ދުނިޔެ

ތެލުގެ އަގު ހެޔޮވުމާއި ކުންފުނިތަކުގެ ފައިދާ އިތުރުވުމާ އެކު އިންޑިއާގެ ހިއްސާގެ ބާޒާރު ކުރިއަށް

ތެލުގެ އަގު ހެޔޮވުމާއި ކުންފުނިތަކުގެ ފައިދާ އިތުރުވުމާ އެކު އިންޑިއާގެ ހިއްސާގެ ބާޒާރު ކުރިއަށް

އިންޑިއާ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ނޮވެމްބަރު 2026، 12:37

03 ނޮވެމްބަރު 2026، 12:37

ކުންފުނިތަކުގެ މާލީ ނަތީޖާ ރަނގަޅުވުމާއި، ސާފުނުކުރާ ތެލުގެ އަގު ދަށަށް ދިއުމުގެ އިތުރުން ބޭރުގެ އިންވެސްޓަރުން އަލުން މާކެޓަށް ވަންނަން ފެށުމާ ގުޅިގެން، އަންގާރަ ދުވަހު އިންޑިއާގެ ހިއްސާގެ ބާޒާރު އިތުރަށް ކުރިއަރައިފިއެވެ.

މިއީ ވިދިވިދިގެން ހިއްސާގެ އަގުތައް އުފުލުނު ހަތަރުވަނަ ދުވަހެވެ.

އިންޑިއާ ގަޑިން ހެނދުނު 9:32 ގައި ބެންޗްމާކް ނިފްޓީ 50 އިންޑެކްސް ވަނީ 0.76 އިންސައްތަ މައްޗަށް ޖެހިލައި 23،622.25 އަށް އަރާފައެވެ. އަދި ސެންސެކްސް އިންޑެކްސް 0.92 އިންސައްތަ އުފުލި، 76،385.48 ޕޮއިންޓަށް އަރާފައިވެއެވެ. ހޯމަ ދުވަހު މި ދެ އިންޑެކްސް ވެސް 1.7 އިންސައްތަ އުފުލިފައިވާއިރު، މިއީ ފާއިތުވި ފަސް ހަފުތާއާއި އަށް ހަފުތާގެ ތެރޭގައި މި އިންޑެކްސްތައް އެންމެ މައްޗަށް ދިޔަ މިންވަރެވެ.

އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ވޯޓުލުން ފެށުމުގެ ކުރިން އޭޝިއާގެ އެހެން މާކެޓުތައް މަޑުޖެހިފައި އޮތް ނަމަވެސް، އިންޑިއާ މާކެޓު ހުޅުވުނުއިރު މައިގަނޑު 16 ދާއިރާގެ ތެރެއިން 14 ދާއިރާއެއްގެ ހިއްސާގެ އަގު ވަނީ މައްޗަށް ގޮސްފައެވެ. މީގެ ތެރޭގައި ސްމޯލް-ކެޕް އިންޑެކްސް 0.4 އިންސައްތަ އަދި މިޑް-ކެޕް އިންޑެކްސް 0.7 އިންސައްތަ ކުރިއެރުން ހޯދާފައިވެއެވެ.

ދުނިޔޭގެ ބާޒާރުގައި ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 105 ޑޮލަރުގައެވެ. މިއީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ގަތަރު މެދުވެރިވެގެން އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކާ ގުޅިގެން، އޭގެ ކުރީ ދުވަހު ތެލުގެ އަގު 7 އިންސައްތަ ވެއްޓުމަށްފަހު ހިފެހެއްޓިފައިވާ މިންވަރެކެވެ.

ހޯމަ ދުވަހު ބޭރުގެ ޕޯޓްފޯލިއޯ އިންވެސްޓަރުން ވަނީ އިންޑިއާގެ ބާޒާރުން ސާފު ފައިދާގެ ގޮތުގައި 31.15 ބިލިއަން ރުޕީސް (328.24 މިލިއަން ޑޮލަރު) ގެ ހިއްސާ ގަނެފައެވެ. ނަމަވެސް އެ ގައުމުގެ އެތެރޭގެ އިންސްޓިޓިއުޝަނަލް އިންވެސްޓަރުން ވަނީ 3.92 ބިލިއަން ރުޕީސްގެ ހިއްސާ ވިއްކާލާފައެވެ.

ނޮމޫރާގެ އެނަލިސްޓުން ކަމަށްވާ ސައޮން މުކަރްޖީ އަދި އަކްޝޭ ރާޖްގަރިއާ ފާހަގަކުރެއްވި ގޮތުގައި، ކުންފުނިތަކުގެ މާލީ ނަތީޖާ ރަނގަޅުވުމާއެކު ކުރިއަށް އޮތް ތަނުގައި ބޭރުގެ އިންވެސްޓަރުން އިންޑިއާގެ ހިއްސާތަކަށް ދޭ ސަމާލުކަން އިތުރުވެ، ފައިސާ ވަންނަ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

ވަކިވަކި ކުންފުނިތަކުގެ ހިއްސާތަކަށް ބަލާއިރު، ކޮޕަރާގެ އަގު ހެޔޮވުމާއި ޑިމާންޑް ރަނގަޅުވުމުގެ ސަބަބުން ކުއާޓާ ފައިދާ އިތުރުވި މެރިކޯ ކުންފުނީގެ ހިއްސާ ވަނީ 4.5 އިންސައްތަ އުފުލިފައެވެ. ސެޕްޓެމްބަރު ކުއާޓާގެ ފައިދާ 51 އިންސައްތަ އިތުރުވި ކޭއާރުބީއެލްގެ ހިއްސާ އަދި ދެވަނަ ކުއާޓާގައި ފައިދާވި ޓްރައިޑެންޓްގެ ހިއްސާ ވަނީ 9.4 އިންސައްތަ މައްޗަށް ގޮސްފައެވެ. މީގެ އިތުރުން ވީއާރްއެލް ލޮޖިސްޓިކްސްގެ ފައިދާ ދެގުނަ އިތުރުވުމާ ގުޅިގެން އެ ކުންފުނީގެ ހިއްސާ 13 އިންސައްތަ އުފުލުނުއިރު، ދެވަނަ ކުއާޓާގެ ފައިދާ ބޮޑުތަނުން ދަށަށް ދިޔަ ކޭއީސީ އިންޓަނޭޝަނަލްގެ ހިއްސާ ވަނީ 4.2 އިންސައްތަ ވެއްޓިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450