަމަވެސް، އެ ގައުމުގައި ވަރަށް މަތީ ދަރަޖައެއް ދެވިފައިވާ ޝަޚުސިއްޔަތެކެވެ. އެހެންކަމުން ޗައިނާގެ އެތެރޭގައި އެމްބައްޕޭއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ޗައިނާއިން ބޭރުގައި ދިރިއުޅޭ މީހުންނާއި ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުން ވަނީ މި ހާދިސާއާ ގުޅިގެން އެމްބައްޕޭ މާފަށް އެދެން ނުޖެހޭނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450